Advertisement

މުޅި ދައުލަތް ޕީއެންސީއަށް: ގައުމީ މަސްލަހަތު އިސް ކުރެވޭނެތަ؟

4 ޖޫން 2024 - 09:06 5

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދައުލަތުގެ ތިން ބާރު ވެސް ޕީއެންސީގެ އަތްދަށުގައިވާ ކަން - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


މުޅި ދައުލަތް ޕީއެންސީއަށް: ގައުމީ މަސްލަހަތު އިސް ކުރެވޭނެތަ؟

4 ޖޫން 2024 - 09:06 5

ކޮންމެ އިންތިހާބަކު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސިޔާސީ އަހުލާގެއްގެ ގޮތުގައި ރައްޔިތުންނަށް ވިއްކެވި ކަމަކީ ގައުމީ މަސްލަހަތު އިސްކުރުމެވެ. ސިޔާސީ ވަކިވަކި މީހުންގެ ޒާތީ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ދެއްކުމެވެ. ވެވަޑައިގެންނެވި ވައުދަކީ ސިޔާސަތާ ގުޅުންހުރި ސިޔާސީ މަސައްކަތެއް ކުރައްވާނެކަމުގެ ވައުދެވެ.

މާލޭގެ މޭޔަރު އިންތިހާބުން ފެށިގެން އިންތިހާބުތައް ކާމިޔާބު ކުރުމުގެ ޓްރެކް ރެކޯޑެއް މިހާރު ގާއިމުކުރައްވާފައިވާ ރައީސް މުއިއްޒަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިވަޑައިގަތުމަށް ފަހު ދެން ތިއްބެވި ސިޔާސީ ލީޑަރުންނަށް ވެސް ގޮވާލެއްވީ ގައުމުގެ މަސްލަހަތު އިސްކޮށްދެއްވުމަށެވެ.

"އަޅުގަނޑު މިހާރު އެދެނީ ހިޔާލު ތަފާތު ވުން ދޫކޮށްލަން، އިންތިހާބު މި ނިމުނީ، އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކީގައި، ގޮވާލަން، ހުރިހާ ސިޔާސީ ވެެރިންނަށް ވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް، ހިންގަވާށޭ ކުރިއަށް ދާން، މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ގައުމުގެ މަސްލަހަތު އިސްކުރުމުގެ ވާހަކައަށް ބަލާ އިރު އޭގެ އެންމެ ބޮޑު އިމްތިހާނެއް ރައްޔިތުން ހަވާލުކޮށްފައި މި ވަނީ ރައީސް މުއިއްޒަށެވެ. އެމަނިކުފާނު ލީޑު ކުރައްވާ ޕީއެންސީއަށް މުޅި ދައުލަތް އެ ވަނީ "ހިތަކަށް" ލިބިފަ އެވެ. ރައްޔިތުން އެ ވަނީ އެ ބާރުވެރިކަން އެ ޕާޓީއަށް ދީފަ އެވެ.

ވެރިކަން ހިންގަނީ މިހާރު ރައީސް މުއިއްޒާއި އެމަނިކުފާނުގެ ވަޒީރުން އަދި އިދާރާތަކަށް އެމަނިކުފާނު ކަނޑައަަޅުއްވާފައިވާ ވެރިންނެވެ. ގާނޫނު ހެދުމުގެ ބާރު އޮންނަ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ. މި ވަގުތަށް ނަމަވެސް އެމަނިކުފާނަށް ވަފާތެރިންނެވެ.

ދައުލަތުގެ އޮނިގަނޑު ބައްޓަން ވެފައިވާ ގޮތުން ވެރިކަމާއި މަޖިލީހުގެ ބާރުވެރިކަން އެއް ސިޔާސީ ޖަމާއަތަކަށް ލިބިއްޖެނަމަ ޖުޑީޝަރީގެ ކޮންޓްރޯލް ވެސް ނެގެން އޮވެ އެވެ. މުޅި ޖުޑީޝަރީ ބަލަހައްޓާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތުން ޕީއެންސީއަށް އެ ކޮމިޝަނުގެ އަގުލަބިއްޔަތު އެ ވަނީ ލިބިފަ އެވެ.

