Advertisement


(ދެވަނަ ބައި)

ސައްލޯގެ ކެމެރާއާ ދިމާ ތިރިން ވަތްގަނޑެއް ހުޅުވުނެވެ. އެއާއެކު ގޭސް ޖެހުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރުދިނެވެ. އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ. ދެ އަތް މައްޗަށް ނަގައި އަމާންދިނީމެވެ. އިތުރު އަދަބެއް ލިބޭން ބޭނުން ނުވާތީ އެވެ.

ސައްލޯގެ އިތުރު ވަތްގަނޑެއް ހުޅުވުމާއެކު ބިޑިއެއް އަހަންނާ ދިމާއަށް އެއްލި އެވެ. އެ އެޅުވުމަށް އިރުޝާދު ދިނެވެ. ދެ އަތް ފުޅާކޮށްލި އިރަށް އަމިއްލައަށް ބިޑިއެޅުވުނެވެ. އެއާއެކު ފޯނަށް ނޮޓިފިކޭޝަނެއް ލިބުނެވެ. އަހަރެން ބޭނުންވީ މެސެޖު އަޑުއަހައިލާށެވެ. އެއީ ހައްޔަރަށް ގެންދެވުނުކަމުގެ ލިޔުމެވެ.

ބަރުގޮނުގެ އަޑު އިވުނެވެ. ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. ބަލައިލަން ރީތި، ކުކުޅުބިސް ބައްޓަމަށްދާ މަޑު ނޫކުލައިގެ ދިހުންކުލަ އަރާ އުޅަނދެކެވެ. ހަތަރުދިމާއިން ވަށްބުރެއްގެ މެދުން ހަތަރު ބުރަފަތީގެ އެހީގައި އެ އުޅަނދު މަތިން ތިރިވަނީ އެވެ. އޭގައި ތާނައިން ލިޔެފައިވާ ނަން، "ޑުރޯކާ"ގެ ތިރިން އިނގިރޭސިބަހުން ލިޔެފައިވާ "ޕޮލިސް އެއާބަސް ޕޮޕްއަޕް" ހިތުން ކިޔައިލީމެވެ. އެ އުޅަނދު ތިރިވުމާއެކު އުޅަނދަށް އެރުމަށް އެންގިއެވެ. އުޅަނދަށް އަރައި ހަމަޖެހިލީމެވެ. ހުސް އުޅަނދެކެވެ. ދުއްވާނެ މީހަކު ނެތެވެ. ނަމަވެސް، ބޭނުންވާ ހުރިހާ އިރުޝާދެއް އިވެމުން ދިޔަ އެވެ. މައްދިވެހިބަހުންނެވެ. މަންޒިލަކީ "ގައިދީންގެ އިސްލާހީ ހިދުމަތުގެ މަޒުކަރު 5" ކަމުގައި ބުނެދިނެވެ. އުޅަނދު އުދުހިގަތެވެ. ކުޑަދޮރުން މަންޒަރުތައް ބަލާން އަހަންނަށް އިނދެވުނީއެވެ. ހަރުފަތަކެއް ފަދައިން ބަނޑިބަނޑިލަމުންދިޔަ މޮނޯރެއިލްތަކަށެވެ. ދޫނިތަކެއް ފަދައިން އުދުހެމުންދިޔަ މިނީ އެއަރބަސްތަކުގެ ހަރަކާތްތަކަށެވެ. މަސްނޫއީ ކުލަބޮކިތަކުގެ ނަލަ ހަރަކާތްތަކަށެވެ. އަންތަރީސްވެފައި އިނދެވުނީ ރާއްޖެއަށް ގެނެވިފައިވާ ބަދަލާމެދު ވިސްނާށެވެ.

