Advertisement

ސަރުކާރު ވެރިންނާއި މަޖިލިސް މެންބަރުން މުލީއާގެއަށް އެއްތަންކޮށްފި

22 މޭ 2024 - 16:58 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރުންތަކެއް މުލިއާގެއަށް ވަންނަނީ: މި ބައްދަލުވުމުގައި ގިނަ ކަންކަމެއްގައި ގޮތް ނިންމާނެ ކަމަށް މައުލޫމާތު ލިބޭ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސަރުކާރު ވެރިންނާއި މަޖިލިސް މެންބަރުން މުލީއާގެއަށް އެއްތަންކޮށްފި

22 މޭ 2024 - 16:58 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެމްބަރުންނާއި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް އެއްތަންކޮށް އަންނަ މަޖިލީހުގެ މަސައްކަތާއި ސަރުކާރު މަސައްކަތް ތަރުތީބު ކުރާނެ ގޮތުގެ ސައްލާ ފަށައިފި އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް ދައުވަތު ދީގެން ގެންދާ އެ ބައްދަލުވުމަށް އެ ހާއިރުން ފެށިގެން ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ މުލިއާގެއަށް ވަޑައިގަންނަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމަވާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ އިންތިހާބީ މަޖިލިސް މެންބަރުން "އަދަދު" އަށް ވިދާޅުވެފައިވެ އެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ހޮވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވާ މެންބަރުންގެ ނަން ދެއްވާނެ ކަަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ކުރިން ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ ބައިބައިވުމަށް ފުރުސަތު ނުދިނުމުގެ ގޮތުން މަގާމުތަކަށް ވަޑައިގަންނަވާނެ މެންބަރުން ނިންމަވާނީ އެމަނިކުފާނު ކަމަށް އަންގަވާފަ އެވެ.

އާ މަޖިލީހުގެ ބައެއް މެންބަރުން މުލިއާގެ ކައިރީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރި މީހުން ވެސް ހިމެނެ އެވެ.

މިހެންކަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި 74 މެންބަރުން ތިއްބަވާނެ އެވެ.

ހަމައެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 78 އަށް އަރަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ.