Advertisement

ދިވެހިން ބޭނުންވީ އިންޑިއާ މިލިޓަރީ އެއްކޮށް ބޭރު ކުރަން، ސިފައިން އެކަންޏެއް ނޫން

12 މޭ 2024 - 10:26 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާ މަދަނީ މީހުން ގެނެސް އުޅަނދުތައް ބާއްވާތީ ދައްކުވައިދޭ އާޓްވޯކެއް -- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ދިވެހިން ބޭނުންވީ އިންޑިއާ މިލިޓަރީ އެއްކޮށް ބޭރު ކުރަން، ސިފައިން އެކަންޏެއް ނޫން

12 މޭ 2024 - 10:26 2

އިއްޔެ ސަރުކާރުން އިއުލާންކުރީ ރާއްޖޭގައި މިހާރު ބޭރުގެ އަސްކަރިއްޔާއެއް ނެތް ކަމެވެ. އެ ގޮތަށް މާނަކުރީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ 76 ސިފައިން ރާއްޖޭން ފޮނުވާލައި އޭގެ ބަދަލުގައި އިންޑިއާގެ މަދަނީ ބަޔަކު އައިސް އެ ގައުމުން ދިން އުޅަނދުތައް އޮޕަރޭޓް ކުރާ ގޮތަށް ހަމަޖެއްސުމަށް ފަހުގަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މައި ރިޔާސީ ވައުދެވެ. ކުރީގެ ސަރުކާރާ ދެކޮޅަށް، ރައީސް މުއިއްޒު ހިމެނޭހެން އޭރުގެ އިދިކޮޅުން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ "އިންޑިއާ އަސްކަރިއްޔާ" އެވެ. "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ވެސް އޭރުގައި ހިންގި އެވެ.

"މިދިޔަ އިންތިހާބުތަކުގެ ނަތީޖާއިން ވަރަށް ސާފުކޮށް ދޭހަވެއޭ، ދިވެހި ރައްޔިތުން ދެކެވަޑައިގަންނަވައޭ، އިންޑިއާ އަސްކަރިއްޔާ ގާއިމުވެ ދިވެހިރާއްޖޭގައި އޮތުމަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަން،" ސިފައިން ފޮނުވާލުމުގެ މަސައްކަތް ނިމިފައިވާ ކަން އިއުލާންކުރައްވަން ބޭއްވި ޕްރެސް ކޮންފެރެންސްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމެވެ. ރައްޔިތުންގެ "ސެންޓިމެންޓް" ނުވަތަ ޖަޒުބާތުތައް ގުޅިފައި އޮތް ކަމަކީ އެއީ އެވެ. އުޅަނދުތައް ހުއްޓަސް، އަދި އެ އޮޕަރޭޝަނަށް ބޭރުގެ މަދަނީ ބަޔަކު ތިބުމަކީ ދިވެހިން "އޯކޭ" ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އިއްޔެ ދޮޅު ގަޑިއިރަށް ދިގުދެމިގެން ދިޔަ ޕްރެސް ކޮންފެރެންސްއަށް ފަހު ވެސް، ސާފު ނުވާ އެތައް ކަމެއް އަދިވެސް އެބަ އޮތެވެ. އުޅަނދުތައް އަދިވެސް ބަހައްޓަންވީ ސަބަބާއި މަދަނީ ބަޔަކަށް މިލިޓަރީ އުޅަނދުތަކުގެ އޮޕަރޭޝަނަކަށް އިންޑިއާއިން ހުއްދަ ދޭންޖެހޭ ސަބަބު އެއީ މުޅިން ވެސް ސާފުނުވެ ހުރި ކަންކަމެކެވެ.

އުޅަނދުތައް ފޮނުވާލުމުގެ ޑިމާންޑް ބޮޑު

އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ ހިދުމަތްތެރިން ގެނެސްގެން އުޅަނދުތައް އޮޕަރޭޓްކުރުމަށް ދެ ގައުމުން އެއްބަސްވި ވާހަކަ ފުރަތަމަ އިއުލާން ކުރި އިރުން ފެށިގެން ވެސް ސަރުކާރުގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިނުގެ ބައެއް ހަރަކާތްތެރިން ނުރުހުން ފާޅުކޮށްފައި އެބަ އޮތެވެ.

"އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ރާއްޖޭގައި އެއްވެސް ގޮތަކަށް އޮޕަރޭޓް ކުރެވިގެން ނުވާނެ. ސިވިލިއަންސްއޭ ކިޔާފަ އެ މީހުން ފޮނުވާނީ ޔުނީފޯމް ނާޅައި ތިބި ސިފައިން،" އިންޑިއާ އައުޓް ކެމްޕެއިނުގައި އިސްކޮށް އުޅުނު، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި އަހުމަދު އަޒާން ޓްވީޓާގައި ލިޔެފައި އޮތެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން ބައިތިއްބާނެ ވާހަކައެއް ގައިމު ވެސް ކުރިން ރައީސް މުއިއްޒު ވެސް އަދި ސިޔާސީ ލީޑަރަކު ވެސް ނުދައްކަ އެވެ.

އެއީ ވެރިކަން ލިބި، އުނދަގޫ ބޮޑު ވައުދެއް ފުއްދަން ޖެހުމުން އުފަންވި ވާހަކަ އެކެވެ.

"ހަމަ ވަރަށް ތާކުންތާކު ނުޖެހޭ، އުފައްދައިގެން އުޅޭ ގަޅި ވާހަކައެއް ގޮތަށް ފެންނަނީ، ކިރިޔާ ވިސްނައިލީމަ ވެސް ފަހުމު ވާނެ، ބޭރުގެ ސިފައިން ތިބެނިކޮށް އެ ގައުމަށް ގޮސް ދެތިން ފަހަރަކު ދަންނަވާލީމައި އަދި ސިފައިން ނުފޮނުވާނެކަން،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވި އެވެ.

އިންޑިއާ މިލިޓަރީ ބޭރު ކުރުމަށް ރާއްޖޭގައި ކުރި މުޒާހަރާއެއް: ސަރުކާރުން މިހާރު ބުނަނީ ދިވެހިން ބޭނުންވީ އިންޑިއާގެ މިލިޓަރީ އުޅަނދުތައް ބެހެއްޓުމަށްފަހު ސިފައިން ބޭރު ކުރުން ކަމަށް -- ފޮޓޯ: ޓީއާރްޓީ


ސިފައިންގެ ހިދުމަތުގެ ތަޖުރިބާ ވެސް ހުންނެވި އުމަރު "އަދަދު" ނޫހަށް ވިދާޅުވީ ދިވެހިން އެދެމުން އައި ކަމަކީ އެ އުޅަނދުތަކަކީ ހަދިޔާއެއްނަމަ ދިވެހިން އޮޕަރޭޓް ކުރަން ދޫކޮށްލުމެވެ. ނޫނީ އުޅަނދުތައް ވެސް ބޭރު ކުރުމެވެ. މުޅި ޖަޒުބާތު ގުޅިފައި އޮތް ކަމަކީ އިންޑިއާ މިލިޓަރީގެ މުޅި އެ އޮޕަރޭޝަނަށެވެ.

"އަޅުގަނޑުމެން އިންޑިއާއާ ޖެހިގެން އުޅޭ މައްސަލައަކީ ކާޑުގެ މައްސަލައެއް ވެސް ނޫން، ފުރަތަމަ ސަރުކާރުން އުޅުނީ އެ ކަމަކައިގެން، ޖެހިގެން މި އުޅެނީ މިލިޓަރީގެ މައްސަލަ، އިންޑިއާ މިލިޓަރީ ރާއްޖޭން ދިޔަ ކަމަށް ވާނީ އެ އުޅަނދުތައް ވެސް ފޮނުވާލީމައި، އެ ކަމަކާ ނޫޅޭ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ އަސްކަރިއްޔާއާ ދެކޮޅު "ނެރޭޓިވް" އަކަށް ޕީއެންސީ/ޕީޕީއެމް މަަސައްކަތް ފެށިއިރު ލީޑަރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މި ވަގުތު ލީޑުކުރައްވާ ޕީއެންއެފް ޕާޓީގެ އިވެންޓުތަކުގައި ވެސް ސަރުކާރުން މައްސަލައާ މާ ދުރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި އެބަ ވެ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އިންޑިއާ އަސްކަރިއްޔާގެ ބޫޓުކިބައެއް ވެސް ރާއްޖޭގައި ހުންނަން ޖެހޭނެ ކަމަކަށް، އޭރު މި ވާހަކަ ދައްކައިގެން ވެސް، އަޅުގަނޑުމެންނާ އިންޑިއާއާ ޒާތީ ގޮތުން ޖެހޭނެ އެއްވެސް ކަހަލަ ފުރުސަތެއް ނުލިބޭ، މިހާރު ވެގެން އުޅެނީ މުޅިން އެހެން ކަމެއް،" ޔާމީން ވިދާޅުވެފައިވެ އެވެ.