އެހެން ކަމުން ގައުމުގެ ކަންކަން ބަލަހައްޓަން އަދި އާންމު މީހާގެ ކަންކަން ބަލަހައްޓަން ވެސް އެކުލަވާލާފައިވާ ދައުލަތުގެ މުޅި ބާރުވެރިކަން އޮވެގެން ގައުމުގެ މަސްލަހަތު އިސްކުރުމުގެ ފުރަތަމަ ޒިންމާ މި އަންނަނީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޕީއެންސީއަށެވެ.

އެކަމަކު ސުވާލަކީ ގައުމީ މަސްލަހަތު އިސްކުރެވޭނެ ހެއްޔެވެ؟ އެ ސުވާލު އުފައްދަން ޖެހޭ ސަބަބަކީ މާޒީ އެވެ. މާ ބޮޑު ބާރުވެރިކަން ނުވަތަ "އެބްސޮލިއުޓް ޕަވާ" އެއް ބަޔަކަށް ލިބިއްޖެނަމަ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގެ ވެސް ހަގީގަތެވެ.

ގައުމީ މަސްލަހަތާއި އާންމު މީހާގެ ސިޔާސަތު

ބަވަނަވަމުންދާ ދުނިޔެ އާއި ދުނިޔޭގެ ސިޔާސީ މަސްރަހުގެ އެއް ހަގީގަތެއްވެ އެވެ. އެއީ ވަތަނިއްޔަތުގެ ވިސްނުމެވެ. އެ ގައުމެއްގެ ސަލާމަތާއި ނުފޫޒު، ބައިނަލްއަގުވާމީ މުޖުތަމައުގައި ވަރުގަދަކޮށް އޮތުމެވެ.

ރައީސް މުއިއްޒުގެ ސިޔާސީ ފަލްސަފާ ކަމަށް ރައްޔިތުންނަށް ދައްކަވާ ފަލްސަފާގައި "ގައުމިއްޔަތު" ގެ ލަފުޒަކީ ވަރަށް ވެސް ހާއްސަ ވެގެން އުޅޭ ލަފުޒެކެވެ.

އެމަނިކުފާނަށް ލީޑުކުރައްވަން ލިބިވަޑައިގެންނެވި ޕީއެންސީއަކީ އަަބަދުވެސް ވަތަނީ ވިސްނުމާއި ރާއްޖޭގެ އަމިއްލަވަންތަކަން ދިފާއު ކުރުމުގެ ވަކާލާތުގެ މާޒީއެއް ވެސް އާންމުންނާއި ލީޑަރުން ނިސްބަތްވާ ޕާޓީ އެކެވެ. އެހެންކަމުން ޕާޓީގެ ސަޕޯޓަރުން އެމަނިކުފާނުގެ އަރިހުގައި ބައިތިއްބަން އެ ލަފުޒަކީ މުހިންމު އުކުޅެކެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް އެނަލިސްޓުން ވެސް ދެކެނީ ގައުމީ މަސްލަހަތު އިސްކުރަން ސިޔާސީ ލީޑަރުންނަށް އެމަނިކުފާނު ގޮވާލައްވާ އެއް ސަބަބަކީ ވެސް ސަޕޯޓަރުން އެކަތިގަނޑެއްގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ބޭއްތިބުމެވެ. އެ ކަމަށް ފައިސާ އާއި ނުފޫޒުގެ އިތުރަށް ފަލްސަފާއެއް ދެއްކުމެވެ.

"ރައީސް މުއިއްޒަކީ ކުރިއަކުން ލީޑަރެއް ގޮތަށް ފެނުނު ބޭފުޅެއް ނޫން. ޕަވާ މެއިންޓެއިން ކުރަން އެ ވިސްނަނީ އައިޑިއާއަކަށް ވުރެ ބޮޑަށް ފައިސާއާއި ނުފޫޒުން. އެކަމަކު އާދެވުނު ބޭސްއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީން ގެނެސްދިން ބޭސް، ނެޝަނަލިޒަމް،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

ގައުމިއްޔަތުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް ހެޔޮވެރިކަން އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ މި ޖީލުގެ ވެރީންނަށް ބޭނުން ކުރަން ޖެހިފައިވާ ސްޓްރެޓެޖީއެކެވެ. ގައުމީ މަސްލަހަތު އިސްކުރަން ކުރާ މަސައްކަތުގައި އާންމު މީހާގެ ސިޔާސަތު ހިންގަން ޖެހޭނެ ކަމަށް ރައްޔިތުން ދެކޭ ދެކުމެވެ.

އާންމު މީހާގެ ސިޔާސަތު ނުވަތަ ޕަބްލިކް ޕޮލިސީ ހިންގުމަކީ ކޮބައި ހެއްޔެވެ؟

ރައްޔިތުންގެ ޖަޒުބާތުތައް ދެނެގަތުމެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރު ދެނެގަނެގެން އަދި ރައްޔިތުންގެ ޖަޒުބާތުތަކަށް އިހުތިރާމުކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ މަގުކޮށައިދިނުމެވެ. އެ މަގަށް ސިޔާސަތު ބައްޓަން ކުރުމެވެ.

މިއީ އޭގެ ފަލްސަފާ ކަމަށް ބަލާ ނަމަ ދައުލަތް ހިންގުމުގައި ރައްޔިތުން އެދޭ ބަދަލުތަކެއް އެބަ އޮތެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން މި ފަހުން ކުރި ދިރާސާއިން ވެސް ރައްޔިތުން ބޭނުންވާ ބަދަލުތައް ދެނެގަނެފައި އެބަ އޮތެވެ.

މަޖިލީސް އަދި މުޅި ދައުލަތުގެ މަތިބަރުކަން ކުޑަކުރަން ރައްޔިތުން ބޭނުންވެ އެވެ. މަޖިލިސް މެންބަރު ޒިންމާދާރުކުރެވޭނެ ފުރުސަތުތަކެއް ބޭނުންވެ އެވެ. އިންތިހާބެއްގައި ރައްޔިތުންގެ ބަސް އަދި ތަމްސީލްކުރެވޭ ހިޔާލުތައް ފުޅާވާން ބޭނުންވާ ކަން ވެސް އެ ދިރާސާއިން އެބަ ދައްކަ އެވެ.

  • މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް 68 ޕަސެންޓް މީހުން ތާއީދުކުރޭ
  • ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލިސް ގޮނޑި ގެއްލެން 73 ޕަސެންޓް މީހުން ބޭނުންވޭ
  • ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ފާހަގަޖެހޭ ގޮތަށް ވޯޓު ކަރުދާސް އޮންނަން 56 ޕަސެންޓު ބޭނުންވޭ
  • މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް 73 ޕަސެންޓު އަންހެނުން ގަބޫލުކުރޭ، 56 ޕަސެންޓް ފިރިހެނުން ގަބޫލުކުރޭ

ރައީސް މުއިއްޒު ވެސް ފާހަގަ ކުރައްވާ ފަދައިން ރައްޔިތުން ބޭނުންވަނީ ތަފާތު ހިޔާލުތައް ހުރި ނަމަވެސް ރައްޔިތުންގެ ފައިދާއަށް ސިޔާސީ ވެރިން އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ހިމޭން ސިޔާސީ މަސައްކަތެއް ވެސް ކުރުމެވެ. މި ފަހުން ސަރުކާރަށް މަޖިލީސް ދިނުމުގެ ވިސްނުމަކީ އެއީ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ޕީއެންސީއަށް ލިބުނު ކާމިޔާބީ ސިފަކުރެއްވީ އެފަދަ ގޮތަކަށެވެ.

"ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުން، ރައްކާތެރިކަން، އަދި ތަރައްގީ، އެއާއެކީ ރައްޔިތުން އަބަދު ސިޔާސީ ވެރިންގެ ކޯޅުމާއި ޖަދަލު ކުރުމުގެ ތެރޭގައި ހަނާވާން ބޭނުން ނުވާކަން ވެސް އިއްޔެގެ ނަތީޖާއިން ބުނެދިނީ، އަދި މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ފެނުނު ރައީސް ޑރ. މުއިއްޒުގެ ސިޔާސަތު ވެސް ރައްޔިތުން ބަލައިގަނޭ، އެހެންވެ ލިބުނު ކާމިޔާބީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބާރު ދެމެހެއްޓުމުގެ މާޒީ ތަކުރާރުވުމުގެ ބިރު

ފެހި ގާނޫނު އަސާސީއަށް ފަހު ރައްޔިތުން ފުރަތަމަ ތަޖުރިބާކުރީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަލަބޮލިކަން އިންތިހާއަށް އޮތެވެ. މަގުމަތީގެ ހަރަކާތްތައް ގިނަ އެވެ. ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިމުނީ ވެސް އެ ހަލަބޮލިކަމުގެ ތެރެއިންނެވެ.

އޭރުގައި ވާދަވެރި ޕާޓީގެ ސަޕޯޓަރުންނާއި ސަރުކާރާ މެދު ހިތްހަމަނުޖެހޭ މީހުން މަސައްކަތް ކުރަމުން ދިޔައީ ހިތްހަމަނުޖެހޭ ކަންކަމުގައި މަގުމަތީގައި އިހުތިޖާޖުކޮށްގެން ކަންކަން ހާސިލްކުރުމަށެވެ. ޔާމީނުގެ ވެރިކަން ނިންމަން ގިނަ ބަޔަކު ރިޔާސީ އިންތިހާބުގައި ކިއު ދަމާލީ، އުންމީދުތަކެއް ގައިމު ވެސް އޮވެގެނެވެ.

ޔާމީނުގެ ވެރިކަމުގައި ފެނިގެން ދިޔައީ ބާރުތައް ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރި ތަނެވެ. އިދިކޮޅު ގިނަ ލީޑަރުން ތިބީ ޖަލުގަ އެވެ. ނޫނީ ރާއްޖޭން ބޭރަށް އަރުވާލައިގެނެވެ. މަޖިލީހުގެ މެންބަރުންނަށް ބައެއް ޖަލްސާތަކަށް ވަންނަން ފުރުސަތެއް ނުދިނެވެ. ސިފައިން ބޭނުންކޮށްގެން މެންބަރުން މަޖިލީހުގެ ފުރާޅު މަތިން ބޭރުކޮށްލި އެވެ. ޕާޓީގެ ތެރެއިން ހިޔާލުތަފާތުވި މެންބަރުންގެ ގޮނޑި ގެއްލުވާލި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައިގަނޑު ވައުދަކަށްވީ އިންސާފާއި ސިޔާސީ ހަމަޖެހުމެވެ. ޖަވާބުދާރީކުރަނިވި ދައުލަތަކާއި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޖުޑިޝަރީއެކެވެ. ޖޭއެސްސީގެ އެކުލެވުމުން ފެށިގެން، ދައުލަތް ހިންގުމުގެ ގިނަ އޮނިގަނޑު ބަދަލުކުރަން ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް ވައުދުވި އެވެ.

އެކަމަކު މިދިޔަ ފަސް އަހަރު ދުވަހު އެމްޑީޕީގެ ބާރު އޮތް މަޖިލީހުން ވެސް ފެނުނީ މައިނޯރިޓީއަށް ފުރުސަތު ކުޑަވުމެވެ. މައިނޯރިޓީން ރައްޔިތުންގެ ކަންބޮޑުވުން ހުންނަ އާންމު މީހާގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ހުށަހެޅިޔަސް މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ ބޭރުކޮށްލި ތަނެވެ.

