Advertisement

ކަރަންޓު ދިނުމުގައި މާލެ އާއި އަތޮޅުތަކުގެ ތަފާތު ނައްތާލަން ވ. އަތޮޅު ކައުންސިލުން ގޮވާލައިފި


ކަރަންޓު ދިނުމުގައި މާލެ އާއި އަތޮޅުތަކުގެ ތަފާތު ނައްތާލަން ވ. އަތޮޅު ކައުންސިލުން ގޮވާލައިފި

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަތޮޅުތަކުގައި ހިންގާ ސަރުކާރުގެ އިދާރާތަކާއި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އިދާރާތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" ގެ ތަފާތު ނައްތާލަން ފެލިދުއަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ގޮވާލައިފި އެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދުއަށް ފޮނުއްވި ސިޓީއެއްގައި ޝުޖާއު ވަނީ އެ އަތޮޅުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އިދާރާތަކުންނާއި ކައުންސިލްތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" ތަފާތު ބޮޑުކަން ފާހަގަކުރައްވާ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ހިންގުމުގެ ހަރަދުތަކުގެ ތެރެއިން ކަރަންޓަށް ކުރަންޖެހޭ ހޭދަ މަހުން މަހަށް ބޮޑުވުމަކީ ކައުންސިލްތަކަށް އެކަމުން ދަތިތައް ފޯރާ ކަމެއް ކަމަށާއި، މާލޭގެ ސަރުކާރުގެ އިދާރާތަކާއި އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ އިދާރާތައް ގާއިމުކުރެވިފައި ވަނީ އެއް މަގްސަދެއް ހާސިލު ކުރުމަށް ކަމަށް ޝުޖާއު ވިދާލުވި އެވެ.

ނަމަވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަތޮޅުތަކުގައި ހިމެނޭ ސަރުކާރުގެ އިދާރާތަކާއި މާލެ ސަރަހައްދުގައިވާ އިދާރާތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" ގެ ތަފާތު ބޮޑުވުމަކީ ވަރަށް ބޮޑު ބޭއިންސާފާއި، "ތަފާތުކުރުން" ކަމަށް ދެކޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"ރާއްޖޭގެ އާންމު ބޭނުންތަކުގެ ހިދުމަތުގެ ގާނޫނު ނަންބަރު 4/96 ގައި ބަޔާންކުރާ އާއްމު ބޭނުންތަކުގެ ހިދުމަތުގެ ތެރެއިން، ކަރަންޓުގެ ހިދުމަތަކީ ރައްޔިތުންގެ އާއްމުދިރިއުޅުމާއި ގުޅިފައިވާ ޒަރޫރީ ގޮތުން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ހިދުމަތް. އަދި ގާނޫނު ނަންބަރު 26/2020 ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނު އެއްވަނަ ބާބުގެ ރ. ގައި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށް މަގުފަހިކުރުން މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ފާހަގަކުރައްވާފައިވޭ،" ޝުޖާއު ބުންޏެވެ.

އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށް މަގުފަހިކުރުން އެއީ ޔޫޓިލިިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނީ މަގްސަދަކަށްވީ ހިނދު، ޔޫޓިލިޓީ ހިދުމަތް ވ. އަތޮޅުގައި ފޯރުކޮށްދޭ ސްޓްލެކޯއިން ކަރަންޓު ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް ތަފާތު ނައްތާލަން އެ ފަރާތަށް އެންގުމަށް ޝުޖާއު ވަނީ މި ސިޓީގައި އެދިފަ އެވެ.

އޭގެ އިތުރުން ޝުޖާއު ވިދާޅުވީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގަ އަތޮޅުތަކުގަ އަދި މާލޭ ގައި ހިންގޭ ސަރުކާރުގެ އިދާރާތަކުން ތަފާތު ބޮޑުކޮށް އަގު ނެގުން ބަލައެއް ނުގަނެވޭނެ ކަމަށާއި ދެކޮޅު ނުޖެހޭ މި ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.