Advertisement

އެންރީކޭ ދެކޭގޮތް: ހަމަޖެހިލައިގެން ކުޅުން ނޫން ގޮތެއް ނެތް

7 މޭ 2024 - 09:52 0

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ދެކޭގޮތުގައި ކޮންފިޑެންސާ އެކު ކުޅެގެން ޕީއެސްޖީ އަށް ފައިނަލަށް ދެވޭނެ.


އެންރީކޭ ދެކޭގޮތް: ހަމަޖެހިލައިގެން ކުޅުން ނޫން ގޮތެއް ނެތް

7 މޭ 2024 - 09:52 0

ޕެރިސް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލު ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭއިރު، ހަމަޖެހިލައިގެން ކުޅުން ނޫން ގޮތެއް ނެތް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ޑޯޓްމަންޑުން ވަނީ ފުރަތަމަ ލެގުގައި، ޕީއެސްޖީ އަތުން 1-0 އިން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭ ޕީއެސްޖީ އަށް ރަނގަޅު ނަތީޖާ އަކުން މޮޅުވެގެން ނޫން ގޮތަކަށް ފައިނަލަށް ދެވެން ނެތެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުނީ، ވަކިވަރަކަށް ގޯލު ޖަހައި ނޫނީ ވަކި ކަންތައްތަކެއް ކުރުމުގެ ޓާގެޓެއް ހަދައިގެން ދިއުމަށް ވުރެ އޭނާ ވިސްނުން ބަހައްޓަނީ މޮޅެއް ހޯދުމަށް ކަމަށެވެ.

"އަހަރެމެން ވިސްނަން މި އުޅެނީ ދެ ގޯލުން މޮޅުވެގެން ދާކަށް ނޫން. ހަމަ މޮޅުވާން ފުރަތަމަ ޓާގެޓް މި ކުރަނީ. ފުރަތަމަ ވެސް ދެ ގޯލު ޖަހަން ޖެހެއޭ، އެހެން ވިސްނައިގެން މި ކަން ކުރަން އުޅެފިއްޔާ، މި ކަންތައް އަމިއްލަ އަށް ބޮޑު މި ކުރެވެނީ،" ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ މެޗު ފަށާ ގޮތަށް ގޯލެއް ނުޖެހުނު ކަމަށް ވިޔަސް މާ ބޮޑަށް ހާސްނުވެ، ޕީއެސްޖީން އަމިއްލަ ގޭމް ކުޅެން ޖެހޭ ކަމަށެވެ. އަދި މީގެ މުހިންމު ކަމަކަށް 100 ޕަސެންޓް އެޓޭކަށް ސަމާލުކަން ބަހައްޓައިގެން ކުޅެން އުޅުނަސް ފަހަތަށް ވެސް ފަރުވާތެރިވުން ކަމަށް އެންރީކޭ ފާހަގަކޮށްފައިވެ އެވެ.

ޑޯޓްމަންޑްގެ ކޯޗު އެޑިން ޓާޒިޗް ބުނީ، އަމިއްލަ ދަނޑުގައި މޮޅެއް ލިބުނަސް އެ ހިސާބުން ނިމުނީ ކަމަށް ނުދެކޭ ކަމަށާއި ޕީއެސްޖީ ދަނޑުގައި، ޑޯޓްމަންޑުން އިތުރު 20 ކިލޯމީޓަރު ދުވެގެން، ދެ ގުނަ މަސައްކަތްކުރަން ޖެހޭނެ ކަމަށެެވެ.

ޓާޒިޗް ދެކޭގޮތުގައި، ޑޯޓްމަންޑްގެ ތައްޔާރީގެ އެންމެ މުހިންމު ބަޔަކީ، ކުޅުންތެރިން އަމިއްލަ ނަފްސަށް އަދި މުޅި ޓީމަށް ކުރާ އިތުބާރު ކަމަށެވެ.

ފުރަތަމަ ލެގުގައި، ނިކްލަސް ފުލްކްރޫގް ފުރަތަމަ ހާފުގައި ޑޯޓްމަންޑަށް ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގައި ޕީއެސްޖީން ގިނަ އެޓޭކްތަކެއް ކުރި އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ޕީއެސްޖީން އަމިއްލަ ދަނޑުގައި އޮންނާނީ ވަރަށް ބޮޑު އެޓޭކިން ޕްލޭނެއް ކަމަށް ޓާޒިޗް ގަބޫލުކުރެ އެވެ.

ޕީއެސްޖީ އާއި ޑޯޓްމަަންޑްގެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގަ އެވެ.