Advertisement

ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސް މުއިއްޒުގެ ދެ ކަނބަލުންނަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް މުރްމުރް މަރުހަބާ ދަންނަވަނީ --- ފޮޓޯ: އިންޑިއާ އެކްސާޓަނަލް އެފެއާޒް


ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނުގެ ދެ ކަނބަލުންނަށް އެގައުމުން ރަސްމީކޮށް މަރުހަބާކިޔައިފި އެވެ.

ރައީސް މުއިއްޒަށް މަރުހަބާ ކިއުމުގެ ރަސްމިއްޔާތު ބޭއްވީ ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ. އެ ރަސްމިއްޔާތުގައި މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތަކީ އެ ގައުމަށް ވަަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން އާއްމު އުސޫލުން ބާއްވާ ރަސްމިއްޔާތެެކެވެ. ރައީސް އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި 50 ބޭފުޅުންގެ ބޮޑު ވަފުދުވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދެއްގައި ރައީސް އާއި ވަފުދު އިއްޔެ އިންޑިއާއަށް ވަޑައިގަތުމުން، ދިއްލީގެ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ކިރްތީ ވަރުދަން ސިންހު އެވެ.

ރައީސްގެ ދަތުރުގެ ތެރެއިން މިއަދު، ދިވެހި ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ. "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުން ރާއްޖެއާ އިންޑިއާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެ ގައުމުގެ ގަޑިން 12:30 ގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވޭނެ ކަމަށް ބެލެވެ އެވެ. މަޝްވަރާތަކާއި އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް އަދި މޯދީ އެކުގައި ޕްރެސް ސްޓޭޓްމަންޓެއް ވެސް ދެއްވާނެ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާ އަށް ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.