Advertisement

ކޮމްޕެނީ ދެކޭގޮތުގައި ބަޔާން ކޯޗުކަމަކީ ފުޓްބޯޅައިގެ ބޮޑު ޝަރަފެއް

30 މޭ 2024 - 09:12 0


ކޮމްޕެނީ ދެކޭގޮތުގައި ބަޔާން ކޯޗުކަމަކީ ފުޓްބޯޅައިގެ ބޮޑު ޝަރަފެއް

30 މޭ 2024 - 09:12 0

މިއުނިކް (މެއި 30) - ބަޔާން މިއުނިކްގެ ކޯޗުކަމާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވުމަށް ފަހު، ވިންސެންޓް ކޮމްޕެނީ، އެ ޓީމުގެ ކޯޗުކަމަކީ ފުޓްބޯޅައިގެ ބޮޑު ޝަރަފެއް ކަމަށް ބުނެފި އެވެ.

ބަޔާންގެ ކޯޗަކަށް ހުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް، ނިމިދިޔަ ސީޒަނަށް ފަހު، އެ ޓީމުގެ ކޯޗުކަމުން ވަކިވިއިރު، މިއީ، 11 އަހަރު ތެރޭ ބަޔާންގެ އެންމެ ދަށް ސީޒަނެވެ. އެ ޓީމަށް ޖަރުމަނު .ލީގުގެ ޗެމްޕިއަންކަން ގެއްލުނުއިރު، ޖުމްލަ ގޮތެއްގައި މުޅި ސީޒަނުގެ ތެރޭގައި ވެސް ނަތީޖާ ނެރުމުގައި މައްސަލަ ދިމާވި އެވެ.

އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ބަޔާނުން ވަނީ ގިނަ ކޯޗުންނާ ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، ޖަރުމަނު ގައުމީ ޓީމުގައި ހުރި ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން އާއި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އަދި ބަޔާ ލެވަކޫސަނަށް ޖަރުމަނު ލީގާއި ކަޕް ކާމިޔާބުކޮށްދިން ޒަބީ އަލޮންސޯއާ ވާހަކަ ދެއްކުމަށް ފަހު، އެންމެ ފަހުން، ބަޔާނުން ގެނައީ، އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީގައި ހުރި ކޯޗު ކޮމްޕެނީ އެވެ.

ފާޑުކިޔުންތަކަށް ރައްދުދެމުން ކޮމްޕެނީ ބުނީ، އަމިއްލަ ނަފްސާ މެދު އިތުބާރު އެބައޮތް ކަަމަށެވެ.

"މި ކްލަބަށް (ބަޔާން މިއުނިކަށް) ކޯޗުކޮށްދިނުމަކީ، ފުޓްބޯޅައިގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފް، އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް،" ކޮމްޕެނީ ބުންޏެވެ.

ބާންލީގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއްގައި ހުރި، ކޮމްޕެނީގެ އެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީ ކަމަށްވާ 15 މިލިއަން ޑޮލަރު ބަޔާނުން ދެެއްކި އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޔާން އިން ކޯޗަކަށް ކޮމްޕެނީ ހަމަޖެއްސުމުގެ ކުރިން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ލަފާ ހޯދި އެވެ. ކުރިން ބަޔާން އަށް ކޯޗުކޮށްދިން، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކޮމްޕެނީ ވަނީ ސިޓީ އަށް ކުޅެފަ އެވެ. ސިޓީގައި ކޮމްޕެނީ ހޭދަކުރި 11 އަހަރުގެ ތެރެއިން، ފަހު ތިން އަހަރު ކުޅުނީ ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.