20 މޭ 2021 - 10:46 0
ރެއާލް ބީ ޓީމުގެ މެޗެއްގެ ތެރެއިން ރައުލް.
20 މޭ 2021 - 10:46 0
މެޑްރިޑް (މެއި 20) - ރެއާލް މެޑްރިޑްގެ ކޯޗުކަމުން މި ސީޒަނަށް ފަހު ޒިނެދިން ޒިދާން ވަކިވެއްޖެނަމަ އެ މަގާމަށް ގެންދަންވީ ރެއާލް ބީ ޓީމާ މި ވަގުތު ހަވާލުވެހުރި ކުރީގެ އެއް ވަަަނަ ފޯވާޑް ރައުލް ގޮންޒާލޭޒް ކަމަށް އޭނާއާ އެކު ކުރިން ކްލަބާއި ގައުމީ ޓީމަށް ކުޅުނު ފޯވާޑް ފެނާންޑޯ މޮރިއެންޓޭސް ބުނެފި އެވެ.
މި ސީޒަނަށް ފަހު ޒިދާން ރެއާލް ދޫކޮށްލާން ނިންމާފައިވާކަން އޭނާ އެ ޓީމުގެ ކުޅުންތެރިން ގާތުގައި ބުނެފައިވާ ކަމަށް ގޯލް.ކޮމް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު ޒިދާން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޒިދާން އެ ވާހަކަތައް ދޮގުކުރީ މި ވަގުތު ރެއާލުން ސްޕެނިޝް ލީގަށް ވާދަކުރަމުންދާއިރު، އެންމެ ފަހު މެޗުގެ ކުރިން ޓީމުގެ ފޯމު ގެއްލެން ބޭނުންނުވާތީ އެވެ.
ޒިދާން މީގެ ކުރިން ވަނީ 2018 ވަނަ އަހަރު ރެއާލް ދޫކޮށްލައިފަ އެވެ. އެއީ ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ރެއާލްގެ ބައެއް ބޯޑު މެމްބަރުންނާ ހަވާލާދީ ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޒިދާން މި ފަހަރު އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.
ރޭޑިއޯ ކޯޕަށް ދިން އިންޓަވިއުއެއްގައި މޮރިއެންޓޭސް ބުނީ މި ވަގުތަށް ބެލިޔަސް ރެއާލަށް ކޯޗުކޮށްދެވޭނެ ކްލަބް ދަންނަ މީހަކަަށް ހުރީ ރެއާލް ބީ ޓީމުގައި ހުރި ރައުލް ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް ރައުލް އަށް އެކަން ކުރެވިދާނެ. ޒިދާން ކަހަލަ ކްލަބް ދަންނަ ކޯޗަކާ ޓީމު ހަވާލުކުރަން ބަލާނަމަ އެންމެ ރަނގަޅު ޗޮއިސް އަކީ ރައުލް. ފަހަރެއްގައި ބުނެފާނެ ސޮލާރީ ވެސް ބީ ޓީމުން އައިސް ރެއާލަށް ކޯޗުކަން ނުކޮށްދެވުނޭ. އެކަމަކު ރައުލް މުޅިން ތަފާތު. ރައުލްގެ މަސައްކަތް ވަރަށް ރަނގަޅު،" މޮރިއެންޓޭސް ބުންޏެވެ.
އުމުރުން 43 އަހަރުގެ ރައުލް ރެއާލަށް ކުޅެދިން 741 މެޗުން ވަނީ 324 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު ރެއާލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ރެއާލްގެ އިތުރުން ޝާލްކާ އާއި އަލް ސާދު އަދި ނިއުޔޯކް ކޮސްމޯސަށް ކުޅުމަށް ފަހު 2015 ވަނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރި ރައުލް ކޯޗިން މަސައްކަތް ފެށީ 2015 ވަަނަ އަހަރު ރެއާލްގެ 15 އަހަރުން ދަށުގެ ޓީމުންނެވެ. ރައުލް ރެއާލްގެ ބީ ޓީމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ.
Comment