Advertisement

އެފްއޭއެމާ މެދު ފީފާ އާއި އޭއެފްސީގެ ނިންމުން ވަރަށް އަވަހަށް އެނގޭނެ: ތޮލާލް

14 މޭ 2024 - 22:43 0

އަތޫފް އާތިފް

އަތޫފް އާތިފް

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް.--- ފޮޓޯ: އަދަދު


އެފްއޭއެމާ މެދު ފީފާ އާއި އޭއެފްސީގެ ނިންމުން ވަރަށް އަވަހަށް އެނގޭނެ: ތޮލާލް

14 މޭ 2024 - 22:43 0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މައްސަލައިގައި ފީފާ އާއި އޭއެފްސީ އިން ނިންމާ ނިންމުން ވަރަށް އަވަހަށް ސަރުކާރާ ހިއްސާކުރާނެ ކަމަށާއި, އެ ނިންމުމަށް ސަރުކާރުން އިހުތިރާމްކުރާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ, އެފްއޭއެމް މައްސަލައިގައި, ސަރުކާރުން ހިއްސާކުރަން ޖެހޭ ކަންކަން ފީފާ އާއި އޭއެފްސީގެ ޓީމަށް ހިއްސާކޮށްފައިވާނެ ކަމަށާއި, އަދި އެ ޓީމުން ވެސް ސަރުކާރަށް ގިނަ ކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނުން މި ވަގުތު އެފްއޭއެމްގެ މައްސަލަ ބެލުން މަޑުޖައްސާލާފައިވާ ކަމަށާއި, އެފްއޭއެމްގެ މައްސަލައިގައި އެ ކޮމިޝަނުން މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ފީފާ އާއި އޭއެފްސީ އިން ބަލަމުން އަންނަ މައްސަލައިގައި އެ ބޭފުޅުންނަށް ކަމަށް ތޮލާލް ވިދާޅުވިއެވެ.

"ކޮމިޝަނުން މިވަގުތު އެފްއޭއެމްގެ މައްސަލަ އެއް ނުބަލަން. ފީފާ އާއި އޭއެފްސީގެ ޓީމަށް އަޅުގަނޑުމެން އެހީތެރިކަން މި ފޯރުކޮށްދެނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެފްއޭއެމްގެ މައްސަލައިގައި އެ ކޮޅުން ނިންމާ ނިންމުން ސަރުކާރަށް އެނގޭނެ" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ, ފީފާ އާއި އޭއެފްސީ ޓީމުން ނިންމާ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށާއި, އެކަމަކު, ދިވެހިރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކުގެ ބޭރުން ކަމެއް ނިމިގެންދިޔުމުގެ ފުރުސަތު އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް ނޯންނާނެ ކަމަށް ތޮލާލް ވަނީ ތަކުރާރުކުރައްވާފަ އެވެ.

ފީފާގެ ކޮންގްރެސް ކުރިމަތިވެފައި އޮތުމުން, މިހާރުގެ އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ކޮންމެ ފަރާތެއް ބައިވެރިވިޔަސް ސަރުކާރުން އެކަމާ ހުރަސް ނާޅާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖެއިން ރަޖިސްޓާ ވެފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އެކަމަކު, ކޯޓު ހުކުމުގެ ދަށުން ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.