Advertisement

"ރައްޔިތުންގެ އަޑު" އަށް ފޮނުވާ ޝަކުވާ، ހިޔާލަށް ރައީސް ޖަވާބު ދެއްވުން ދިގުލަނީ

15 މޭ 2024 - 09:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު: އެމަނިކުފާނުގެ ޖަވާބުތައް ލަސްވަނީ ކަންކަން ސާފުކުރަން ވަގުތު ނަގާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ - ފޮޓޯ: އަދަދު


"ރައްޔިތުންގެ އަޑު" އަށް ފޮނުވާ ޝަކުވާ، ހިޔާލަށް ރައީސް ޖަވާބު ދެއްވުން ދިގުލަނީ

15 މޭ 2024 - 09:27 0

ރައްޔިތުންނަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސުވާލު ކުރެވޭނެ ކަމަށް ބުނެ ފެބްރުއަރީ 23، ގައި އިފްތިތާހުކުރި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް އެމަނިކުފާނު ޖަވާބު ދެއްވުން ލަސްވަނީ ޝަކުވާއާ ގުޅޭ ހުރިހާ ކަމެއް ސާފުކުރައްވަން ޖެހިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްއަށް ހިޔާލާއި ޝަކުވާ ހުށަހެޅޭ ޕޯޓަލް މެދުވެރިކޮށް އާންމުން ހުށަހަޅާ ބައެއް ރިކުއެސްޓުތަކަށް ޖަވާބު ނުލިބޭތީ ސޯޝަލް މީޑިއާގައި އެކި މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ޝަކުވާ ހުށަހަޅާތާ މަހެއް ވާއިރު ވެސް ޕޯޓަލް އިން ޖަވާބެއް ނުލިބެ އެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، "ރައްޔިތުންގެ އަޑު" މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓުތަކުގެ ތެރެއިން ހިޔާލުތައް ބަލައިގަނެ ރައީސް އާންމުކޮށް އެއްޗެއް ވިދާޅުވާނެ ކަމަށެވެ.

ހުށަހަޅާ ޝަކުވާތަކާ ގުޅޭ ގޮތުން "ވަގުތުން ވަގުތަށް" ޖަވާބު ނުދެވޭކަން ހަލީލު ވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް ސަބަބެއް ކަމުގައި ވިދާޅުވީ އޭގެ ތެރެއިން ކޮންމެ ޝަކުވާއެއް ކަމާ ބެހޭ މިނިސްޓްރީ އަދި އިދާރާތަކުން ބައްލަވަން ރައީސް ބޭނުންފުޅުވުމެވެ.

"ވަރަށް ބައިވަރު ޕްރޮސެސްތަކެއް ފިލްޓާ ކޮށްފައި ރައީސްއާ ހިސާބަށް ދިޔައިމަ ރައީސް ދެން ބައްލަވާ ގޮތްތަކަކަށް ބައްލަވާފަ ޖަވާބެއް ދެއްވާނީ، އެހެންވީމަ އެއަށް މިއަދު ސުވާލެއް ކުރީމަ މިއަދު ޖަވާބެއް ނާންނާނެ،" ހަލީލު ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ދެން ހަލީލު ފާހަގަކުރެއްވީ ވީޑިއޯ މެދުވެރިކޮށް ރައީސްއަށް ސީދާ ސުވާލު ފޮނުއްވޭނެ ޕޯޓަލެއް ވަރަށް އަވަހަށް އިފުތިތާހުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މި ފަހުން ވިދާޅުވި ވާހަކަ އެވެ.

ހަލީލު ވިދާޅުވީ އެ ޕޯޓަލްއާއެކު ކޮންމެ ރަށެއްގައި ހުރި މީހަކު ފޮނުވާ ވީޑިއޯ ސުވާލަށް ވެސް ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާނެ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން ގެނެސްދެމުންދިޔަ ވީޑިއޯ ޖަވާބު ޕްރޮގްރާމު މިހާރު އެއްކޮށްހެން ވަނީ ހުއްޓިފަ އެވެ. ރައީސްގެ ޖަވާބު ނަމުގައި ގެނެސްދިން ސިލްސިލާ ވީޑިއޯތަކުގެ އެންމެ ފަހު ވީޑިއޯ އަޕްލޯޑުކޮށްފައިވަނީ މިދިޔަ އެޕްރީލް 7، ގަ އެވެ.