ކ. ދިއްފުށީގައި ހުންނަ ސްޓޯން ހޮޓެލްސްގެ ގޮނޑުދޮށް. އާންމު ގޮތެއްގައި ވެސް މެއި މަހަކީ މަދުން ޓޫރިސްޓުން އަންނަ މަހެއް --- ފޮޓޯ: ސްޓޯން ހޮޓެލްސް
މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ މިއަހަރު އައި ޓޫރިސްޓުންގެ ނިސްބަތް އިތުރުވި ނަމަވެސް އެހެން އަހަރުތަކުގެ މެއި މަހާ އަޅާބަލާއިރު މިއަހަރު އައި ޓޫރިސްޓުންގެ އަދަދު މަދުވެ ޓޫރިޒަމް އިންޑަސްޓްރީ މަޑުޖެހެން ފަށައިފި އެވެ.
މި ހިނގަމުންދަނީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަނެވެ. މެއި 29, ގެ ނިޔަލަށް ރާއްޖެ އައީ 113,720 ޓޫރިސްޓުން ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޓޫރިސްޓުން އައި ނިސްބަތް، މި އަހަރުގެ ޖެނުއަރީ މަހު 11.5 ޕަސެންޓް، ފެބްރުއަރީ މަހު 22.2 ޕަސެންޓް, މާޗް މަހު 11.9 ޕަސެންޓް އަދި އެޕްރީލްގައި 2.4 ޕަސެންޓް އިތުރުވެފައިވެ އެވެ.
އެހެން ނަމަވެސް, ޓޫރިސްޓުން އަދަދު އިތުރުވަމުން އައި ނިސްބަތް މެއި މަހާއެކު ވަނީ 0.3 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ފުރަތަމަ ހަތަރު މަހު އެވްރެޖުކޮށް 6,400 ޓޫރިސްޓުންގެ ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މެއި މަހުގެ އެވްރެޖު ހުރީ 3,900 ގަ އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ވެސް މެއި އަދި ޖޫން މަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށެވެ. އޭގެ ސަބަބުން, ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ އޮކިއުޕަންސީ ރޭޓުތައް ވެސް ދަށްކަން ތަފާސްހިސާބުތަކުން އެނގެ އެވެ.
އާންމު ގޮތެއްގައި މެއި މަހު އޮކިއުޕަންސީ ރޭޓު ހުންނަނީ 40-50 ޕަސެންޓާ ދެމެދު އެވެ. ކޮވިޑުގެ ފަހުން, މެއި 2022 ގައި އޮކިއުޕަންސީ 48 ޕަސެންޓުގައި ހުރިއިރު 2023 ގައި އޮކުޕަންސީ އުޅުނީ 43 ޕަސެންޓުގަ އެވެ.
ޖޫން 2022, ގައި އެ އަދަދު 45 ޕަސެންޓުގައި ހުރިއިރު ޖޫން 2023, ގައި އޮކިއުޕަންސީ އުޅުނީ 43 ޕަސެންޓުގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޓޫރިސްޓުން އަންނަ ނިސްބަތުން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އެހެނިހެން ޓޫރިސްޓު ފެސިލިޓީތަކުގެ އޮކިއުޕަންސީ ރޭޓު މެއި އަދި ޖޫން 2024 ގައި, އެއަށްވުރެ ދަށްވާނެ ކަމަށް ބެލެވެ އެވެ. މެއި 2024 ގެ ތަފާސްހިސާބު އަދި ހާމަނުކުރެ އެވެ.
މިއަހަރުގެ މިހާތަނަށް 886,090 ޓޫރިސްޓުން ރާއްޖެ އައިއިރު އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ފުރަތަމަ ހަތަރު މަހު ރާއްޖެ އައި ޓޫރިސްޓުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment