23 މޭ 2024 - 18:06 0
މުހައްމަދު އުޝާމް
ގާދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
23 މޭ 2024 - 18:06 0
ތިމާވެށި ހިމާޔަތްކޮށްފައިވާ ލ. އަތޮޅު ގާދޫގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާނީ އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިހުތިސޯސްގެ ތެރެއަށް ނުވަންނަ ގޮތަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާދޫ އަދިވެސް އޮތީ ހިމާޔަތްކޮށްފައިވާ ރަށެއްގެ ގޮތުގައި ކަމަށާއި އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ސިޔާސަތަށް ބަދަލު ނުގެންނަ ކަމަށެވެ.
"ބަންކަރިން ފެސިލިޓީއެއް އޭގައި ވިދާޅުވެފައި އޮތް ކަމުގައި ވިޔަސް ގާދޫގެ ހިމާޔަތްކޮށްފައި އޮތް އިހުތިސޯސްގެ ތެރެއަށް އެ ޕްރޮޖެކްޓެއް ނުވަންނާނެ، އެ ތަނާ ޖެހިގެން އޮންނަ ހިސާބުގައި އެ މަސައްކަތް ކުރިއަށް ދާނީ، ގާދޫ އޮންނާނީ ހަމަ ޕްރޮޓެކްޓެޑް އޭރިއާއެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އެހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް އެ ރަށުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރާއިރު ރަށުގެ ވެއްޓަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ ގޮތަށް އެ ކަން ހިންގާނެ ގޮތަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ގާދޫއަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދުއަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ.
ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނަ އާއި 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ. އެއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ ސަރުކާރުންނެވެ.
ހުވަދު އަތޮޅާއި އާއި ލާމު އަތޮޅު ދެމެދުގައި ހުވަދޫ ކަނޑަކީ ގިނަ އަދަދެެއްގެ އާގު ބޯޓުތައް ދަތުރުކުރާ ވަން އެންޑް ހާފް ޑިގްރީ ޗެނަލެކެވެ. އެ ޗެނަލުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށާއި އެހެން ބައެއް ހިދުމަތް ދެވޭ ގޮތަށް ގާދޫ ތަރައްގީކޮށް، އެ ރަށާއި ފޮނަދުއާ ދެމެދު އޮތް ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މުއިއްޒު ވައުދުވެވަޑައިގަތެވެ.
ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ ހަވާލުކޮށްފަ އެވެ. ސަރުކާރުން އެ ތަން ހިންގަން ހަވާލުކޮށްފައިވާ ސަރުކާރު ކުންފުނި އެމްޕީއެލުން ވެސް އޭރު ބުނެފައިވަނީ ގާދޫގެ 80 ޕަސެންޓުގައި އަތް ނުލާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment