Advertisement

ހަރަދު ކުޑަކުރަން ސިޓީ ކައުންސިލުގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި

މާލެ ސިޓީ ކައުންސިލުން ހިންގާ "މާލެ ފެހި" ގެ ގަސް ވިއްކާ އައުޓްލެޓެއް: މާލޭގައި ހުރި ފިހާރަތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ހަރަދު ކުޑަކުރަން ސިޓީ ކައުންސިލުގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި

"މާލެ ފެހި" ނަމުގައި ގަހާއި ގަސް ކާނާގެ ބާވަތްތައް މާލެ ސިޓީ ކައުންސިލުން ވިއްކާ ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ ތިން ފިހާރަ ހުޅުމާލެއަށް ބަދަލުކުރީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ދާއިމީކޮށް ކަމަށެވެ.

މިގޮތުން ގަސް ވިއްކުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ހުރި ފެސިލިޓީން ކަމަށާއި އެކަން ކުރިއަށް ގެންދަން ކުރިން ވަރަށް ބޮޑު ހަރަދެއް ހިނގަމުންދިޔަ ކަމަށެވެ.

"ފިހާރަތައް ހިންގަމުންދިޔައީ ގެއްލުމުގައި. އެ ގެއްލުން ކުޑަކުރަން ފިހާރަތައް ހުޅުމާލެއަށް މި ބަދަލުކުރީ. ހުޅުމާލޭ ސަހަރާއިން ތަންކޮޅެއް އިންނާނެ އެކަމަށް. އެއީ މައި ތަން އަދި ކުރިން ވެސް އޮޕަރޭޓުކުރަމުންދިޔަ ތަނެއް. އެތަނުގައި ދެން ހިންގާނީ،" އާޒިމް ބުންޏެވެ.

މާލޭގައި ގަސް ފިހާރަތައް ހިންގަމުންދިޔަ ތަންތަނަށް ހަދާނެ ގޮތެއް އަދި ނުނިންމާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. ގަސް ވިއްކާތަން ބަދަލުކުރީ ހުޅުމާލޭގައި ހިންގާ ނާސަރީ އައުޓްލެޓަށެވެ. އެތަނުން ކުރިން ވެސް ދިޔައީ ގަހާއި ގަސް ކާނާ ވިއްކަމުންނެވެ.