Advertisement

ޓެކްނިކަލް މައްސަލަ ހައްލުވެއްޖެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީސް ސައިޓުން ސިޔާސީ މަގާމުތައް ފެންނާނެ: ހަލީލު

13 މޭ 2024 - 12:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު: އޭނާ ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓުން ސިޔާސީ މަގާމުތައް ފެންނާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ޓެކްނިކަލް މައްސަލަ ހައްލުވެއްޖެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީސް ސައިޓުން ސިޔާސީ މަގާމުތައް ފެންނާނެ: ހަލީލު

13 މޭ 2024 - 12:51 0

ސަރުކާރުގެ އިސް ސިޔާސީ މަގާމުތައް އާންމު ކުރުން މަޑުޖެހެން މެދުވެރިވި ސަބަބު ކަމަށްވާ ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެމުން ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، އެ މައްސަލަ ހައްލުކޮށް ރައީސް އޮފީހުން މިހާރު ވަނީ އަދާހަމަކުރުމުގެ ޕްރޮސެސް ފަށާފައި ކަމަށެވެ. އެގޮތުން ސަފީރުންގެ ގޮތުގައި އަލަށް އައްޔަންކުރި 10 ބޭފުޅުން މިހާރު ވެބްސައިޓުން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަދު ދުވަސްކޮޅެއް ތެރޭގަ ހުރިހާ އެއްޗެއް [ސިޔާސީ ހުރިހާ މަގާމެއްގެ މައުލޫމާތު] އަޅާ ނިންމާލެވޭނެ،" ހަލީލު ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު މި ސަރުކާރުގެ ހަ މަސް ފުރޭއިރު، ވާއިރު މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީގެ މަގާމުތައް ރައީސް އޮފީހުގައި އާންމުކުރާއިރު އެ މަގާމުތައް ވެސް އަދާހަމަ ނުކުރެ އެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނީ ވެބްސައިޓުގެ އެބައި އަދާހަމަނުވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެކަން ހާމަކުރައްވަމުން، މިދިޔަ މަހު 28 ގައި، ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވަމުން ވެސް ވަނީ މި ޓެކްނިކަލް މައްސަލައަށް ރިއާޔަތް ކުރައްވާފަ އެވެ.

"އެ ފިގާ އަޅުގަނޑުމެން ތިބޭފުޅުންނާ ހަމައަށް ވަރަށް އަވަހަށް ގެނެސްދޭނަން، އެ މައުލޫމާތު ފޯރުކޮށްދޭނަން ނޫސްވެރިންނާ ހަމައަށް،" އެދުވަހު ހީނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ އަދަދު ހާމައެއް ނުކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. އެކަން ކަށަވަރު ކުރުމަށް މިހައިތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މައުލޫމާތު ހޯދުމަށް އެދި މިދިޔަ ޑިސެމްބަރު 17 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ މަހޯލި ޕޯޓަލް މެދުވެރިކޮށް "އަދަދު" އިން ހުށަހެޅުމުން ރައީސް އޮފީހުން ވަނީ އެ ހުށަހެޅުން ބަލައިގެންފަ އެވެ.

އާރުޓީއައި ގާނޫނުގައި އެފަދަ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް އޮންނަ 21 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ރައީސް އޮފީހުން ވަނީ އެ މައުލޫމާތު ފޯރުކޮށްދޭން އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ. ނަމަވެސް އެއަށް ފަހު ރައީސް އޮފީހުން އެއްވެސް މުއާމަލާތެއް ރައީސް އޮފީހުން އެ މައުލޫގައި ކޮށްފައެއް ނުވެ އެވެ.

އެކަމުގެ ޝަކުވާ އައިކޮމްއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެތައް ފަހަރެއްގެ މަތިން އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރުމަށް މަސައްކަތް ކުރި އެވެ. އެއިން އެއްވެސް ފަހަރެއްގައި ރައީސް އޮފީހުން އެއްބާރުލުން ދީފައެއް ނުވެ އެވެ.