Advertisement

މަރު ކޮމިޝަނުގެ ރިޕޯޓުތައް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި

22 މޭ 2024 - 10:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނޫސްވެރިޔާ ރިލްވާން ގެއްލުވާލައި މަރާލި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން. އޭނާ މަރާލީ 2014 ވަނަ އަހަރު ކަމަށް މަރު ކޮމިޝަނުން ބުނޭ --- ފޮޓޯ: ފައިލް


މަރު ކޮމިޝަނުގެ ރިޕޯޓުތައް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި

22 މޭ 2024 - 10:59 0

ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ރިޕޯޓުތައް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަރު ކޮމިޝަނުގެ ރިޕޯޓުތައް ސަރުކާރުން ހާމަކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިޕޯޓްތައް ރައީސް އޮފީހަށް ލިބުނުހާ އަވަހަކަށް އާއްމުކުރާނެ ކަމަށެވެ.

ނަމަވެސް ހާމަކުރަނީ ފުރިހަމަ ރިޕޯޓުތައް ނުވަތަ ހުލާސާ ރިޕޯޓުތައް ކަމެއް ސާފެއް ނުވެ އެވެ.

ސަރުކާރުން އެ ރިޕޯޓުތައް ހާމަކުރަން ނިންމާފައި މިވަނީ، ރިޕޯޓުތަކާއި ހޯދުންތައް ރައީސް އޮފީހުގެ ހުއްދަ ނެތި އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް މަރު ކޮމިޝަނަށް ރައީސް އޮފީހުން އެންގި ކަމަށް ބުނެ ރާއްޖެ އާއި ބައިނަލްއަގްވާމީ 12 ޖަމިއްޔާ ހިމެނޭހެން މެއި 14، ގައި ބަޔާނެއް ނެރެފައި ވަނިކޮށެވެ.

އެ ޖަމިއްޔާތަކުގެ ކޯލިޝަނުން ވަނީ މެއި 7, ގައި މަރު ކޮމިޝަނާ ބައްދަލުކޮށްފަ އެވެ. ތަހުގީގުގެ ހޯދުންތައް ހަމައެކަނި ރައީސް އޮފީހާ ހިއްސާކުރުމަށް އަންގާފައިވާ ކަމަށް މަރު ކޮމިޝަނުން މައުލޫމާތު ދިން ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ. އަދި, އެއްވެސް މައުލޫމާތެއް އާންމުކޮށް ހާމަނުކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ ހުއްދައާ ނުލައި އެއްވެސް މައުލޫމާތެއް އެއްވެސް ބަޔާކާ ހިއްސާ ނުކުރުމަށް މަރު ކޮމިޝަނަށް ރައީސް އޮފީހުން އަންގާފައިވާކަން "އަދަދު" ނޫހަށް ވެސް ސަރުކާރުގެ އިސް އޮފިޝަލަކު އޭރު ކަށަވަރު ކޮށްދިނެވެ.

މިކަމާ ގުޅިގެން މަރު ކޮމިޝަނުން ވަނީ ގާނޫނީ ގޮތުން އުނިކުރަން ޖެހޭ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް ހާމަކުރުމަށް ރައީސް އޮފީހުގައި އެދޭނެ ކަމަށް ބުނެފަ އެވެ.

ޖަމިއްޔާތަކުގެ ބަޔާން ނެރުނު ދުވަހު މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި "މި ރިޕޯޓުތަކުގައި އެކުލެވޭ ގިނަ މައުލޫމާތުތަކަކީ ވަރަށް ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް. ކޮމިޝަނުގެ އަމާޒަކީ އެ ބައިބައި އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް 31 މެއިގެ ކުރިން ނިންމާލުމަށް. ރިޔާސީ ކޮމިޝަނުގެ ގާނޫނުގައި އޮތީ ހުރިހާ ރިޕޯޓެއް ވެސް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް" ކަމަށެވެ.

މައްސަލައިގެ ތާރީހު

މަރު ކޮމިޝަންގެ ފަރާތުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ވަނީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ހިމަނާފައި ވަނީ ފުލުހުން ކުރިން ހޯދާފައިވާ ގިނަ މައުލޫމާތުތަކެކެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ރިޕޯޓެއް ނުނެރެ އެވެ.

މި މައްސަލަތަކާ ގުޅިގެން މިދިޔަ ސަރުކާރުގައި ތިން މީހުން ހައްޔަރުކުރި އެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތަކެއް އުފުލުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު މަދަނީ މިންގަނޑުން މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް ކޯޓުން ބަލާފައި ނުވެ އެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.