Advertisement

ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ނޫސްތަކުން ސަރުކާރަށް ފާޑުކިޔުމަކީ "ރަނޑު" ކަމެއް: ހަލީލު

4 މޭ 2024 - 13:36 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ މިނިސްޓަރު ހަލީލު : އޭނާ ވިދާޅުވީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ ނޫސަތަކުން ސަރުކާރަށް ފާޑުކިޔުމަކީ 'ރަނޑު' ކަމެއް ކަމަށް - ފޮޓޯ: ރައީސް އޮފީސް


ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ނޫސްތަކުން ސަރުކާރަށް ފާޑުކިޔުމަކީ "ރަނޑު" ކަމެއް: ހަލީލު

4 މޭ 2024 - 13:36 1

ނޫސް ހިންގަނީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ނޫސްތަކުން ސަރުކާރަށް ފާޑުކިޔުމަކީ "ރަނޑު" ކަމެއްގެ ގޮތުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ސިފަކުރައްވައިފި އެވެ.

އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވިދާޅުވީ ފާޑުކިޔަންވާނީ ކެރިގެން ނުކުމެ، ފާޅުގައި ކަމަށެވެ.

"ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް 'ރަނޑު' މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ،" ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ "ޑިމޮކްރަސީގެ ކަންތައްގަނޑު" ފެށުނުއިރު ސިއްރުން ނޫސް ހިންގުން ބަލައިގަނެވުނު ނަމަވެސް މިހާރު އެ ހާލަތު ނެތް ކަމަށެވެ.

"ތަންކޮޅެއް ކުރީގެ މި ޑިމޮކްރަސީގެ ކަންތައްގަނޑު ފެށުނު އިރުގަ އުޅުނު ހިންގާ ބަޔަކު ނޭނގޭ ބައެއް ސައިޓުތަކާ އެއްޗެހި. އެހެން ނަމަވެސް މިއަދު ބޭނުން އެއްޗެއް ބޭނުން ޓީވީއަކުން ބުނުވޭ ނޫންތޯ، ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މި ސަރުކާރުން ނޫސްތަކުގެ ބްލެކްލިސްޓެއް ނުގެންގުޅޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. ނަމަވެސް ބްލެކްލިސްޓުކޮށްފައި އޮތްކަން ދައްކަން ބައެއް މީޑިއާތަކުން މަސައްކަތްކުރާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މިހާރު ބްލެކްލިސްޓެއް ނޯންނާނެ، މީޑިއާގެ ބްލެކްލިސްޓެއް ނޯންނާނެ، ބްލެކްލިސްޓު އޮތް ކަމަށް ދައްކަން ވެސް ބްލެކްލިސްޓު ނުކުރީމަ ވެސް ތިމަންނާމެންނަކީ ބްލެކްލިސްޓޭ ކިޔާފަ ދައްކަން ވެސް ބައެއް މީޑިއާތަކުން މަސައްކަތް ކުރޭ. އެހެން ނަމަވެސް ނޯންނާނެ އިނގޭތޯ، ބްލެކްލިސްޓެއް ނޯންނާނެ އިނގޭތޯ، އެމީހަކު ބޭނުން އެއްޗެއް ލިޔަނީ ނޫންތޯ އެ. އެ މީހަކު ބޭނުން ވާހަކައެއް ދައްކަނީ ނޫންތޯ، ކޮންތާކައްތޯ ގެންދިޔައީ ކޮން ފިޔަވަޅެއްތޯ އެޅީ،" ހަލީލް ވިދާޅުވި އެވެ.

މި ސަރުކާރުގެ ދެވަނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް، ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ދެ ނޫސް ސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއްގެ ވެބްސައިޓު ބްލޮކް ކުރި އެވެ. އެއިރު ވެސް ސަރުކާރުގެ އިސްވެރިން ވަނީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ސައިޓުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ނަމަވެސް ނޫސްވެރިންގެ ޖަމިއްޔާއާއި އެކި ކޮމިޝަންތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޕްރެޝަރާއެކު އެ ތިން ސައިޓު ވެސް ހަފުތާއެއްގެ ތެރޭގައި އަންބްލޮކް ކުރި އެވެ.