16 މޭ 2024 - 20:37 0
ލީވާން އަލީ ނާސިރު
ބ. ކަމަދޫ: ކަމަދޫ ފެނަކަ ބްރާންޗުން އެ ރަށުގެ ގެތަކަށާއި ވިޔަފާރިތަކަށް ފޮނުވި ކަރަންޓު ބިލުތައް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އޭސީސީއިން ވަނީ އެދިފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
16 މޭ 2024 - 20:37 0
ފެނަކަ ކޯޕަރޭޝަންގެ ބ. ކަމަދޫ ބްރާންޗުން އެ ރަށު ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވި ކަރަންޓު ބިލުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް، ފައިސާ ނަގާފައިވާތީ ދައުވާކުރަން އެންޓި ކަރަޕްޝަން ކޮމިޝަން (އެސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީން ބުނީ ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ކޮރަޕްޝަނުގެ ދައުވާ ކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ މައްސަލާގައި ދައުވާކުރަން އެދުނީ ފެނަކަ ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިޝަތު ސަމިއްޔާގެ މައްޗަށް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އޭސީސީން އެދުނީ އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށެވެ. އެއީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އައިޝަތު ސަމިއްޔާ، 2017 އިން ފެށިގެން 2019 ގެ ނިޔަލަށް ފެނަކަ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ. ނަގައި އެފައިސާ ބޭނުން ކޮށްފައި ކަމަށް ފެނަކައިން ތުހުމަތު ކުރެ އެވެ.
އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދޭން އެ ކޯޕަރޭޝަނަށް އަންގަން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
Comment