ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޒަމީރާއެކު ރާއްޖޭގެ ހާރިޖީ އޮފީހުގެ އިސް ވަފުދެއް ގަތަރަށް ވަޑައިގަތެވެ. އޭގެ ތެރޭގައި ބައިލެޓެރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި އެމްބެސަޑާ އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޑް ޑިރެކްޓަރު ލަމްހާ ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ގަތަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށްފަހު، އެ ގުޅުން 2021 ވަނަ އަހަރު ގާއިމް ކުރި ފަހުން ރާއްޖޭގެ މިހާ އިސް ވަފުދެއް އެ ގައުމަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.
މިއަދުގެ ބައްދަލުވުމުގައި ޒަމީރު ވަނީ ގަތަރުން ރާއްޖެއަށްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާޒާގައި ހިންގާ ގަތުލްއާންމު މައިތިރި ކުރަން ގަތަރުން ކުރާ މަސައްކަތަށް ވެސް ޒަމީރު ޝުކުރު އަދާ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރި ކަމަށް ހާރިޖީ އޮފީހުން ބުނެ އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ހިނގާ ބޮޑެތި މައްސަލަތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ވެސް ވާހަކަ ދެކެވުނު ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖެއިން ގަތަރާއެކު އޮތް ގުޅުން ކަނޑާލީ ޖޫން، 2017، ގަ އެވެ. ރާއްޖެއިން ގަތަރާއެކު އޮތް ގުޅުން ކަނޑާލީ ސައުދީ ސަރުކާރުން ގަތަރާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށްފަހު އެ ގައުމުން ކުރިމަތި ކުރުވި ޕްރެޝަރުތަކަށްފަހެވެ.
ރާއްޖެއިން އަލުން ގަތަރާއެކު ގުޅުން ގާއިމް ކުރީ މާޗް، 2021، ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އެއިރު ސައުދީ އާއި ގަތަރާ ޖެހުނު މައްސަލަ ފިނިވެ، އެ ދެ ގައުމުން ވެސް އޮތީ ގުޅުން ގާއިމުކޮށްފަ އެވެ.
Comment