Advertisement

އިންޑިއާއިން ވަނީ ރައީސް މުއިއްޒު ކަކޫ މައްޗަށް ތިރިކޮށްފަ: އުމަރު

1 ޖޫން 2024 - 07:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާއިން ވަނީ ރައީސް މުއިއްޒު ކަކޫ މައްޗަށް ތިރިކޮށްފަ: އުމަރު

1 ޖޫން 2024 - 07:17 0

މި ވެރިކަމުގައި އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށާއި ނަމަވެސް އިންޑިއާއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ކަކޫ މައްޗަށް ތިރިކޮށްފައި ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރަމުގައި އުމަރު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް އިންޑިއާގެ "ބެރަށް ނަށަށް ފަށާ" ކަމަށާއި އިންޑިއާ ސިފައިން ބޭރު ކުރަން އެއްވެސް ވެރިޔަކަށް ނުކެރިގެން އުޅެނީ އެހެންވެ ކަމަށެވެ.

"މި ސަރުކާރު އަޅުގަނޑު އެންމެ އުއްމީދުކުރީ އެކަން ކޮށްފާނެ ކަމަށް. އެކަމަކު ހަ މަސް ވީއިރުގައި ކަކުލުގައި ބައިންދާފަ, ހަމަ ކަކުލުގަ ބައިންދާފަ،" ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.

"ރާއްޖެއަށް ބޭނުންވަނީ މިކަން ހަމަޖައްސަން ލީޑަރެއް، މެނޭޖަރެއް ނޫން."

ވައުދެއް ނުފުއްދާ

އިންޑިއާ ސިފައިން ބޭލިއްޖެ ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދައްކަނީ ދޮގު ވާހަކަ ކަމަށް، ކުރިން އެމްއެންޑީއެފްގައި ވެސް އުޅުއްވި އުމަރު ވިދާޅުވި އެވެ.

"ސަބަބީ... އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދެއް ނުދުއްވޭނެ އަސްކަރިއްޔާގެ ހުވާކޮށްގެން އަސްކަރިއްޔާ ތަމްރީން ހަދައިގެން ހުރި މީހަކަށް ނޫނިއްޔަކާ، ނުދުއްވޭނެ ލޮރީއެއް ވެސް،" އުމަރު ވިދާޅުވި އެވެ.

"އެއީ ރޫލެއް. ހުވާކޮށްގެން ހުންނަންވާނީ، ތަމްރީނު ހަދާފައި ހުންނަންވާނީ. އެ މީހަކަށް ހުރެވިދާނެ ޔުނިފޯމު އަޅައިގެން ވެސް، ޔުނިފޯމް ނާޅައިވެސް."

ރާއްޖޭގައި މިހާރު ވެސް ތިބީ އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން މުސާރަ ދޭ، ސިފައިންގެ ތަމްރީނު ހަދާފައި ތިބި، ސިފައިންގެ ހުވާކޮށްގެން ތިބި މީހުން ކަމަށް އުމަރު ވިދާޅުވި އެވެ. އެ މީހުންގެ ގައިގައި އޮތީ ކޮންމެ ކަހަލަ ހެދުމެއް ކަމަށް ވިޔަސް، އެއީ އިންޑިއާގެ އަސްކަރިއްޔާގެ މީހުން ކަމަށް އަމަރު ވިދާޅުވި އެވެ.


އިންޑިއާ ސިފައިން ބޭރުކުރެވިއްޖެ ކަމަށް ގަބޫލު ކުރިޔަސް، ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ވައުދު ނުފެއްދެވޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"އިންޑިއާ ސިފައިން ބޭރުކުރުމުން ނިމުނީއެއް ނޫނޭ. އިންޑިއާގެ އަސްކަރިއްޔާ އިނގޭތޯ ބޭރު ކުރަން ޖެހޭނީ. އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުން ވައުދަކީ ވެސް. އެއްގޮތަކަށް ވެސް މި ވައުދުގެ މަތީގައި އެކިއެކި ސްޕިން ލާނެ ކަމަށް ނެތް ސަރުކާރުން،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ފޮނުވާލާނެ ވާހަކަ އާއި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު އިދިކޮޅުގައި ހުންނެވިއިރު، އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވި އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާގު ބަދަލުވެ، އެންމެ ފަހުން ނިންމީ ސިފައިންގެ ބަދަލުގައި މަދަނީން ގެންނާށެވެ.

ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މެއި 10، 2024 ގެ ނިޔަލަށް ފޮނުވާލައި، އޭގެ ބަދަލުގައި އިންޑިއާއިން ބުނާ ގޮތުން ފޮނުވީ، ގާބިލް ޓެކްނިކަލް މީހުންނެވެ. ރާއްޖޭން ބުނަނީ އެއީ މަދަނީން ކަމަށެވެ.

އިންޑިއާ އަސްކަރީ ބޭނުމަށް އުޅަނދުތައް އުދުހޭ

ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ނުކުރާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވި ވާހަކަ އަކީ ވެސް ދޮގެއް ކަމަށާއި އިންޑިއާގެ އަސްކަރިއްޔާ އަށްޓަކައި އެ އުޅަނދުތައް މިހާރު ވެސް ބޭނުންކުރާ ކަމަށް އުމަރު ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓަރު އެ ވިދާޅުވަނީ ދިވެހި ސަރުކާރުން މިހާރު ހަވާލެއް ނުކުރަމޭ ބަޔަކު ގެއްލިގެން ހޯދާކަށް، ނޫނިއްޔާމު މީހަކު ބަލިވެގެން އުފުލާކަށް، އެކަހަލަ މިޝަންއެއް ހަވާލެއް ނުކުރަމޭ. އެ ވެދާނެ ތެދަކަށް،" އުމަރު ވިދާޅުވި އެވެ.

"އެކަމަކު އިންޑިއާގެ އަސްކަރީ ބޭނުމަށްޓަކައި އުދުހޭ އުދުހުންތައް މިހާރު ވެސް އުދުހެމުން ގެންދަނީ."

މި އުޅަނދުތައް ރާއްޖޭގައި ބާއްވާފައި ވަނީ ރާއްޖެއާ ކައިރި ސަރަހައްދުގައި ރަޝިއާ އާއި ޗައިނާގެ އުޅަނދުތައް މަސައްކަތްކުރާ ގޮތަށް ފާރަވެރިވުމަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން އުނދަގޫތަކެއް ހުންނާނެ ކަމަށާއި ސަބަބަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ މޭމަތީގައި އިންޑިއާ އައުޓު ޖަހައިގެން މުޒާހަރާކޮށް، މޯދީގެ ބުދު ހަދައިގެން ހިނގި ބޭފުޅުންނަށް ވާތީ ކަމަށެވެ.

"އިންޑިއާ އެހެން ޖެހިގަނެގެން، ބޭކާރު ރެޓޮރިކް އެހެން ނުހިންގޭނެ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ އާއެކު ގާތް ގުޅުމެއް އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާތަން ފެންނަ ކަމަށާއި "އެއީ ރަނގަޅު ކަމެއް" ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ ސްރީލަންކާ އާއި އިންޑިއާއަކީ އެންމެ ކައިރި އަވަށްޓެރިންގެ ގޮތުގައި ކަމަށާއި އޮންނަން ވާނީ އުޚުވަންތަ ގުޅުމެއް ކަމަށާއި ހިތްހަމަ ނުޖެހުމެއް އުފެދިއްޖެ ނަމަ ވާހަކަ ދައްކައިގެން ހަމަޖައްސަންވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ޗައިނާއާ ގުޅުން ބާއްވަން ވާނީ އިންޑިއާ ރުޅި ނާންނަ މިންވަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރުން އެހެން ގައުމަކުން މި ސަރުކާރަށް މާލީ އެހީތެރިކަން ނުލިބުމާ ގުޅިގެން އިންޑިއާއިން މާލީ އެހީ ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާއިން ގަނެފައިވާ ބޮންޑު އެހީއަކަށް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ.