Advertisement

ޅެން ފަރުވާގެ ނަން ފާސްކޮށް, ދިރާސާކުރަން އެމްއެންޔޫއާ ހަވާލުކުރަނީ

19 މޭ 2024 - 12:53 0

ނިމާ ހަސަން

ނިމާ ހަސަން

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު: ނަފްސާނީ ބަލި ހުންނަ މީހުންނަށް ޅެން ފަރުވާ ހުށަހެޅުއްވީ މިނިސްޓަރު ނަސީރު -- ފޮޓޯ: މިރާޝް/ އަދަދު


ޅެން ފަރުވާގެ ނަން ފާސްކޮށް, ދިރާސާކުރަން އެމްއެންޔޫއާ ހަވާލުކުރަނީ

19 މޭ 2024 - 12:53 0

ޅެމުން ނަފްސާނީ ފަރުވާ ދިނުމަށް ކިޔާނެ ދިވެހި ނަމެއް ފާސް ކުރުމަށްފަހު, އެކަމުގެ ދިރާސާތައް ފަށަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި, "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމިޓީން ފާސްކުރީ "ޅެން ފަރުވާ" އެވެ. އެ މިނިސްޓްރީން ބުނީ, "ޅެން ފަރުވާ" މި ނަން މިހާރު ބަސްފޮތުގެ އޮންލައިން އިސްދާރުގައި ހިމަނާފައިވާ ކަމަށެވެ.

ޅެން ފަރުވާ


ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް

މިނިސްޓްރީން ބުނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީއާއި އެމްއެންޔޫއާ ދެމެދު އެކުލަވާލާފައިވާ ފަހުމުނާމާގައި މޭ 22ގައި ސޮއި ކުރާނެ ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ ގޮތްތަކުގެ މައްޗަށް ދިރާސާތައް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން އެމްއެންޔޫއިން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން ބުނީ ޅެން ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި, ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަދި ދަމަަނަވެށީގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހި ބަހުގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް އިއުލާނު ކުރެއްވީ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

އެ ދުވަހު ނަސީރު ވިދާޅުވި ގޮތުގައި ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމައުތަކުގައި ހިފާ އިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހިންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށްޓަކައި މުހިންމު ކަމެކެވެ.