Advertisement

މާލޭގެ ސްކޫލުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަނީ

ސްކޫލެއްގެ ޓީޗަރުންތަކެއް: ދިވެހި ޓީޗަރުން ގިނަ ކުރަން ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާލޭގެ ސްކޫލުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަނީ

ދިރާސީ އާ އަހަރުގެ ކިޔަވަން ފަށަންވާއިރަށް މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބިއްޖެ ނަމަ، އެ މަގާމުތަކަށް ބިދޭސީ ޓީޗަރުން ގެންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިކަމުގެ މައުލޫމާތު ދެމުން މިނިސްޓަރު ޝަފީއު "އަދަދު" އަށް ވިދާޅުވީ މާލޭގެ ސްކޫލުތަކަށް 89 ވަރަކަށް ޓީޗަރުން ބޭނުންވާ ކަމަށް އެންމެ ފަހުގެ ރެކޯޑްސްތަކުން ދެއްކި ނަމަވެސް މުޅިން އަލަށް މި ދާއިރާއާ ގުޅެން ތިބީ 57 ވަރަކަށް ޓީޗަރުން ކަމަށެވެ.

މަދުވާ 30 ވަރަކަށް ޓީޗަރުންގެ ބަދަލުގައި ބިދޭސީން ގެނައުމުގެ ގޮތުން ދުރާލާ ބިދޭސީ ޓީޗަރުންގެ ރެކްރޫޓްމަންޓް ޕްރޮސެސްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ތައުލީމުގެ ކަށަވަރުކަމަކީ ގާނޫނުން ލާޒިމްކުރާ ކަމެއް. އެހެންވީމަ ދިވެހިރާއްޖެއިން ދިވެހި ޓީޗަރުން ނުލިބޭ ކަމަށްވާނަމަ، ސިސްޓަމުގައި ޕްރެކްޓިސް ކުރެވިގެންދާ ގޮތަކީ ބޭރު ޓީޗަރުން ރެކްރޫޓުކޮށްގެން ގެނައުން. ސީދާ ޝޯޓޭޖް އަންނަ އަދަދު ވެސް އަޅުގަނޑުމެންނަށް އެނގޭނީ ސްކޫލްތަކަށް ވައްދާ ދަރިވަރުންގެ ޖާގަތައް ކަށަވަރުވީމަ،" އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ޓީޗަރުން މަދުވާ އަދަދު ކަށަވަރު ކުރެވުމުން ރެކްރޫޓްމަންޓުގެ ތެރެއިން ފާހަގަކުރެވެނު ބިދޭސީ ޓީޗަރުންނަށް ރާއްޖެ އަންނަން ދައުވަތު ދޭނެ ކަމަށެވެ. އަދި ދިރާސީ އަހަރު ފެށުމުގެ ކުރިން ޓީޗަރުން ހަމަކުރަން ގޮންޖެހުންތައް ހުރި ނަމަވެސް، އެ އަމާޒަށް ވާސިލުވާން އެޑިޔުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ

ރާއްޖޭގައި ޖެނުއަރީގެ ނިޔަލަށް 1،800 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތް ކުރަމުން ގެންދިޔައިރު، އެ ޓީޗަރުންނަށް އަހަރަކު 350 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރެ އެވެ. އެހެންވެ، ސަރުކާރުތަކުން އަންނަނީ ދިވެހި ޓީޗަރުން ތަމްރީންކުރަން ހާއްސަ ސަމާލުކަމެއް ދީގެން އެކަމަށް ދިވެހިން މި ދާއިރާއަށް ވަންނަން ބާރުއަޅާ ގޮތަށް ސިޔާސަތުތައް ބަދަލުކުރަމުންނެވެ