ވައުދުވެފައިވާ ގޮތަށް ގިނަ އިސްލާހުތައް ދައުލަތުގެ އޮނިގަނޑަށް ގެނެސްފައެއް ނުވެ އެވެ. ޖޭއެސްސީގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވި އިރު ކޮމިޝަނުގެ ރިޔާސަތު ވެސް ފުރަތަމަ ފަހަރަށް ސިޔާސީ ބޭފުޅަކަށް ދެއްވި އެވެ. އިދިކޮޅު ލީޑަރު ޔާމީން ޖަލަށް ލުމާއި އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތްތަކާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަން ޖާގަ ލިބުނެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް ތަކުރާރުވާ މިފަދަ ސިފަތައް މަދެއް ނޫނެވެ. މަޖިލީހުގެ ބާރު ޔަގީންވުމުގެ ކުރިން، އާންމުންގެ ޕްރެޝަރާއި ފާޑުކިޔުމާ ހުރެ ބަދަލުކުރި ނިންމުންތަކެއް އަނބުރާ ރުޖޫއަ ކޮށްފައި އެބަ ހުއްޓެވެ. އެމަނިކުފާނުގެ ވެރިކަމުގެ މިސްރާބު އަދި މަޖިލީހުގެ މިސްރާބު ވެސް އެފަދަ ގޮތަކަށް ފެންނަ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދެކެ އެވެ.

ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ވެސް ޕީއެންސީން ސިޔާސަތުތަކެއް އިސްކުރި ތަނެއް ނުފެންނަ ކަމަށެވެ. އޭނާއަށް ފެނުނީ ތަރައްގީ ނުލިބޭނެ ކަމުގެ އިންޒާރު ދިނުމާއި ބައެއް ސިޔާސީ ވެރިންނާ ދެކޮޅަށް ޒާތީ ވާހަކަތަކެއް އިސް ކުރި ތަނެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، މަޖިލިސް އިންތިހާބާ ދިމާކޮށް ވެރިކަންކުރާ ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަނެވެ. ޕީއެންސީ އަދި ސަރުކާރުގެ ވެސް އިސް މަގާމުތައް ފުރުއްވާ ބޭފުޅުންގެ އެ ބައްދަލުވުމުގައި އެއްވެސް ސިޔާސަތެއްގެ ވާހަކަ ނެތް ކަން ފާހަގަ ކުރެއްވި އެވެ.

"ޕެނަލް ޑިސްކަޝަން މި ކިޔަނީ ރައްޔިތުންގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމަކަށް، މުޖުތަމައުގައި އޮތް މައްސަލައަކަށް، މައުޟޫއެއް ކަނޑައަޅައިގެން، ރައްޔިތުން ވެސް އޭގައި ބައިވެރިކޮށްގެން ހިންގާ އެއްޗަކަށް، އެހެންވެ ވަރަށް ޝައުގުވެރިވެގެން މި ބަލައިލީ، މި ދައްކަނީ ރައީސް ޔާމީނުގެ ވާހަކަ، މެޑަމް ފާތުމަގެ ވާހަކަ،" ނިމިދިޔަ މަޖިލީހުގައި އުނގޫފާރު ދާއިރާ ތަމްސީލްކުރެއްވި މެންބަރު ވަހީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވަނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މައިނޯރިޓީއަށް ކަންކަން ހުށަހެޅުމާއި އެ ހުށަހެޅުންތަކަށް އަޑު އުފުލާއި ބަހުސަށް ހުޅުވާލުމުގެ ފުރުސަތު ދޭނެ ކަމަށެވެ. މި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އައްޑޫއަށް ފެން ނުލިބޭ ކަންތަކުގައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތް ކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު މިދިޔަ މަޖިލީހުގައި، އަޅުގަނޑުމެންގެ މަދު މެންބަރުންތަކެއް ތިއްބަވައިގެން، ސީދާ ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމުގައި މައްސަލައެއް ގެންދިޔައަސް، އެ މަޖިލީހުގައި ބޭރުކޮށްލި ތަން، ފެނުގެ ހިދުމަތް ފަދަ ރައްޔިތުންނާ އަސާސް ހުރި ކަމެއްގައި ބަލައިގަންނާނެ ކަމުގެ ނަމޫނާއެއް 20 ވަނަ މަޖިލީހުން މި ފެނުނީ،" ފަލާހު ވިދާޅުވި އެވެ.

