ލަންޑަން (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން 4-0 އިން ފުލަމް ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 36 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ.
ސިޓީގެ މި މޮޅާ އެކު، ލިވަޕޫލަށް ލީގު ލިބުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގުގައި މާދަމާރޭ އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިނަމަ އެއް މެޗު އިތުރަށް ކުޅެގެން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން ލީޑުނެގީ 13 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ޖޮސްކޯ ގްވާޑިއޯލް އެވެ.
ދެ ވަނަ ހާފު ފަށައިގެން 15 މިނިޓް ތެރޭ ސިޓީން ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ، ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ފިލް ފޯޑެން އެވެ. ސިޓީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން، އާލިން ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
އެކަމަކު، މެޗުގެ 71 ވަނަ މިނިޓްގައި، ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ގްވާޑިއޯލް ވަނީ މެޗުގައި އޭނާގެ ދެ ވަނަ ލަނޑު ޖަހައި، ސިޓީ އަށް ހަަތަރު ޕޮއިންޓުގެ ލީޑެއް ނަގައިދީފަ އެވެ. މިއީ، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ގްވާޑިއޯލް ޖެހި ހަތަރު ވަނަ ގޯލެވެ.
އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ސިޓީގެ ޖޫލިއަން އަލްވަރޭޒަށް ފުލަމް އޭރިއާތެރެއިން އެ ޓީމުގެ އީސާ ދިއޮޕް ކުރި ފައުލަކަށް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. އެ ފައުލަށް ދިން ޕެނަލްޓީން ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ އަލްވަރޭޒް އެވެ.
ސިޓީން ދެން ބާކީ އިން ދެ މެޗުން މޮޅުވެއްޖެނަމަ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ސިޓީ އަށް ދެން އޮތީ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެސްޓް ހޭމްއާ ބައްދަލުކުރާ މެޗެވެ.
Comment