އުޅަނދު ތިރިކޮށްލި އެވެ. މުޅީން އެހެން ރަށަކަށެވެ. އެކަހެރިކޮށް އޮތް މަންޒިލަކަށެވެ. އިވުނު އިރުޝާދާއެކު އަހަރެން ފޭބީމެވެ. އެހައި ހިސާބުން އެ އުޅަނދުގެ ވާޖިބުއަދާވީ އެވެ. ދެން ހަވާލުވާނީ "ދޮށިމޭނާ" ކަމުގައި ބުނެދިނުމަށްފަހު އުޅަނދު މައްޗަށް އެރިއެވެ. އާގަމަވެފައި ހުރެވުނީ އެވެ. އިރުކޮޅެއް ނުވަނީސް އަހަރެންގެ ނަމުން ގޮވާލިއެވެ. މިފަހަރު އިވުނީ އަންހެން އަޑެކެވެ. މޫރިތިވި ދިވެހިބަހުން އަހަންނަށް މުހާތަބުކުރި އެވެ. އަމިއްލައަށް ތަޢާރަފުވިއެވެ. އާއްމުނަމަކީ "މޭނާ" ކަމަށް ވެސް ބުނެދިނެވެ.

ލައިގެން ހުރި ހެދުން ބަދަލުކޮށް، ގައިދީންގެ ހެދުން އެޅުމަށް އެންގި އެވެ. ދޮންކެޔޮވަކާއި ކިރުތަށްޓެއް ދެއްކުމަށްފަހު އެ ބުއިމަށް އިންޒާރުދިނެވެ. ސުވާލުކޮށްލެވުނެވެ. ވަގުތުން ޖަވާބު އިވެން ފެށި އެވެ. ކުދި ކިޔައިލެވުނެވެ. ހިތްހަމަ ނުޖެހިގެން އެކަން ފާޅުކޮށްލެވުނެވެ. ބަހެއް ވެސް ދުލުން ބޭރުކޮށް ހުންނާން މަޖުބޫރުވީ އެވެ. މޭނާއަށް ލިބިދީފައިވާ ބާރުތައް އަޑުއަހާށެވެ. މޭނާގެ ހުޝިޔާރުކަމުންނެވެ.

ކުރާނެ ކަމެއް ނެތެވެ. މިހާރު މިހުރީ ނޭނގި ނަމަވެސް ކުށްވެރިވެފަ އެވެ. ކުށް ކުރެވިގެން އެ ކުށުގެ އަދަބު ތަންފީޒުކުރުމަށް ގައިދީންގެ ހެދުން އެޅިފަ އެވެ. ދެން އޮތީ މިތަނުން ސަލާމަތްވުމެވެ. މޭނާ ބުނިއްޔާ ބުނިހާ ގޮތެއް ހަދަމުން ކުރިއަށް ދިޔައީމެވެ. އެއް ކަންތައް ނިމޭ އިރަށް އަނެއް ހަ ކަންތައް ޖައްސަ އެވެ. އިނގިލީގެ ނިޝާން ސްކުރީނުގައި ޖައްސުވަ އެވެ. މޭނާ ބުނާ ގޮތް ނޫން ގޮތަކަށް ފިޔަވަޅެއް އެޅިޔަސް އިންޒާރުދޭން ފަށައެވެ. އަހަންނަށް ރުޅި ކޮންޓްރޯލް ކުރެވެނީ ހަމަ ކިރިޔާ އެވެ.

"ކިހާ ބޮޑު ކަމެއްތަ މީ؟ މިތާ އިންސާނަކު ވެސް ނޫޅެނީތަ؟ އަހަރެން ބޭނުންވަނީ އިންސާނަކާ ވާހަކަދައްކަން،" އަހަރެން ހަޅޭއްލަވާގަތީމެވެ.

އެއާއެކު އިވުނީ ކަންފަތަށް އުނދަގޫވާ ކަހަލަ ތޫނު ހިމުން އަޑެކެވެ. އެ އަޑުގެ ސަބަބުން ބޮލަށް ފާޑެއްގެ ގޮތެއްވާން ފެށި އެވެ. ކުރިމަތީގައި ހުރި ސްކުރީނުން ދޫކުރާން ފެށި ރަތްކުލައިގެ ލޭޒަރ އަލިތައް އަމާޒުވީ ސީދާ މެއަށެވެ. ހިތަށެވެ. އެއާއެކު މަންޒަރު ކަޅުވާންފެށި އެވެ.

ލޯ ހުޅުވާލެވުނު އިރު އޮތީ ގޮދަޑިއެއްގެ މަތީގަ އެވެ. ޝައްކުވެގެން އަނެއްކާ ވެސް ލޯ މަރައިލުމަށްފަހު ލޯ ހުޅުވާލީމެވެ. ހީވީ ރަނގަޅަށެވެ. މި އޮވެވުނީ ގޮދަޑިއެއްގަ އެވެ. އަހަރެން ބޭނުންވީ އެގޮތަށް އޮންނާށެވެ. އަރާމުކޮށް ނިދައިލާށެވެ.

