Advertisement

ބިލު ބޭރުކޮށްލިޔަސް ގޯތިތައް ދޭނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ދީފި

4 ޖޫން 2024 - 13:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ މާލޭ މެންބަރުންނާއެކު، ޕީޖީ ލީޑަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް


ބިލު ބޭރުކޮށްލިޔަސް ގޯތިތައް ދޭނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ދީފި

4 ޖޫން 2024 - 13:55 0

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ކުރީގެ މަޖިލީހުން ފާސްކުރި ބިލު، ސަރުކާރު މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހުން ބޭރުކޮށްލިޔަސް ގޯތިތައް ދޭނެ ކަމުގެ ޔަގީން ކަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ދީފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ބިލު ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވި އިރު 19 ވަނަ މަޖިލީހުގެ ދައުރު ހަމަވެއްޖެ އެވެ. އާ މަޖިލީހުގެ ފުރަތަމަ އެއް މަސައްކަތަކަށްވީ އެ ބިލާ މެދު ގޮތެއް ނިންމުމެވެ.

މިއަދު މަޖިލީހުގައި ވޯޓަށް އެހީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ބިލު ބޭރުކޮށްލި ސަބަބު ތަފްސީލު ކޮށްދެއްވުމަށް މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ ޕީއެންސީގެ މެންބަރުންނާއެކު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި އެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެއްވި ޔަގީން ކަމަކީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް އެ ޕާލިމެންޓްރީ ގްރޫޕުން އަމަލު ނުކުރައްވާނެ ކަމެވެ.

"މާލޭގެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނަށް، ދާދި ފަހުން ހުށަހެޅި އިސްލާހުގައި ގާނޫނުގައި ހުރި އެހެން ކަންކަމާ ފުށު އަރާ ވަރަށް ގިނަ ކަންތައްތަކެއް، ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީގައި ވެސް ފާހަގަ ކުރެއްވި، ގޯތީގެ ރަޖިސްޓްރީކުރި އިރު ގޯތި ހުރި ތަނެއް ވެސް ނޭނގެ، ގިނަ ގޯތި ދީފަ ހުރީ އޭރު ނުހިއްކާ ހުރި ބިންތަކުން،" ފަލާހު، ބިލު ބޭރުކޮށްލި ސަބަބު ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ފަލާހު ވިދާޅުވީ ގޯތި ޔަގީންކޮށްދިނުމަށް ބިމުގެ ބިލުގެ ނަމުގައި ސަރުކާރުން ފޮނުވި ބިލުން މުޅި މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށެވެ.

މާލޭ ދާއިރާ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެ މެންބަރުން ވެސް ތަކުރާރު ކުރެއްވި ވާހަކައަކީ ކުރިން އޮތް ބިލަކީ ބޭނުމެއް ނެތް ބިލެއް ކަން ސާފުކޮށްދެއްވުމެވެ. އަދި ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތީގެ ލިޔުމެއްވާނަމަ ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ދެއްވުމެވެ.

މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގުނުކުރައްވައި އަލުން ފޮނުވައިލުމުން އާންމު އުސޫލަކީ އެ ގޮތަށް ބިލް ފާސްކުރުން ނުވަތަ ކޮމިޓީއަކަށް ފޮނުވާލުމެވެ. މަޖިލީހުން ބިލު ބޭރުކުރާ ނަމަ އެ ގޮތަށް ފުރަތަމަ ނިންމަން ޖެހޭނީ ކޮމިޓީންނެވެ. ބިލު ބޭރުކޮށްލެވޭނީ ކޮމިޓީ ރިޕޯޓް ތަޅުމުން ފާސްކޮށްގެންނެވެ. އެކަމަކު މިއަދު ތަޅުމުން މި ބިލު ސީދާ ބޭރުކޮށްލަން ހުށަހަޅައި މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކުރީ އެވެ.