26 މޭ 2024 - 10:24 1
މުހައްމަދު ޝަހްޒާން
ދަރިވަރަކު ގޮވައިގެން ބެލެނިވެރިޔަކު ސްކޫލަށް ދަނީ. ދިރާސީ އަހަރު ފެށީ 96,000 ދަރިވަރުންނާ އެކު -- ފޮޓޯ: އަދަދު
26 މޭ 2024 - 10:24 1
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނިއިރު ވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ޓީޗަރުން ހަމަނުވާތީ އެކަމާ މެދު އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން ދަރިވަރުންނަށާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އައު އަހަރުގެ ތަހުނިޔާ ކިޔައި އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރާސީ އައު އަހަރާ ކުރިމަތިލިއިރު، މޫސުމާ ގުޅުވައި ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުގަޅުވާލައިފައި ވަނީ އައު އަހަރަށް އެޑިއުކޭޝަނުން ވާންޖެހޭ ތައްޔާރީތައް ނުވެ އޮތުމުގެ ސަބަބުން ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ސްކޫލް ހުޅުވުނުއިރު ވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާއާއި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ބެލެނިވެރިން ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ދިރާސީ އަހަރު ފެށޭ ތާރީހު މީލާދީ އަހަރާ ދިމާކުރުމަށް ދިރާސީ ކަލަންޑަރަށް މި ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން މިހާރު ވެސް ދަރިވަރުންގެ ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ ތަރުތީބަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން ވަނީ މި ފެށުނު ދިރާސީ އަހަރު އެޑިއުކޭޝަން މިނިސްޓަރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި، ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އިލްތިމާސްކޮށްފަ އެވެ.
މިއަދުގެ ކިޔެވުން ފެށީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އޭގެތެރެއިން 83،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދަނީ ސަރުކާރުގެ ސްކޫލްތަކުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 12،662 މުދައްރިއްސުންނާ އެކުގައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 10،729 ދިވެހި މުދައްރިއްސުންނާއި 1933 ބިދޭސީ މުދައްރިސުން ކަމަށް އެ މިނިސްޓަރީން ބުނެފައިވެ އެވެ.
މިއަހަރު ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
Comment