26 މޭ 2024 - 11:08 0
26 މޭ 2024 - 11:08 0
ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މެއި 26) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ޖަޕާންގެ ޔޮކޮހޯމާ އެފް މެރިނޯސް އަތުން 5-1 އިން މޮޅުވެ، ޔޫއޭއީ އަލް އައިން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އަލް އައިން އިން ވަނީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން ފައިނަލްގައި ކުރި ހޯދައިފަ އެވެ. މިއީ، އަލް އައިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ.
ޔޮކޮހޯމާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އަލް އައިން ބަލިވީ 2-1 އިންނެވެ. އެކަމަކު، އަލް އައިންގެ ދަނޑުގައި ޔޮކޮހޯމާ އަށް އެ ޓީމު ހިފަހައްޓާލެވޭ ގޮތެއްނުވި އެވެ.
މި މެޗުގައި އަލް އައިންގެ މޮރޮކޯ ފޯވަޑް ސޫފިއާން ރަހީމީ އަދި ކޮޑްޖޯ ލާބާގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފައެވެ. އަދި އެ ޓީމުގެ އަލެހަންދުރޯ ރޮމޭރޯވެސް ލަނޑު ޖެހިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޮކޮހޯމާގެ ވިލިއަމް ޕޮޕް އަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.
އާޖެންޓީނާގެ ގައުމީ ޓީމާއި އޭސީ މިލާން އަދި ޗެލްސީގެ ކުރީގެ ފޯވަޑް ހާނަން ކްރެސްޕޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އައިން އެންމެ ފުރަތަމަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2003 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 2005 އަދި 2016ގެ މުބާރާތުގެެ ފައިނަލްގައި ވާދަކުރިއެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އަލް އައިންގެ ކޯޗު ކްރެސްޕޯ ބުނީ މިއީ އެ ޓީމަށް ހައްގު ކާމިޔާބެއް ކަމަށެވެ.
"މިއީ މި ޓީމަށް ހައްގު ކާމިޔާބެއް. ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލްގައިވެސް މި ޓީމާމެދު މާބޮޑު އުންމީދެއް އެއްވެސް މީހަކު ނުކުރޭ،" ކްރެސްޕޯ ބުންޏެވެ.
Comment