މާލޭ ކުނި ޓްރާންސްފާ ސްޓޭޝަނަށް ޕިކަފަކުން ކުނި ހުސްކުރަނީ: ކުރިން ނަގަމުން އައި 150ރ. ގެ ފީ ދެން ނުނަގާނެ -- އަދަދު ފައިލް ފޮޓޯ
މާލެ ސަރަހައްދުގެ ކުނި ޓްރާންސްފާ ސްޓޭޝަން ތަކަށް ވަންނަ އުޅަނދު ފަހަރުން ނަގަމުން އައި 150ރ. ގެ ފީ ނެގުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ހުއްޓާލައިފި އެވެ.
ޓްރާންސްފާ ސްޓޭޝަނަށް އުޅަނދެއް ވަންނަ ކޮންމެ ފަހަރަކަށް ނަގަމުން އައި ފީ ނެގުން ވެމްކޯ އިން ހުއްޓާލީ އަނގާރަ ދުވަހުން ފެށިގެނެވެ. މި ފީ ނެގުން ހުއްޓާލި ނަމަވެސް ކުނީގެ ބަރުދަނަށް އަގު ނަގާނެ އެވެ. ކުރިން ޓްރާންސްފާ ސްޓޭޝަން ތަކަށް ނަގާ އަގަށް ބަދަލު ގެނެސް އުޅަނދު ފަަހަރުން 150ރ. ގެ ފީއެއް ނަގަން ފެށީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ.
މި ބަދަލު އެންގުމަށް ވެމްކޯ އިން މި މަހުގެ 13 ވަނަ ދުވަހު ކުރި އިއުލާނުގަ، ކިލޯ އިން ކުނި ކިރައިގެން ބަރުދަނަށް އަގު ކަނޑައެޅުން ހުއްޓާލައި އަގު ނަގާނީ ޓަނަކަށެވެ. މި ބަދަލާ ގުޅިގެން ކުރިން ކިލޯ އަކަށް ނަގަމުން އައި 50 ލާރިގެ ބަދަލުގަ އަގު ނަގާނީ ޓަނަކަށް 500ރ. އެވެ. (ކިލޯ އަކަށް، 50 ލާރިން ހިސާބު ހެދުމުން ޓަނަކަށް ޖެހޭނީ 500ރ. އެވެ.)
ވެމްކޯ އިން ބުނީ މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަނެއްގަ ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމު ހަމަޖެއްސެންދެން، ކުނި އުކާލުމަށް އަގު ނަގާނީ އުޅަނދުގެ ޓަނޭޖަށް ބަލައިގެންނެވެ.
ވެމްކޯ އިން ބުނީ މިގޮތުން 1000 ޓަނުގެ ބަނރުރަން އުފުލޭ އުޅަނދެއްގެ ކުންޏަށް ނަގާނީ 500ރ. އެވެ. އަދި 350 ކިލޯގެ ބަރުދަން އުފުލޭ އުޅަނދެއްގެ ކުންޏަށް ނަގާނީ 175ރ. އެވެ.
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ނަގާ އަގަށް މި އަަހަރު ތެރޭގަ ވަނީ ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފަ އެވެ.
Comment