ދެ ޕާޓީ ދައުލަތަކަށް ހެދުން، ގޯހަކީ މިއީ؟

ސިޔާސީ ޕާޓީތަކާއި ދައުލަތް ހިންގުމުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ނެތް ކަން މިހާރު އެއީ ޔަގީން ކަމެކެވެ. މިހާރު ސިޔާސީ ސަގާފަތަކީ ވެރިކަމުގެ ފުރުސަތު ފަސް އަހަރު ދެވޭ ޕާޓީއަށް މަޖިލިސް ވެސް ދީފައި ތިބުމެވެ. އަދި ފަސް އަހަރު ފަހުން ވެރިކަން ބަދަލު ކުރުމެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން މިދިޔަ އަހަރު މަގުމަތިން އެކި މީހުންނާ ސުވާލުކުރަމުން 1،039 މީހުންގެ ހިޔާލު ހޯދާފައިވެ އެވެ. އެ ދިރާސާއިން ވެސް ދައްކަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުން ދެކެ ފޫހިވެފައިވާ މިންވަރެވެ.

  • ސަރުކާރު؛ އިތުބާރު ކުރަން ދަތި ކަމަށް 33.9 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 36 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 69.9 ޕަސެންޓް
  • ކޯޓުތައް؛ އިތުބާރު ކުރަން ދަތި ކަމަށް 32.4 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 26.0 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 58.4 ޕަސެންޓް
  • މަޖިލިސް؛ އިތުބާރު ކުރަން ދަތި ކަމަށް 28.8 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 56.6 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމަލަ 85.3 ޕަސެންޓް
  • ޕާޓީތައް؛ އިތުބާރު ކުރަން ދަތި ކަމަށް 28.1 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 59.5 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 87.6 ޕަސެންޓް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަހުމަދު މުހައްމަދު (ފޯމި) ދެކެވަޑައިގަންނަވާ ގޮތުގައި ތަފާތު ހިޔާލުތައް ތަމްސީލްކުރާ ގިނަ ސިޔާސީ ޕާޓީތައް ހަރަކާތްތެރިވުމުގެ ބަދަލުގައި "ޓޫ ޕާޓީ ސްޓޭޓް" އަކަށް ގައުމު ބަދަލުކުރީ ވެރީންގެ ސިޔާސީ ބައެއް އުކުޅުތަކުންނެވެ.

އޭނާ އިޝާރާތް ކުރެއްވީ ޕާޓީއެއްގައި ކޮންމެހެން 3،000 މެންބަރުން ތިބުމަށް ލާޒިމުކުރުމާއި 10،000 މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަން އޮންނަ ގާނޫނީ އުސޫލަށެވެ. އެއީ އެމްޑީޕީން އިސްވެ އޮވެގެން އެ ޕާޓީ އާއި ދެން މެންބަރުންގެ ތާއީދު އޭރު ބޮޑުކޮށް އޮތް ޕީޕީއެމްގެ ބާރު ހިފެހެއްޓުމަށެވެ.

"ދެ ޕާޓީ ސްޓޭޓަކަށް މި އޮތީ ބަދަލުކޮށްފައި، ބޭނުމަކީ އެ ދެ ސިޔާސީ ޖަމާއަތުގެ ބާރުވެރިކަން ސިޔާސީ މަސައްކަތުގައި އޮތުން، މީގައި ދެން އޮންނާނެ ހައްލަކީ އާ ސިޔާސީ ހަރަކާތްތަކެއް އުފެދުން، އުފައްދަން މި ހުރި ހުރަސްތަކާ ދެކޮޅަށް ތެދުވުން،" އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވާ ޑރ. އަހުމަދު ޝަހީދު ގަބޫލުކުރައްވާ ގޮތުގައި ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އެއީ އެވެ. ރާއްޖޭގައި ޑިމޮކްރެސީ ފަރިތަކުރާ ގޮތުގެ ފެންވަރު އަދި ދަށީ އެވެ.

