Advertisement

އެހެން ގައުމުތަކާއެކު ބާއްވާ ގުޅުމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ގެއްލުން ނުވާނެކަން ޔަގީން: ރައީސް

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: އެހެން ގައުމުތަކާއެކު އޮތް ގުޅުމުގެ ތެރެއިން އިންޑިއާގެ ސަލާމަތަށް ގެއްލުންވާ އެއްވެސް ކަމެއް ރާއްޖެއަކުން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް


އެހެން ގައުމުތަކާއެކު ބާއްވާ ގުޅުމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ގެއްލުން ނުވާނެކަން ޔަގީން: ރައީސް

އެހެން ގައުމުތަކާއެކު ރާއްޖެއިން ހަދާ އެއްބަސްވުމުންތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ގެއްލުންނުވާނެ ކަމުގެ ޔަގީން އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އެ ގައުމުގެ ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މިހެން ވިދާޅުވީ، މި ސަރުކާރުން ޗައިނާއާއެކު ވަރުގަދަ ކުރަމުންދާ އަސްކަރީ ގުޅުމާއެކު އިންޑިއާގެ ސަލާމަތަށް ގެއްލުމެއް ވެދާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ސަރުކާރުން ވަނީ ޗައިނާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އިންޑިއާގެ ސަލާމަތަށް ގެއްލުންވާ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް އިސްކުރާނީ އިންޑިއާއާއެކު އޮތް ޒަމާންވީ ވަރުގަދަ ގުޅުމަށް. އެހެން ގައުމުތަކާއެކު ބާއްވާ ގުޅުންތަކާއި ވެވޭ އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތަށް އަދި ސަލާމަތީ މަސްލަހަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ދެމެހެއްޓުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އިދިކޮޅުގައި ތިބެ އިންޑިއާއާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅޭ ގޮތުން އެ ނޫހުން ކުރި ސުވާލުތަކަށް ރައީސް ސީދާ ޖަވާބެއް ނުދެއްވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުން ހިމެނޭހެން އެ ގައުމާ ދެކޮޅު ގިނަ ވައުދުތަކަކާއެކު އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ނޭނގޭ ކަމަށާއި އެ އަދަދު އެތައް ހާހަށް އަރާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފަހުން އެކަން ދޮގުކުރީ ވެސް އެމަނިކުފާނުގެ ސަރުކާރުންނެވެ.

މި ސަރުކާރުން ބުނީ ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވަން ތިބި 77 ސިފައިން ކަމަށެވެ. އެ މީހުން ބަދަލުގައި އިންޑިއާއިން އެދުނު ގޮތަށް ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއްގެ މަދަނީން ގެނެސްފަ އެވެ. ނަމަވެސް އިންޑިއާގެ އަސްކަރީ އުޅަނދުތައް އަދިވެސް ދަނީ ރާއްޖޭގައި އުދުހެމުންނެވެ.

ރައީސްގެ މި ދަތުރުގައި މާދަމާ އިންޑިއާ އާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި އަސްކަރީ އެއްބަސްވުމެއް ހިމެނޭކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެއްބަސްވުންތަކުގެ ދާއިރާތައް މާދަމާ ހާމަކުރާނެ ކަމަށް ބެލެވެ އެވެ. ރައީސް އާއެކު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް މިވަގުތު ހުންނެވީ އިންޑިއާގަ އެވެ.