Advertisement

ދެ އިމްރާންގެ ވީޑިއޯއަށް ފަހު ރައީސް ގޮވާލެއްވީ ކުރެވޭ ކުށުގެ ނާޖާއިޒު ފައިދާ ނަގަން ވީޑިއޯކޮށް ފަލީހަތް ނުކުރަން

6 މޭ 2024 - 11:31 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޕީއެންސީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް މުއިއްޒު ބައިވެރިވަނީ. އެމަނިކުފާނު ވަނީ ޒިންމާދާރު ބަޔަކަށް ވުމަށް ގޮވާލައްވާފައި --- ފޮޓޯ: އަދަދު ފައިލް


ދެ އިމްރާންގެ ވީޑިއޯއަށް ފަހު ރައީސް ގޮވާލެއްވީ ކުރެވޭ ކުށުގެ ނާޖާއިޒު ފައިދާ ނަގަން ވީޑިއޯކޮށް ފަލީހަތް ނުކުރަން

6 މޭ 2024 - 11:31 1

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރު އެކްސިޑެންޓުވި މައްސަލައިގައި ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފު (އިންމު) ބަސް ވިދާޅުވަނިކޮށް އާންމުވި ވީޑިއޯއަށް ފަހު މީހަކަށް ކުރެވޭ ކުށުގެ ނާޖާއިޒު ފައިދާ ނެގުމަށް އެފަދަ ކަންކަން ވީޑީއޯކޮށް ނުހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ރައީސް ވަނީ މީހަކަށް ކުރެވޭ ކުށަކާ ގުޅިގެން ވީޑިއޯ ނަގައި "ފަލީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއް ނޫން" ކަމަށެވެ.

"ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކު ރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ," އެމަނިކުފާނު ވިދާޅުވި އެވެ.

އިމްރާން ކާރު އެކްސިޑެންޓުވީ ފަހަތުން އައި ކުޑަ ޕިކަޕެއްގައި ޖެހިގެންނެވެ. އެތަނުގައި އިމްރާން މަޑުކޮށްގެން ހުންނެވިއިރު، ޕިކަޕު ޑްރައިވަރާއެކު އިންމު ވެސް ހުންނެވި އެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިންމު އެދިވަޑައިގަންނަވަނީ، ޕިކަޕު ޑްރައިވަރަށް މައާފު ކުރުމަށްފަހު ދޫކޮށްލުމަށެވެ.

ކާރު ހަދަން ބަދަލެއް ބޭނުންވެއްޖެ ނަމަ އިންމު އެ ފައިސާ ދައްކައިދެއްވާނެ ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ވިދާޅުވެ އެވެ. އިންމު ވާހަކަ ދައްކާއިރު ކައިރީގައި އިމްރާން އާއި އޭނާގެ އަނބިކަނބަލުން ބަހެއް ވިދާޅުނުވެ ހުންނެވި މަންޒަރު ވީޑިއޯއިން ފެނެ އެވެ.

"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ," ރައީސް ވިދާޅުވި އެވެ.

އެތައް ހާސް ބަޔަކު އެ ވީޑިއޯ ބަލާފައިވާއިރު އޭގެ ސަބަބުން އިމްރާންއަށް ވަރަށް ބޮޑަށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން އިންމުއަށް ވެސް ފާޑުކިޔާފައިވެ އެވެ.

އޭފެ ފަހުން އަދާލަތު ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންމުއަށް ފާޑުކިޔައި އޭނާ ދޮގު ހެއްދެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޕިކަޕު ޑްރައިވަރަށް ނިސްބަތްކޮށް "ނިކަމެތި ބަސް" އިންމު ވިދާޅުވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

އޭގެ އިތުރުން، އިންމު، އިމްރާނަށް ފުރައްސާރަކޮށް، އެ އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކުރުމުގެ ޒިންމާއަށް އިންމު ހުރަސް އެޅުއްވި ކަމަށް ވެސް އަދާލަތު ތުހުމަތު ކުރި އެވެ.