"ރައްޔިތުން އެންމެ އެދޭ މީހަކު ކޮބައިތޯ، އޭނައަށް ނުނުކެމެވި ތިބީ ކީއްވެތޯ، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީއާއި، މުޅި މުޖުތަމައުގައި ޑިމޮކްރެސީގެ ހަމަތައް ފަރިތަކުރެވޭ ނިސްބަތް، ޑިމޮކްރެސީގެ ފޭރާން އޭގައި މި އޮންނަނީ،" ޝަހީދު އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ރާއްޖޭގެ ސިޔާސީ މަސްރަހު ސިފަކުރެއްވީ ދެ ޕާޓީއެއްގެ ބަދަލުގައި ބާރުގަދަ ދެ ސިޔާސީ ގަބީލާއެއްގެ ދައުލަތެއް ގޮތަށެވެ.

އެ ގަބީލާއެއް ނުވަތަ ސިޔާސީ ޖަމާއަތެއް، އެ މީހުންގެ ވެރިމީހާ ދޫކޮށްލުމުން ވަށައިގެން ދެން ތިބޭ ސަޕޯޓަރުން ދާނީ އާ ވެރިމީހާގެ ފަހަތަށެވެ. ހާއްސަކޮށް ވެރިކަމަށް އާ ވެރިޔަކު އެ މީހުންގެ ތެރެއިން އައިސްފިނަމަ ހުރިހާ ސަޕޯޓަރުން ވެސް އެނބުރޭނީ އާ ވެރިމީހާ ފަހަތުންނެވެ.

ބޭނުމަކަށް އޮންނާނީ އެ ޖަމާއަތަށް ސިޔާސީ ބާރުވެރިކަމާއި ދައުލަތުގެ ބާރުވެރިކަން ހޯދައިގެން އޭގެ ފައިދާތައް އިސް ލީޑާޝިޕް ހޯދާއިރު އާންމު މެންބަރުންނަށް ވެސް ކޮންމެ ވެސް ފައިދާތަކެއް ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި ކުންފުނި ވަޒީފާތަކާއި، ދައުލަތުން ސިޔާސީ މަގާމުތަކާއި، އެ މެންބަރުން ނިސްބަތްވާ ރަށުން ސަރުކާރުގެ ވަޒީފާތަކާއި އަދި ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް ހިންގުމެވެ.

"މި ފެންނަނީ މި ޓްރައިބަލް ޕޮލިޓިކްސްގެ ތެރެއިން، އާންމު މީހާގެ އެންމެ އަސާސީ ކަންކަން ވެސް ހަމަޖައްސައިގެން ދިރިއުޅޭ ތަން، ވެރިން ސެޓުކޮށްދިން ނިޒާމު މިއީ، މީގައި އާންމު މީހާގެ ކުށެއް ވެސް ނެތް،" ފާރިސް ވިދާޅުވި އެވެ.

"ޓޫ ޕާޓީ ސްޓޭޓް" ގެ ޕޮލިޓިކްސްގެ ގޯސްތައް ސިޔާސީ މަސައްކަތުގެ ބައެއް ތަޖުރިބާކާރުން ފާހަގަ ކުރި ނަމަވެސް ޑިމޮކްރެސީއެއްގައި އޮންނަ ގޮތަކީ ރައްޔިތުން ނިންމުމެވެ. މިއީ ވެސް ރައްޔިތުން ނިންމާފައިވާ ގޮތެވެ. ދެން އޮންނާނީ ޕީއެންސީ ވެސް ރައްޔިތުންނަށް ޓަކައި ގައުމީ މަސްލަހަތު އިސް ކުރުމެވެ.

ފަސް އަހަރުގެ މުއްދަތަކަށް ރައްޔިތުންގެ އުންމީދުތަކަށް ފަސް ޖަހައިލިޔަސް ފަސް އަހަރު ފަހުން އެބަ ބަސް ބުނެ އެވެ.