Advertisement

ދެކުނުގެ އަތޮޅުތަކުގެ ކުނި ޖަމާކުރާ ރަށަކަށް ގއ. ދިޔަދޫ ކަނޑައަޅައި ވެމްކޯއާ ހަވާލުކޮށްފި

5 ނޮވެންބަރު 2025 - 10:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އދ. ދިޔަދޫގައި މީހުން ދިރިއުޅެމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް: ފޮޓޯ:މެޕިއޯ.ނެޓް


ދެކުނުގެ އަތޮޅުތަކުގެ ކުނި ޖަމާކުރާ ރަށަކަށް ގއ. ދިޔަދޫ ކަނޑައަޅައި ވެމްކޯއާ ހަވާލުކޮށްފި

5 ނޮވެންބަރު 2025 - 10:07 0

ރާއްޖޭގެ އެންމެ ދެކުނު ހަތަރު އަތޮޅުގެ ކުނީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެ އަތޮޅުތަކުގެ ރަށްރަށުގައި އުފެދިފައިވާ ކުނި ގެންގޮސް، ޖަމާކުރާ ރަށަކަށް މިހާރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގއ. ދިޔަދޫ ހަމަޖައްސައި، އެ ރަށް ވެމްކޯއާ ހަވާލުކޮށްފި އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ކުނީގެ މައްސަލައަކީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ދެކުނުގެ އެހެން އަތޮޅުތަކުގައި ވެސް އެ މައްސަލަ އޮތްކަން އެ މަނިކުފާނު ވިދާޅުވި އެވެ.

ދެކުނުގެ ރަށްރަށުގައި އުފެދިފައިވާ ބޮޑެތި ކުނިގޮނޑުތައް ހުސްކޮށް، މުސްތަގުބަލުގައި ވެސް އުފެދޭ ކުނި ގެންދިޔުމަށް ގއ. އަތޮޅުން ރަށެއް ކަނޑައަޅާފައިވާކަން މުއިއްޒު ފުވައްމުލަކުގައި ރޭ އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން ރަށެއްކަން ވިދާޅެއް ނުވެ އެވެ.

ރައީސް ފާހަގަ އެ ކުރެއްވި ރަށަކީ ގއ. ދިޔަދޫކަން އަދަދު ނުހާ ވާހަކަ ދެއްކި، އިތުބާރު ކުރެވޭ މަސްދަރުތަކުން ބުންޏެވެ.

ދެކުނުގެ ރަށްރަށުގެ ކުނި ޖަމާކުރަން ހާއްސަކުރި ރަށް ވެމްކޯއަށް ހަވާލުކޮށްފައި ވާއިރު، އެ ރަށުގައި ބަނދަރު ހަދައި ވަސީލަތްތައް ތަރައްގީކުރުމާއި ކޮޅުވެއްޓިތަކާއި ވެހިކަލްތައް ހޯދުމުގެ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިރަށް ހެދުނީމަ ފުނިޖެހިފައިވާ ކުނިތައް ގެންދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ދިޔަދޫ ތަރައްގީކޮށް ނިމެނޭނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ތަފްސީލުތައް ހާމަނުކޮށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގައި ބިންގާ އަޅާއިރު، އާންމުން ފާޑުކިޔުން އެކަމަށް އަމާޒުވެފައިވެ އެވެ. އެއީ މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ބިންގާ އެޅި ގިނަ މަޝްރޫއުތައް އަދިވެސް ނުފަށައި އޮތުމުންނެވެ. ނަމަވެސް ރޭ ވެސް މުއިއްޒު ވިދާޅުވީ "މަޝްރޫއުތަކުގައި ސޮއި ކުރަނީ ފަންޑިން އާއި އިޖުރާއަތްތައް ހަމަޖެހިގެން" ކަމަށެވެ.

ދިޔަދޫން މީހުން ހުސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ރަށުގެ ގިނަ މީހުން ބަދަލުވީ، ގެމަނަފުށްޓަކަށެވެ. ނަަމަމަވެސް ބައެއް މީހުން ކޮލަމާފުށްޓާއި ލ. ގަމަށް ވެސް ބަދަލުވި އެވެ.