Advertisement

ތައިލޭންޑާއި ޔޫއޭއީއަށް ބޭހަށް ފޮނުވޭނެ އިންތިޒާމު އަދިވެސް ހަމަނުޖެހޭ


ތައިލޭންޑާއި ޔޫއޭއީއަށް ބޭހަށް ފޮނުވޭނެ އިންތިޒާމު އަދިވެސް ހަމަނުޖެހޭ

އާސަންދަ މެދުވެރިކޮށް ޔޫއޭއީއާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު އަދިވެސް ހަމަނުޖެހޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދައިގެ ދަށުން ތައިލެންޑް އަދި ޔޫއޭއީއަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ލިބެން ނުހުންނަ ފަރުވާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް ސްރީލަންކާ އަދި އިންޑިއާއަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެއް ބޭނުންފުޅެއް ރާއްޖޭގައި ލިބެން ނުހުންނަ ހިދުމަތްތައް ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކަކުން، މިހާރަށްވުރެ ވެސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބޭކަހަލަ ތަންތަން ހޯދާ އެތަންތަނަށް ދިވެހިން ރާއްޖޭގައި ލިބެން ނެތް ފަރުވާ ހޯދަން ފޮނުވުން،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިން ވަނީ ޖެނުއަރީ 17، ގައި ވެސް ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ލަންކާ އަދި އިންޑިއާ ފިޔަވައި އެހެން ގައުމަކުން އާސަންދައިގެ ދަށުން ބޭސް ކުރެވޭނެ އިންތިޒާމު ހަމަނުޖެހެ އެވެ.

ރައީސް މުއިއްޒު ޗައިނާ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން ވިދާޅުވީ މި އަހަރު އާސަންދަ ސްކީމު ސިއްހީ ފަރުވާގެ "ފެންވަރު ރަނގަޅު" ޔޫއޭއީ އާއި ތައިލެންޑަށް ފުޅާކުރައްވާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު 17، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އިތުރު ގައުމަކަށް ބޭހަށް ފޮނުވުމުގެ ވިސްނުމެއް ނެތް ކަަމަށާއި، އެހެން ގައުމުތަކަށް މީހުން ފޮނުވުން ވާނީ މާލީ ބުރައަކަށް ކަމަށެވެ.