Advertisement

ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމުން ސަންޗޯގެ ލޯން ފީ ބޮޑުވެއްޖެ

27 މޭ 2024 - 12:22 0


ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމުން ސަންޗޯގެ ލޯން ފީ ބޮޑުވެއްޖެ

27 މޭ 2024 - 12:22 0

ބާލިން (މެއި 27) - މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ، އެ ޓީމާ އެކު، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުން، ޔުނައިޓެޑަށް ދައްކަން ޖެހޭ ލޯން ފީ ބޮޑުވެއްޖެ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ ޖެހުނު މައްސަލައެއްގެ ސަބަބުން، ޓީމުން ބާކީވެފައި ހުރި ސަންޗޯ، ޖެނުއަރީ މަހުގެ ޓްރާންސްފާގައި ކުރީގެ ކްލަބް ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު، އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސަންޗޯގެ ތަފާތު ކުޅުމާ އެކު، ޑޯޓްމަންޑް މިހާރު ވަނީ 11 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަންނަ ހަފްތާގައި ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުގައި، ރެއާލް މެޑްރިޑާ ދެކޮޅަށް، ޑޯޓްމަންޑުން ކުޅޭއިރު، ސަންޗޯގެ ޑީލުގައި ޔުނައިޓެޑަށް ދައްކަން ޖެހޭ ލޯން ފީ އަށް ބަދަލު އަންނާނެ އެވެ.

އެ ގޮތުން، ޔުނައިޓެޑުން ސަންޗޯ، ޑޯޓްމަންޑަށް ދޫކޮށްލީ ލޯން ފީގެ ގޮތުގައި، މުސާރައިގެ އެއްބައިގެ އިތުރުން، ހަތަރު މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެ އެއްބަސްވުމުގައި ވަނީ ޑޯޓްމަންޑާ އެކު، ސަންޗޯ، މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފިނަމަ، ވަކި ޕޭމަންޓެއް ދައްކަން ހިމަނައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލާ އެކު، ސަންޗޯގެ ލޯން ފީ، 1.7 މިލިއަން ޑޮލަރު އިތުރުވާނެ އެވެ.

ސަންޗޯ، ވަނީ ޑޯޓްމަންޑާ ގުޅުނު ފަހުން ކުޅުނު 20 މެޗުން ތިން ލަނޑު ޖަހައި، ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޑޯޓްމަންޑްގައި ހުރުމަށް ފަހު 2021 ވަނަ އަަހަރުގެ ޖުލައި މަހު ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 73 މިލިއަން ޕައުންޑް (93 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. އެކަމަކު، ޔުނައިޓެޑުގައި ސަންޗޯ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެ ގޮތުން، ޔުނައިޓެޑަށް ކުޅުނު 82 މެޗުގައި، 12 ލަނޑު ޖެހިއިރު، ހަ ލަނޑު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނެވެ.