Advertisement

ރެއާލް ދޫކޮށް ރައުލް ކޯޗިން ކެރިއަރު ކުރިއަށްގެންދަން ޖަރުމަނަށް ދަނީ

24 މޭ 2024 - 11:52 0


ރެއާލް ދޫކޮށް ރައުލް ކޯޗިން ކެރިއަރު ކުރިއަށްގެންދަން ޖަރުމަނަށް ދަނީ

24 މޭ 2024 - 11:52 0

މެޑްރިޑް (މެއި 24) - ރެއާލް މެޑްރިޑްގެ ޔޫތު ޓީމުގައި ކޯޗަކަށް ހުރި ސްޕެއިނުގެ ކުރީގެ ކެޕްޓަން، ރައުލް ގޮންޒާލޭޒް، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށް ކޯޗިން ކެރިއަރު ކުރިއަށްގެންދަން ޖަރުމަނުގެ ކްލަބަކާ ހަވާލުވާން މަޝްވަރާތައް ފަށައިފި އެވެ.

ރެއާލް މެޑްރިޑްގެ އިތުރުން ޝާލްކާ އާއި އަލް ސާދު އަދި ނިއުޔޯކް ކޮސްމޯސަށް ކުޅުނު ފޯވާޑް، ރައުލް، 2015 ވަނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ފަހު، ކޯޗިން މަސައްކަތް ފެށީ 2015 ވަަނަ އަހަރު ރެއާލްގެ 15 އަހަރުން ދަށުގެ ޓީމުންނެވެ. ރައުލް ރެއާލްގެ ބީ ޓީމު (ކަސްޓީއާއާ) ހަވާލުވީ 2019 ވަނަ އަހަރު އެވެ.

މިދިޔަ ފަސް އަހަރު ރެއާލްގެ ޔޫތު ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު، ރައުލްގެ މިސްރާބު މި ވަގުތު ހުރީ ސީނިއާ ފުޓްބޯޅަ ކޯޗިން އަށެވެ.

ފާއިތުވި ސީޒަންތަކުގައި ރައުލް އަށް އެކި ކްލަބްތަކުގެ އޮފާ އައި ނަމަވެސް، ތައްޔާރުނޫން ކަމަށް ބުނެ، ރެއާލްގެ ޔޫތު ޓީމުގައި މަޑުކުރީ އެވެ. އެކަމަކު، މިހާރު، ރައުލްގެ ވިސްނުމަކީ، ޖަރުމަނު ކްލަބަކާ ގުޅި ކޯޗިން ކެރިއަރު އާ ޗެލެންޖަކުން ފަށައިގަތުމެވެ.

ޖަރުމަނުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަންގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިވިނަމަ، އެ ޓީމުން ގެންދަން ބޭނުންވީ ރައުލް އެވެ. އެކަމަކު، ލެވަކޫސަނުގައި މަޑުކުރަން އަލޮންސޯ ވަނީ ނިންމައިފަ އެވެ.

ރައުލްއާ އެކު، ޖަރުމަނުގެ ދެ ޓީމެއް މި ވަގުތު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލްގެ ޔޫތު ޓީމުން ރައުލް ވަކިވެއްޖެނަމަ، ދެން އެ ޓީމު ހަވާލުކުރާނީ، ސްޕެއިނުގެ ކުރީގެ ފުލްބެކް، އަލްވާރޯ އާބެލޯއާއާ އެވެ.