ވެރިކަމަށް އައުމުގެ ކުރިން އިންޑިއާ ސިފައިންގެ 1000 އެއްހާ މީހުން އުޅޭނެ ކަމަށް ބުނެ ވާހަކަ ދެއްކުމަށް ފަހު ވެރިކަމުގައި އެ އަދަދު ދަށްވި އެވެ. މި ސަރުކާރުން ފުރަތަމަ ހާމަކުރި އަދަދަކީ ކުރީގެ ސަރުކާރުން ވެސް އެ އަދަދު ހާމަކުރި ވަރެވެ.

އެކަމަކު މި ސަރުކާރުން ބުނާ އަދަދަށް ދުވަހުން ދުވަހަށް ބަދަލު އަންނަމުން ދިޔައިރު، އެފަދަ ވެރިން ދައްކާ ވާހަކަ ގަބޫލުކުރަން ދަތިވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވިދާޅުވި އެވެ.

"ދެން މަދަނީ މީހުންނޭ ގެނައީ، ސިފައިންނެއް ނެތޭ، ފޮނުވާލި ސިފައިން ފެނުނު ބަޔަކު ނެތް، އޭގެ އެއްވެސް ހެއްކެއް ނެތް، ދެން ގެނައީ ކޮން ބަޔަކު ކަމެއް، އެނގޭނެ ގޮތެއް ވެސް ނެތް، ދެ ފަހަރު މަތިން ދެ ގޮތަށް އެބަ ވާހަކަ، ދެން އެ ބަޔެއްގެ ވާހަކަ ކިހިނެއް ގަބޫލު ކުރާނީ ވެސް،" ޔާމީނުގެ އަރިހުގައި މިހާރު ސިޔާސީ މަސައްކަތްކުރައްވާ ހުސައިން ވަހީދު ވިދާޅުވި އެވެ.

ދުނިޔޭގެ މިލިޓަރީ ހަމަ އާއި އިންޑިއާގެ އުސޫލު

އަސްކަރިއްޔާ އަދި ދާހިލިއްޔާގެ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ވެސް ދިވެހި ސަރުކާރުން ދައްކާ ވާހަކައަކީ ގޯހެކެވެ. އަސްކަރީ އުޅަނދުތަކެއް ދުއްވަން މަދަނީންނަށް ދޫކޮށްލުމަކީ ދުނިޔޭގެ މިލިޓަރީ ހަމަތަކާ ވެސް އިދިކީލަ ވާހަކައެކެވެ. އަސްކަރީ ވަސީލަތްތަކުގެ އޮޕަރޭޝަންތަކަށް ލައިންސަންސް ދޭނީ އަސްކަރީ ތަމްރީން ލިބިފައި ތިބި މީހުންނަށެވެ.

ސިފައިންގެ ތަމްރީނުގެ ތަޖުރިބާތަކުގެ ވާހަކަ ހިއްސާކުރައްވަމުން އުމަރު ވިދާޅުވީ "ސިވިލް އެއާ ކްރާފްޓް" އަދި "މިލިޓަރީ އެއާ ކްރާފްޓް" ގެ އޮޕަރޭޝަންތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެންމެ ބޮޑު އެއް ތަފާތަކަށް އޭނާ އިޝާރާތް ކުރެއްވީ ސަވަޔަލަންސްގެ އެކިއުޕްމަންޓްތައް ވެސް މިލިޓަރީ ކްރާފްޓްތަކުގައި ބޭނުން ކުރާނެ ކަމެވެ. އިންޑިއާއިން ދިން އުޅަނދުތައް އޮޕަރޭޓް ކުރެވޭނީ އެ ތަމްރީން ހުރެގެނެވެ.

"މިލިޓަރީ ކްރާފްޓެއް ޑިޒައިންކޮށްފައި މި ހުންނަނީ މީހުނާއެކު ސަވަޔަލަންސް އެކިއުޕްމަންޓްތަކެއް ވެސް އުފުލާ ގޮތަށް، މިހާރު ރާއްޖޭގައި މި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާއަކީ އޭއްޗެހި އިންސްޓޯލްކޮށްފައި ހުރި އުޅަނދު، އެ ދުއްވަން އަރާނީ އެ ދަންނަ މީހުން، އެ ދަންނާނީ އަސްކަރީ ތަމްރީން ހުރި މީހުން،" އުމަރު އޭނާގެ ނުކުތާ އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވި އެވެ.

އުމަރުގެ ނުކުތާއަށް ކުރީގެ ކޮމިޝަނަރު ހުސައިން ވަހީދު ވެސް އެއްބަސްވެ އެވެ. ކަނޑުމަގުން ގެއްލޭ މީހުން ހޯދުމާއި ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ އަސްކަރިއްޔާތަކަށް ހާއްސަ މަސައްކަތްތަކެވެ. އެފަދަ މަސައްކަތްތަކުގެ އޮޕަރޭޝަނަށް އާންމު މަދަނީ ހިދުމަތްތެރިން ތިބޭ ވާހަކައަކީ އެއްވެސް ވަރަކަށް ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަދަނީ ހިދުމަތްތެރިންނަށް ނުވާ ބައެއް ކަންކަން ކުރަން އަސްކަރިއްޔާ މި އޮންނަނީ، އަސްކަރިއްޔާއިން އެ ކަންކަން މި ހަމަޖައްސަނީ ވަކި ކަހަލަ ތަމްރީނުތަކާއި އެއަށް ބޭނުންވާ ވަސީލަތްތަކަކުން، މި އުޅަނދުތަކަކީ އޭގެ ވަސީލަތެއް، މަދަނީ ބަޔަކަށް މިފަދަ އެއްޗެހީގެ އޮޕަރޭޝަނަލް ވާހަކަ ވެސް ދައްކަން ނުވެސް އެނގޭނެ،" ހުސައިން ވަހީދު ވިދާޅުވި އެވެ.

ދެން އޮތީ އިންޑިއާގެ ގާނޫނުތަކެވެ.

އިންޑިއާ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރިއްޔާ އެވެ. އިންޑިއާގެ ދާހިލީ ހަމަޖެހުމުން ފެށިގެން ބައެއް އަވައްޓެރިންނާ ދެމެދު އޮތް ދެބަސްވުންތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރިއްޔާއަށް އަބަދުވެސް ބޮޑު ހޭދައެއް ކުރާ ގައުމެކެވެ. ޒަމާންވީ އެ އަސްކަރިއްޔާ ތަބާވާން ޖެހޭ ގާނޫނުތައް ވެސް ގިނަ އެވެ. އެއިން ބައެއް ގާނޫނުތަކަކީ 1950 އިން ފެށިގެން އޮތް ގާނޫނުތަކެވެ.

ސިފައިންގެ ގާނޫނަކާއި، އިންޑިއާގެ ޑިފެންސްގެ ގާނޫނަކާއި، އެއާފޯސްގެ ގާނޫނެއްގެ އިތުރުން ނޭވީއަށް ހާއްސަކޮށް ވެސް ވަކި ގާނޫނެއް އޮވެ އެވެ. އަދި ނެޝަނަލް ސެކިއުރިޓީގެ ވަކި ގާނޫނީ އޮނިގަނޑެއް އޮވެ އެވެ. އެއިން ކޮންމެ ގާނޫނެއްގައި ވެސް ލާޒިމުކޮށްފައިވާ އެއް ހަމައަކީ އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ސިފައިންގެ ހުވާ ކޮށްފައި އޮންނަ މީހުންނަށް އެކަނި ކަމެވެ.

-

ވަށައިގެން ފެންނަން ހުރި ކަންކަމަށް ބަލާއިރު، ސަރުކާރުން ދެއްކީ އަވާ މެންދުރެކެވެ. އިންޑިއާގެ އަސްކަރިއްޔާއާ ގުޅުވައި ދިވެހިންނަށް ވިއްކި ވާހަކަ އާއި ދިވެހިންގެ ހިތްތަކުގައި އުފެއްދި ޖަޒުބާތާ އެއް ގޮތަށް ސަރުކާރަށް ނަތީޖާއެއް އަދި ނުނެރެވެ އެވެ. ނުނެރެވޭ ހާލަތުގައި އެ ހަގީގަތާ އެއް ގޮތަށް ސަރުކާރުގެ ވާހަކަތައް ބައްޓަންވެފައި ނެތް ކަމެވެ.