Advertisement

ފައިނަލުގައި ކުރީގެ ކްލަބާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށް ބެލިންހަމް ހިއެއްނުކުރޭ

10 މޭ 2024 - 06:46 0


ފައިނަލުގައި ކުރީގެ ކްލަބާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށް ބެލިންހަމް ހިއެއްނުކުރޭ

10 މޭ 2024 - 06:46 0

މެޑްރިޑް (މެއި 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑާ ކުޅެން ޖެހޭނެ ކަމަށް ހިއެއްނުކުރާ ކަމަށް ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ބުނެފި އެވެ.

މިދިޔަ އަހަރުތަކުގައި ޑޯޓްމަންޑަށް މޮޅު ކުޅުމެއް ދެއްކި ބެލިންހަމް، 20، މި ސީޒަނުގައި ރެއާލަށް ބަދަލުވީ ބޮޑު އަގުގަ އެވެ. ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ރެއާލާ އެކު ބެލިންހަމް ސޮއިކުރީ 110 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ބެލިންހަމް، ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުރީގެ ޓީމު ޑޯޓްމަންޑާ ވާދަކުރާނެ އެވެ.

"ވަރަށް އިމޯޝަނަލް ވަގުތަަކަށް ވާނެ އަހަރެންގެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލް ވެސް މި ކުޅެން ޖެހެނީ ކުރީގެ ޓީމާ ދެކޮޅަށް. އެވެސް އަހަރެންގެ އަމިއްލަ ގައުމުގައި، މިއީ އެއްގޮތަކަށް ވެސް އުންމީދުކޮށްގެން ހުރި ކަމެއް ނޫން،" ބެލިންހަމް ބުންޏެވެ.

ބެލިންހަމް ބުނީ އޭނާގެ އިންސްޕިރޭޝަނަކީ ޒިނެދިން ޒިދާން އާއި ކްލަރެންސް ސީޑޯފް ކަމަށެެވެ. އެ ދެ ކުޅުންތެރިންނަކީ ވެސް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުޅުންތެރިން ކަމަށާއި އެ ފަދަ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ބެލިންހަމް ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ރެއާލަށް ކުޅެދިން 39 މެޗުން ބެލިންހަމް ވަނީ 22 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި ފަަހަރުގެ ގޯލްޑަން ބޯއީ އެވޯޑް ވެސް ހޯދީ ބެލިންހަމް އެވެ.

ބެލިންހަމްގެ ކުރީގެ ކްލަބް، ޑޯޓްމަންޑް، ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ދަތުރުކޮށްފައި މި ވަނީ 11 އަހަރު ފަހުންނެވެ. ޑޯޓްމަންޑް، އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅުނީ ވެސް ވެމްބްލީގަ އެވެ. އެ ގޮތުން، 2013 ވަނަ އަހަރުގެ ފައިނަލުގައި ޑޯޓްމަންޑް ބަލިވީ ބަޔާން މިއުނިކް އަތުން 2-1 އިންނެވެ. ރެއާލުން މި ފަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ބަޔާން ކަޓުވާލައިފަ އެވެ.