Advertisement

ހެނދުނު ގަޑީގައި ޔޫތު ޗެމްޕިއަންޝިޕް މެޗުތައް ކުޅެން ކޯޗުން ބޭނުމެއްނުވޭ

4 ޖޫން 2024 - 08:44 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


ހެނދުނު ގަޑީގައި ޔޫތު ޗެމްޕިއަންޝިޕް މެޗުތައް ކުޅެން ކޯޗުން ބޭނުމެއްނުވޭ

4 ޖޫން 2024 - 08:44 1

މި މަހު ނުވަ ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ބައެއް މެޗުތައް، ހެނދުނު ގަޑީގައި ކުޅެން ޝެޑިއުލްކުރުމާ އެކު، ޓީމުތަކުގެ ކޯޗުން ނުރުހުންފާޅުކޮށްފި އެވެ.

ޖުމްލަ އަށް ޓީމާ އެކު، މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، އިއްޔެ ވަނީ މުބާރާތުގެ ގުރުއަތުލުން ބާއްވައިފަ އެވެ.

އެ ގޮތުން، ގުރުއަތުލުމަށް ފަހު މުބާރާތުގެ ޝެޑިއުލާ ބެހޭ މައުލޫމާތު ޓީމުތަކަށް ދިންއިރު، މެޗުތައް ކުޅޭ ވަގުުތުތަަކުގެ ގޮތުގަައި ހިމަނާފައިވަނީ، ހެނދުނު 8:00 ގައި އެއް މެޗު އަދި ހަވީރު 16:00 އަނެއް މެޗު ކުޅޭ ގޮތަށެވެ.

އެފްއޭއެމް އިން ކްލަބްތަކުގެ ސުވާލުތަކަށް ދިން ޖަވާބުގައި ބުނެފައިވަނީ، މެޗުތައް ކުޅޭނެ ވަގުތު ހަމަޖެއްސީ، ގަލޮޅު ދަނޑުގައި އެކަން ކުރަން ހުއްދަ އޮތް ވަގުތުތަކަށް ބަލާފައި އެ އަށް ފެއްތުމަށް ފަހު ކަމަށެވެ.

"ހެނދުނު 8 ޖަހާއިރު، މެޗު ކުޅެންޏާ ތައްޔާރުވާން ކުދިން އެބަޖެހޭ ފަތިހުން ފެށިގެން، މިހާރު ހޫނު މިން އެ ހުރި ގޮތުން، ގަލޮޅު ދަނޑުގައި ހެދުނު މެޗުތައް ކުޅުވުމަކީ އެއް ގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމެއްގެ ކޯޗަކު ބުންޏެވެ.

"ޓީމުތަކުން މަޝްވަރާކޮށްފައި މިހާރު ވާނީ މި ކަމަށް ބަދަލެއް ގެންނަން ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަން ޖެހުނަަސް އެކަން ކުރަން، އެއީ، މި ކިޔަނީ ޔޫތު މުބާރާތެއް، 90 މިނިޓަށް ހެނދުނުގެ އެ ހޫނު ވަގުތުގައި ކުޅުވަން، މިއީ ކުރެވޭނެ ކަމެއް ނޫން،" ދުރާލާ މުބާރާތަށް ތައްޔާރުވި ޓީމެއްގެ ކޯޗަކު ކަންބޮޑުވުންތައް ފާޅުކުރަމުން ބުންޏެވެ.

މި މަހު ނުވަ ވަނަ ދުވަހަށް މުބާރާތް ފަށަން ނިންމީ ދެ ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު އެވެ. އެ ގޮތުން، ފުރަތަމަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށަން އޮތީ މިދިޔަ މަހު 20 ގަ އެވެ. ދެން، މި މަހު އެއް ވަނަ ދުވަހަށް ފަސްކުރުމަށް ފަހު، އަނެއްކާ ވެސް ތާވަލުކޮށްފައި މި ވަނީ، މި މަހު ނުވަ ވަނަ ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި، މުބާރާތް ފަސްކުރަން ޖެހުނީ، ގަލޮޅު ދަނޑުގެ ލައިޓްގެ މަސައްކަތް އެއްކޮށް ނިމެންދެނެވެ. ސްޕޯޓްސް މިނިސްޓްރީން ބުނެފައިވަނީ، ސިފައިންގެ ސިވެކް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދަނޑުގެ ލައިޓްތައް ހެދުމުގެ މަސައްކަތް މި މަހުގެ ކުރީކޮޅުގައި ނިމޭނެ ކަމަށެވެ.

އެފްއޭއެމް އިން މީގެ ކުރިން ބޭއްވި އެއްވެސް ޔޫތު ޗެމްޕިއަންޝިޕް ލެވަލްގެ މުބާރާތެއްގެ މެޗުތައް، ހެނދުނު ކުޅެފައިނުވެ އެވެ. މީގެ ކުރިން، 16، 19 އަދި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މެޗުތައް މުޅިން ކުޅެފައިވަނީ، ހަވީރާއި ރޭގަނޑު އެވެ. ހެނދުނު ގަޑީގައި ކުޅެފައި ވަނީ، އިންޓަ ސްކޫލްގެ މެޗުތައް އެކަންޏެވެ.