Advertisement

ރާއްޖޭގެ ފުޓްސަލް: ރަނގަޅު ވަސީލަތެއް ނެތި ދެކުނު އޭޝިއާގެ އެންމެ އުހުގައި

8 މޭ 2024 - 11:36 1

އަތޫފް އާތިފް

އަތޫފް އާތިފް


ރާއްޖޭގެ ފުޓްސަލް: ރަނގަޅު ވަސީލަތެއް ނެތި ދެކުނު އޭޝިއާގެ އެންމެ އުހުގައި

8 މޭ 2024 - 11:36 1

ރާއްޖޭގައި މި ވަގުތު ކުޅެމުން އަންނަ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓްސަލް އެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަޕޯޓަރުންނަށް ބެލިކަމުގައިވިޔަސް, ނޫންނަމަ އަމިއްލަ ފަރާތްތަކުން ބާއްވަމުން އަންނަ މުބާރާތްތަކަށް ބެލިކަމުގައިވި ނަމަވެސް އެންމެ ގިނައީ ފުޓްސަލް އެވެ.

ފުޓްސަލްގެ ދިގު ތާރީހެއް ރާއްޖޭގައި އޮތް ނަމަވެސް, ފުޓްސަލް އެންމެ ބޮޑަށް ކުރިއަރައިގެން ދިޔައީ މިދިޔަ 15 ވަރަކަށް އަހަރު ތެރޭގަ އެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސަރުކާރުތަކުން އެޅި "މެޓް" ދަނޑުތަކާއެކު, ފުޓްސަލްގެ "ކިކު" ގަދަވި އެވެ. ފުޓްސަލް ކުޅޭ ކުޅުންތެރިންގެ އަދަދު އެތައް ގުނައެއް މަތިވި އެވެ. އަދި ފުޓްސަލް މުބާރާތްތައް އިތުރުވެ, ދިވެހި ލީގު ކުޅޭ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ކެރިޔަރު ފުޓްސަލް އަށް ބަދަލުކުރި އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ މިހާރު ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނެވެ.

ފުޓްސަލްގެ "ކިންގް" ތާޖު އެ ކުޅުންތެރިން އަޅަމުންދާއިރު, އާމްދަނީ ހޯދަންވެސް އެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތަކީ މިއީ އެވެ.

އެކަމަކު ފެށުނީއްސުރެ މިއަދާ ހަމައަށް މި ކުޅިވަރަކީ އަޅާ ނުލެވި އޮތް ކުޅިވަރެކެވެ. ފުޓްސަލްގެ ބެލެނިވެރިފަރާތް, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެށިގެން ގޮސް, ކުޅިވަރާ ބެހޭ ވުޒާރާ އިންވެސް މި ކުޅިވަރަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ދީފައެއް ނެތެވެ. އެކަމަކު، މަޑުމަޑުން ކަންކަން ބަދަލުވެދާނެ ކަމުގެ ކޮޅުމަތި މިހާރު އަންނަނީ ފެންނަމުންނެވެ.

ފުޓްސަލް ކުރިއަރާއިރު، ބެލެނިވެރި ފަރާތް އޮތީ ހިމޭނުން

ފީފާ ގަވާއިދު ބުނާ ގޮތުން ފުޓްސަލްގެ ބެލެނިވެރި ފަރާތަކީ, އެ ގައުމެއްގެ އެފްއޭ އެވެ. އެހެންވެ, ރާއްޖޭގައި ފުޓްސަލްގެ ބެލެނިވެރި ފަރާތަކީ އެފްއޭއެމް އެވެ. އެފްއޭއެމުން މިހާތަނަށް ފުޓްސަލް ކުރިއަރުވަން ހަގީގީ މާނައިގައި ކުރަން ޖެހޭ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ދޭތެރެ ދޭތެރެއިން ފުޓްސަލް ރެފްރީން ތަމްރީނުކޮށް ހަދަ އެވެ. އެކަމަކު، އެއީ މި ކުޅިވަރަށް އެންމެ އެކަށޭނެ, މިންވަރަށް ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތެއް ކަމަށް ނުބުނެވޭނެ އެވެ.

ފުޓްސަލްގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެފްއޭއެމުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް މި ރާއްޖެ އަކު ނެތެވެ. މިއިންވެސް ފުޓްސަލް އަށް އިހުމާލުވެފައިވާ މިންވަރު ހާމަކޮށްދެ އެވެ.

ފުޓްސަލް ލީގުގެ މަސައްކަތް ވީ ބިލާހަކަށް

ފުޓްސަލް ލީގުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރެވެމުން. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފުޓްސަލް ލީގު އިއުލާން ކުރެވިގެންދާނެ -- ބައްސާމް

