12 މޭ 2024 - 11:32 3
މަރިޔަމް އަފާ ނިޒާމް
ޖަމާލުއްދީން ސްކޫލް -- ފޮޓޯ: އަދަދު
12 މޭ 2024 - 11:32 3
ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމްތަކަށް މާ ބޮޑަށް ހޫނުވާތީ ފަންކާ ގަންނަން ބެލެނިވެރިންނަށް ސްކޫލުން މެސެޖު ކުރަން ފަށައިފި އެވެ.
އެ ސްކޫލުގެ ކްލާސް ގްރޫޕެއްގައި ޓީޗަރަކު ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނީ ކްލާސް ރޫމުތަށް ހޫނުވުމުގެ ސަބަބުން، ކޮންމެ ކްލާހަކަށް ސްޓޭންޑް ފަންކަލެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެގޮތުން ފަންކާ ހަދިޔާ ކުރަން ބޭނުންވާ ބެލެނެވެރިއެއް ހުރި ނަމަ ޓީޗަރަށް އެންގުމަށް އެ މެސެޖުގައި ވަނީ ބުނެފަ އެވެ. އަދި ބޭނުންވާ ވައްތަރުގެ ފަންކަލުގެ އަގާއި ސައިޒުގެ އިތުރުން ފޮޓޯއެއް ވެސް ގްރޫޕުގައި ވަނީ ހިއްސާކޮށްފަ އެވެ.
"ކްލާސް ރޫމްތައް ވަރަށް ހޫނު ގަދަ. ސްކޫލުން މި މަސައްކަތް ކުރަނީ ކޮންމެ ކްލާހަކަށް ފަންކާއެއް ހޯދަން. ބެލެނިވެރިންނަށް ކޮންޓްރިބިއުޓް ކުރެވޭނެ، އެއް ފަންކާ ވިޔަސް،" އިނގިރޭސިން ލިޔެފައި އިން މެސެޖެއްގައި އެއް ގްރޫޕުގައި ލިޔެފައިވެ އެވެ.
ކްލާސް ރޫމްތަކުގައި ބަހައްޓަން ޖަމާލުއްދީން ސްކޫލުން ހޯދަނީ ސްޓޭންޑް ފަންކަލެވެ.
ސްކޫލުތަކުން ފަންކާ ހޯދުމަށް ބެލެނެވެރިންނަށް އަންގަމުންދާއިރު، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސް ރޫމްތައް ފިނި ކުރަން އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ފެބްރުއަރީ 26، ގައި ހދ. މަކުނުދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، ކްލާސް ރޫމްތައް ފިނި ކުރަން އެ ރަށު ސްކޫލުގެ ކުދިން އެދިފައިވާ ކަމަށާއި ކްލާސް ރޫމްތައް ފިނި ކުރުމަށް އެދި ވަރަށް ގިނަ ސްކޫލްތަކުން ވެސް އެދެމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އޭސީ ހަރުކޮށްގެން ނުވަތަ "ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން" ކްލާސްރޫމްތައް ފިނިކުރަން އެމަނިކުފާނު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް އަންގަވާފައިވާނެ ކަމަށެވެ.
ކްލާސްރޫމްތައް އޭސީ ކުރުމަށާއި ބިލުދައްކަން އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ކޮންމެގޮތެއްވިޔަސް، ބަޖެޓުން ދެކަމެއް ވާނެ. އެއްކަމަކީ، އެކަމަށް ހަރަދު ހިނގާނެ، އޭސީ ކުރުމަށް. ދެވަނަ ކަމަކީ ބިލް ދެއްކުން. މިއީ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް. ކޮންމެގޮތެއްވިޔަސް، ސަރުކާރުން އެ ބިލް ދައްކާނެ،" އެމަނިކުފާނު އެދުވަހު ވިދާޅުވި އެވެ.
Comment