Advertisement

ސްޕޯޓްސް އެވޯޑް ޖޫން 27 ގައި، ވަނަތައް ހޮވުމަށް މިފަހަރު ބޭނުން ކުރީ އޭއައި

30 މޭ 2024 - 11:37 0

އަންނަ މަހު އޮންނަ ސްޕޯޓްސް އެވާޑުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ މީގެ ކުރިން އެ އެވާޑުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން -- ފޮޓޯ: ސްޕޯޓްސް މިނިސްޓަރީ


ސްޕޯޓްސް އެވޯޑް ޖޫން 27 ގައި، ވަނަތައް ހޮވުމަށް މިފަހަރު ބޭނުން ކުރީ އޭއައި

30 މޭ 2024 - 11:37 0

މި އަހަރުގެ ސްޕޯޓްސް އެވޯޑް އަންނަ މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ސްޕޯޓްސް އެވާޑުގެ ފަނޑިޔާރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ ޗެއާ، އަބްދުލް ނާފިއު ތައުފީގު ވިދާޅުވީ މި އަހަރުގެ ސްޕޯޓްސް އެވޯޑަށް 18 ސޯސިއޭޝަނަކުން ކުޅުންތެރިންގެ ނަން ހުށަހަޅައިފައިވާ ކަމަށާއި ވަނަތައް ހޮވުމުގައި އޭއައި ބޭނުން ކޮށްފައިވާނެ ކަމަށެވެ.

ވަނަތައް ހޮވުމުގައި ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތަކެއް ކުރެވުނުކަމަށް ވިދާޅުވެ، އޭނާ ވަނީ ތަފާތު އެކި ކުޅިވަރުގައި ޕޮއިންޓު ދޭ އުސޫލުގައި ތަފާތުތަކެއް ހުރުމުން އެވާޑުގެ ވަނަތައް ހޮވުމުގައި ވެސް ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ.

އެ ގޮތުން އެތުލެޓިކްސް ފަދަ ބައެއް ކުޅުވަރުތަކަކީ ނިންމާ ވަގުތަށް ބަލައިގެން ވަނަ ހޮވާ ކުޅުވަރުތަކަށްވެފައި ބޮޑީބިލްޑިން ފަދަ ކުޅިވަރުތަކުގައި ވަނަ ހޮވަނީ ހަށިގަނޑު ހުންނަ ގޮތަށް ބެލުމަށްފަހުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ފުޓްބޯޅަ ފަދަ ކުޅިވަރުތަކަކީ ޓީމު ކުޅިވަރުތަކަށްވެފައި ޓީޓީ ފަދަ ކުޅުވަރުތަކަކީ އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށް ވާޓީ އެވޯޑްގެ ވަނަތައް ހޮވުމުގައި އުނދަގޫތަކެއް ހުންނަ ކަމަށް ނާފިއު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެވޯޑްގެ ވަނަަތައް ހޮވުމުގައި މި އަހަރު އޭއައި ބޭނުން ކުރުމުން އެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ އެވާޑަށް ދެން އައި ބަދަލަކީ ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑުގެ ބަދަލުގައި ސްޕޯޓްސް ވިޝުއަލް އާޓިސްޓް އޮފް ދަ އިޔާގެ އެވޯޑެއް ތައާރަފު ކުރުމެވެ. އެވޯޑުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އެވާޑު ބަދަލު ކުރަން ނިންމި ސަބަބަކީ ފޮޓޯގެ އިތުރުން ވެސް ވީޑިއޯ އާއި ގްރެފިކްސް ބޭނުން ކޮށްގެން ކުޅިވަރުގެ ހަބަރުތައް ގެނެސްދީ، ކުޅިވަރުތައް ޕްރޮމޯޓް ކުރާ ފަރާތްތަކަށް ވެސް އެވޯޑުން ފުރުސަތު ދިނުމެވެ.

އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ މީގެ ކުރިން ވެސް ސްޕޯޓްސް އެވާޑުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި، ކުރީގެ ބާސްކެޓުބޯޅަ ކުޅުންތެރިޔާ، ނާފިއު އާއި ފީފާ އާއި އޭއެފްސީގެ މެޗު ކޮމިޝަނަރު، އަހުމަދު ޝާހިރު އާއި ކުރީގެ ފީފާ ރެފުރީ އަލީ ސަލީމުގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު އަދި ގައުމީ ސްޕޯޓްސް ކައުންސިލުގެ މެންބަރު އާމިނަތު ނާޝިދު އެވެ.