Advertisement

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފި

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފެށުން -- ފޮޓޯ: އާރްޑީސީ


މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފި

ދިވެހި ސިފައިން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެހީތެރިކަމާއެކު މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް މިއަދު ފަށައިފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގަ އެވެ.

މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވީ މާލެއަށް ވާރޭ ވެހޭ ކޮންމެ ދުވަހަކު ރައްޔިތުންނަށް ގެއްލުންވެ، ތަކުލީފުތައް އުފުލަން ޖެހޭ ކަމަށެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފެށުން -- ފޮޓޯ: އާރްޑީސީ


މަޝްރޫއާއެކު ވެސްޓުޕާކު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް "އަދަދު" އަށް ވިދާޅުވީ ވެސްޓް ޕާކް ސަރަހައްދުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ މަޝްރޫއުގެ ދަށުން ގިނަވެގެން ދެ ހަފްތާ ތެރޭގައި ހައްލުކޮށް ނިންމާލެވޭނެ ކަމަށެވެ.

"10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް މަސައްކަތް ފެށިގެންދާކަމީ މާލޭގެ ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމެއް," މާލޭގެ މޭޔަރު އާދަމް އާޒިމް މި މަޝްރޫއުއާ ގުޅޭގޮތުން އެކްސްގައި ވިދާޅުވި އެވެ.

މި މަޝްރޫއު ސިފައިން އަދި އާރްޑީސީއިން ކުރިއަށް ގެންދަނީ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ހިލޭ މަސައްކަތް ކުރާ ގޮތަށެވެ.