މިއީ، މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތައް ފަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުޓްސަލް ލީގުގެ ސުވާލު ކުރުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ވާހަކަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ, ފުޓްސަލްގެ ގައުމީ ލީގުގެ މަސައްކަތް އަމިއްލަ ބަޔަކާ ގުޅިގެން އެފްއޭއެމުން ކުރަމުން އަންނަ ކަމަށާއި, އަދި އެ ލީގު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމަށް އަހަރަކާ ގާތް ވެފައިވާއިރު, އަދިވެސް ފުޓްސަލްގެ ގައުމީ ލީގެއް އެފްއޭއެމުން އިއުލާން ކޮށްފައި ނުވެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުން އެފްއޭއެމުން މި ލީގުގެ މަސައްކަތް ހަވާލުކުރީ ރާއްޖޭގައި ފުޓްސަލްގެ މުބާރާތްތައް ބާއްވަމުން އަންނަ އަމިއްލަ ފަރާތަކަށެވެ. އަދި އެ ފަރާތުން ވަނީ ފުޓްސަލް ލީގުގެ ފޯމެޓެއް އެކުލަވާލާ އެފްއޭއެމް އަށް ހިއްސާ ވެސް ކޮށްފަ އެވެ. އަދި މި ލީގަށް ހަރަދުވާނެ މިންވަރަށް ދަން ދެން އެ ފަރާތުން ވަނީ އެފްއޭއެމް އަށް ހިއްސާ ކޮށްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުން ލީގުގެ މަސައްކަތް ހަވާލުކުރި އަމިއްލަ ފަރާތުން ވަނީ މުޅި ރާއްޖެ ޝާމިލުވާނެ ހެން ލީގު ފޯމެޓް ހަދާފަ އެވެ. އެކަމަކު އެ ފަރާތަށް އެފްއޭއެމް އިން ފަހުން "ހަބަރު" ނުވާ ކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ.

ފުޓްސަލް ކުޅެނީ އައުޓް ޑޯ ގައި

ފުޓްސަލް އަށް ހާއްސަ އިންޑޯ ކޯޓެއް މިއީ މި ވަގުތުން މި ވަގުތައް ފުޓްސަލް ކުޅުންތެރިންނަށް ބޭނުން ޖެހިފައިވާ ކަމެކެވެ. އެންމެ ފަހުން މިދިޔަ އަހަރު ފުޓްސަލް ޓީމު ކުޅުނު ބައިނަލްއަގްވާމީ މުބާރާތްތަކަށް ފަރިތަކުރަން އިންޑޯ ކޯޓެއް ލިބިފައިނުވިއިރު, އޭގެ ފަހުން ފުޓްސަލް ގައުމީ ޓީމު ފަރިތަކުރުމަށް ބޭނުންކުރީ ޒުުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ. އެ ކޯޓަކީ ވޮލީބޯލް, ބާސްކެޓް އަދި ނެޓްބޯލް ޓީމުން ވެސް ބޭނުން ކުރަމުން އަންނަ ކޯޓެވެ.

ފުޓްސަލްގެ ތަޖުރިބާކާރުން އަދި ކުޅުންތެރިންވެސް އަންނަނީ ރާއްޖެއިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާއިރު, އިންޑޯ ކޯޓެއް އޮވެއްޖެ ނަމަ ތަފާތު ފެންނާނެ ކަމަށް ބުނެފަ އެވެ.

ދެކުނު އޭޝިއާގެ އެންމެ "އުހުގައި"

ފީފާ އިން މުޅިން އަލަށް ނެރުނު, ފުޓްސަލް ރޭންކިންގައި ރާއްޖެ ރޭންކު ކޮށްފައިވަނީ 110 ވަނައިގަ އެވެ. ރޭންކިންގައި ދެކުނު އޭޝިއާގެ ތިން ގައުމެއް ހިމަނާފައިވާއިރު, އެއީ ރާއްޖޭގެ އިތުރުން ނޭޕާލް އަދި އިންޑިއާ އެވެ. ނޭޕާލް އަށް ރާއްޖޭގެ ފަހަތުން ދެވަނަ ލިބުނީ 121 ވަނައިގައި ހިމެނިގެންނެވެ. އަދި އިންޑިއާ އަށް ތިންވަނަ ލިބެނީ 135 ވަނައިގައި ހިމެނިގެންނެވެ.

ރާއްޖެއިން މިދިޔަ ދެ އަހަރެއްހާ ދުވަހު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފުޓްސަލް ޓީމު ބައިވެރިކުރުވިއިރު, އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ހާއްސަކޮށް އޭޝިއާ އަދި ދުނިޔޭގެ ގަދަ ބާރުތަކާ ދެކޮޅަށް ކުޅެ ރާއްޖޭގެ ޓީމުން ތަފާތު ދެއްކި އެވެ.

ރާއްޖޭގެ ފުޓްސަލް އަށް އޮތީ ފަހި މުސްތަގުބޮލެކެވެ. އެކަމަކު އެއީ ފުޓްސަލް އަށް ދޭން ޖެހޭ ސަމާލުކަންދީ ފުޓްސަލްގެ އިންފްރާސްޓަކްޗާ ރަނގަޅުކޮށް ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ކުޅެގެންނެވެ. އޭރުން ފުޓްސަލްގައި ރާއްޖެ އަށް ދެކުނު އޭޝިއާގެ އިތުރުން އޭޝިއާގެ ގަދަ ބާރަކަށްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ހަމަ ޔަގީނުންވެސް ރާއްޖޭގެ ކުޅުންތެރިންގެ އެ ފެންވަރު އެބަހުރި އެވެ. އެކަން އެ ކުޅުންތެރިން ވަނީ ސާބިތުވެސް ކޮށްދީފަ އެވެ.

މި ސަރުކާރުން އަންނަނީ، ފުޓްސަލް އިންޑޯއެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ފުޓްސަލް އިންޑޯ ކޮމްޕެލްކްސްއެއްގެ ބިންގާ އަޅައިފި އެވެ. ފުޓްސަލް ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެދުމަކީ، އިންޑޯ އެއްގެ ހުވަފެން ހަގީގަތަކަށްވެ، ވީ އެންމެ ގިނަ މުބާރާތްތަކުން ރާއްޖެ ފެނިގެންދިއުމެވެ.