13 މޭ 2024 - 14:40 0
އަމަން ހަލީމް
އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާ ބައްދަލުކުރައްވަނީ. ދާދިފަހުން ޒަމީރު ވަނީ އިންޑިއާއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވާފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ
13 މޭ 2024 - 14:40 0
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި ކަމަށް ދެ ގައުމުގެ ހާރިޖިއްޔާއިން މިއަދު ބުނެފި އެވެ.
އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.
މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.
ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި އެދުނީ، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސަރުކާރުގައި އެދުނީ 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ އަދާ ކުރަން ޖެހޭ މުއްދަތު އިތުރު ކުރަން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މިއީ، ޒަމީރު މިފަހުން އިންޑިއާ ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ދަންނަަވައިގެން އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރަމުން، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ އެހީ އާއި ލޯނުތައް ބޭނުންކޮށްގެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަން ފާހަގަކޮށްފަ އެވެ.
ސަރުކާރުން އަންނަނީ އެހެން ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޗައިނާ އެވެ. ޗައިނާއިން ވެސް ވަނީ އެ ގައުމުގެ އެކްސްޕޯޓު އިމްޕޯޓު ބޭންކު މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމާ ގުޅޭ މަޝްވަރާތަކަށް އެއްބަސްވެފަ އެވެ. އެކަމަކު އަދި އެއްވެސް ލޯނެއް ދެއްކުން ފަސްކޮށްދޭން އެއްބަހެއް ނުވެ އެވެ.
Comment