20 އޮކްޓޯބަރު 2025 - 10:05 1
މުހައްމަދު ޝަހްޒާން
ހެރިޓޭޖް މިނިސްޓަރު، އާދަމް ނަސީރު -- ފޮޓޯ: ރައީސް އޮފީސް
20 އޮކްޓޯބަރު 2025 - 10:05 1
މި ސަރުކާރުން ވެރިކަމާ ހަވާލުމަށްފަހު ދާރުލްއާސާރުން 15 ލޮރީގެ ކުނި އުކާލާފައި ވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ހެރިޓޭޖް މިނިސްޓަރު، އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ދާރުލްއާސާރުން އުކައިލި ތަކެތި އެއީ ކުނި ކަމަށް ކަނޑައަޅާފައި ވާނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.
"ކުނި ކަމަށް ކަނޑައަޅަންޖެހޭ ތަކެތި އެއީ ނައްތައިލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވާނީ ގާނޫނު ނަންބަރު ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި ބާވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން،" އާދަމް ނަސީރު ވިދާޅުވި އެވެ.
"އަދި ނައްތައިލަންޖެހޭ ތަކެތި ނައްތާލައިފައި ވާނީ މި ދެންނެވުނު ގާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން."
ނަސީރު ވިދާޅުވީ ދާރުލްއާސާރުގެ އެތެރެއިން އުކައިލެވުނު ތަކެތި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫން ކަމަށެވެ. އެހެންކަމުން ދާރުލްއާސާރު ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލެވިފައި ނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާރުލްއާސާރުން ކުނިތަކެއް އުކައިލީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
Comment