"މިހާރު ފަސް ގަޑިއިރު ވެއްޖެ،" އިވުނީ މޭނާގެ އަޑެވެ.

އެއީ ތެދެއް ހެއްޔެވެ؟ އަހަންނަށް އަތްފައި ގުޑުވާ ވެސް ނުލެވޭނެ ހެއްޔެވެ؟ މީހާ ހަށިގަނޑު ހިއްލައި ވެސް ނުލެވޭނީ ހެއްޔެވެ؟ އެހައި ބާރުގަދަ އަދަބު މޭނާއަށް ދެވޭ ހެއްޔެވެ؟ އެއީ އިންސާނެއް ވެސް ނޫންތާއެވެ! ޕްރޮގުރާމު ކޮށްފައިވާ މެޝިންތަކެކެވެ. މަސްނޫއީ ތޫނުފިލިކަމުގެ އެހީގައި ވާހަކަދައްކަން ދަސްކޮށްދީ ހަރަކާތްތަކާއި އިންސާނީ ސިފަތަކާއި ގޮތްތައް ދަސްކޮށްދީފައިވާ އީޖާދުތަކެކެވެ.

އަހަރެން އުޅުނީ ދެކޮޅު ހަދާށެވެ. އަތް ހިއްލައިލާށެވެ. ފައި ގުޑުވާލެވޭތޯ އެވެ. އެއްވެސް ކަމެއް ނުކުރެވުނެވެ. މޭނާ ވާހަކަފެށި އެވެ. ތޯތޯއެއް ނޫންކަމަށް ބުނެ ހެކި ދައްކަން ފެށިއެވެ. ކުރިމަތީގައި ހުރި ފާރުން ސްކުރީނެއް ފާޅުވި އެވެ. އެ ސްކުރީނުން އަވަސްވެފައިވާ މަންޒަރުތަކެއް ދައުރުވަމުން ގޮސް އަހަރެން ކުރިއްޔާ ކުރި ހުރިހާ ކަމެއް ދެއްކި އެވެ. ރުޅިގަދަވެގެން ފާރުގައި ހުރި ސްކުރީންތަކުގައި ތަޅަމުން ހަޅޭއްލަވަމުންދިޔަ މަންޒަރު ވެސް ފެނުނެވެ. ބުނާނެ އެއްޗެއް ނުވިސްނުނެވެ. ދައްކާނެ ވާހަކައެއް ނޭނގުނެވެ. މަންޒަރުތައް އެހުރީ ރެކޯޑްކޮށްފަ އެވެ.

"ބޭނުމީ ވަކީލެއް،" ހަރު ރާގެއްގައި ބުނެލީމެވެ. "އިންސާނެއް،"

"ޖެހޭނީ ފައިސާ ދައްކަން،" މޭނާ ބުނެލި އެވެ.

"ފައިސާ؟" އަހަރެން ހައިރާންކަމާއެކު އަހައިލީމެވެ.

"ދައުލަތުން ފޯރުކޮށްދޭނީ ދާދިވަރު ވަކީލުން،" ފަރިތަކަމާއެކު މޭނާ ބުނެލި އެވެ.

އަހަންނަށް ޗުސް ޖަހައިލެވުނެވެ. ކުދި ކިޔެން ފެށުނެވެ. ޒަމާނީ ފަންނިއްޔާތަށް ކަންކަން ބައްޓަން ކުރި ނަމަވެސް މިއީ ބޮޑުވަރު ނޫންހޭ ހިތްބުނެލި އެވެ. ތުންފަތް ހަރަކާތްކޮށްލެވުނެވެ. އަޑެއް ބޭރެއް ނުކުރަމެވެ. ބޮލަށް އުނދަގޫވާނެތީ އެވެ.

"ސާފެއްނުވި. އަދި އެއްފަހަރު ބުނެލަންވީނު،" މޭނާއަށް ތުންފަތުގެ ހަރަކާތް ވެސް ފާހަގަވީ އެވެ.

އިންސާނީ ވަކީލެއް ބޭނުންވާކަމަށް ބުނީމެވެ. އެއާއެކު ވަކީލުންގެ ގޮތުގައި އެ ޖަލަށް ހިދުމަތުގައި ތިބި މީހުންގެ ފޮޓޯއާއި އަގުތައް ސްކުރީނަށް އަރުވަން ފެށި އެވެ. އަހަންނަށް ކިޔައިލެވުނީ ފާލިހު ފަރޫހްގެ ނަމެވެ. މަޑުމަޑުން ތުންފަތް ވެސް ހަރަކާތްކޮށްލި އެވެ.

"އަދި ސާފެއް ނުވި. ތަންކޮޅެއް ބާރަށް ނަން ކިޔައިލާ!"

"ފާލިހު ފަރޫހް." އަހަރެން ބާރުބާރަށް ކިޔައިލީމެވެ.

އަނގައިގަ އެއްކޮޅު އޮއްވާ މޭނާ ޖަވާބުދިނެވެ. އެތަނުން ބޭރަށް ފޯނުކުރާނަމަ އިތުރަށް ފައިސާ ނަގާނެ ކަމަށް ބުންޏެވެ. ސުވާލަކަށްވީ ފައިސާ ހޯދާނެ ގޮތެކެވެ. ބަންދުގައި ހުރެ ފައިސާ ލިބޭނެ މަގެކެވެ.

"މަސައްކަތްކޮށްގެން ފައިސާ ހޯދޭނެ. ފޯރުކޮށްދޭ އަސާސީ ކަންކަން ނޫން ކަމެއް ބޭނުންނަމަ ޖެހެނީ ފައިސާ ދައްކަން،" މޭނާ ބުނެލި އެވެ.

ފައިސާ ހޯދުމަށް ކަންކުރާންވީ ގޮތާއި ފައިސާ ލިބުމުން އެނގޭނެ ގޮތްތައް ވެސް މޭނާ ކިޔައިދިނެވެ. އަހަންނަށް އެ މަންޒަރުތަކަށް ބަލަން އިނދެވުނީ އެވެ. ކުރާނެ މަސައްކަތަކާ މެދު ވިސްނާށެވެ. އެ ތަނުން އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހަންނަކީ ތުނޑުކުނާ ވިޔާން އެނގޭ މީހެއް ނޫނެވެ. ވޫލުން ގަތަން ދަންނަ މީހެއް ނޫނެވެ. ޕްލާސްޓިކުން ގަހަނާ ހަދަން އެނގޭ މީހެއް ނޫނެވެ.

"މަސައްކަތް ކުރާނެ ގޮތުގެ ޓިއުޓޯރިއަލް ބެލޭނެ،"

އަހަންނަށް ލިބުނީ އިތުރު ހިތްހަމަޖެހުމެކެވެ. ޖަލުގައި އޮވެގެން ފައިސާ ހޯދޭނެ ގޮތެއް ފަހިވެފައިވާތީއެވެ. ފައިސާ އެއްކޮށްގެން ދަރިފުޅަށް ގުޅިއްޖެ ނަމަ އަހަރެން ސަލާމަތްކުރާން އޭނާ އަންނާނެތީ އެވެ.

ތުނޑުކުނާ ވިޔާނެ ގޮތުގެ ޓިއުޓޯރިއަލް ބަލަން ޝައުޤުވެރިވިއެވެ. އެ ވާހަކަ ބުނުމާއެކު ކުނާ ވިޔާ މަންޒަރުތައް ދައްކަން ފެށި އެވެ. އަހަންނަށް އެކަންވީ ޝައުގުވެރިކަމުން ފުރިގެންވާ ކަމަކަށެވެ. އެކަމަކު އަހަންނަށް ގުޑުވާލެވޭނީ ވަގުތު ޖެހުމުންނެވެ. ހަރަކާތެއް ކޮށްލެވިގެން ނޫނީ ކަމެއް ކުރެވޭކަށް ނެތެވެ.

"އެގާރަ ގަޑި ތިރީހުގައި. މިހާރު އެގާރަގަޑި ފަނަރަ،" ސުވާލު ކުރުމުގެ ކުރީން ހިތަށް އެރި ސުވާލަށް މޭނާ ޖަވާބު ދިނެވެ.

(ނުނިމޭ)

ފުރަތަމަ ބައި