2 މޭ 2024 - 23:27 1
އަމަން ހަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދަ ޑިސްކައުންޓު ދޭން ނިންމީ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެން އިތުރުވާނީ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
2 މޭ 2024 - 23:27 1
ޔުޓިލިޓީ ކުންފުނިތަކުން ރޯދަ ޑިސްކައުންޓު ދިނީ ރައީސް އެދިވަޑައިގެންނެވި ގޮތަށް ނޫން ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޑިސްކައުންޓު ދޭން ނިންމީ ރައީސް އޮފީހާ މަޝްވަރާކުރުމަށް ފަހުގައި ކަން "އަދަދު" އަށް އެނގިއްޖެ އެވެ.
ޔުޓިލިޓީ ޑިސްކައުންޓު ލިބުނު ދުވަސްތަކުގެ ތެރޭގައި ރޯދަ މަހުގެ ދުވަސްތައް ނެތް ކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވަމުން ދިޔުމާ ގުޅިގެން ސަރުކާރުން ވަނީ ރޯދަ މަހު ބޭނުންކުރި ކަރަންޓަށް ލުޔެއް ލިބޭ ގޮތަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭން އަންގާފަ އެވެ.
ސަރުކާރުގެ މި ނިންމުން ހާމަކުރަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ "ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް. ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި" މިހެންނެވެ.
ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއި ނުދެވޭ ކަމަށް ފާހަގަވެ، ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރުން ދީލާލާފައިވާއިރު މި ޑިސްކައުންޓު ދޭން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން އެކުލަވާލީ ގައިޑްލައިނަކީ ރައީސް އޮފީހާ މަޝްވަރާކުރުމަށް ފަހު އެކުލަވާލި ގައިޑްލައިނެއް ކަމަށް، މި ނޫހުން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ އިދާރާއިން ބުނެފައިވެ އެވެ.
ރައީސް އޮފީހާ މަޝްވަރާކުރުމަށް ފަހު ޔޫއާރުއޭ އިން އެކުލަވާލީ ގައިޑްލައިންގައި، 10 ޕަސެންޓުގެ ޑިސްކައުންޓު ދޭނީ، މާޗު މަހުގެ ކަރަންޓާއި ފެން ބިލުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ޔުޓިލިޓީ ކުންފުނިތަކަށް ފޮނުވި ގައިޑްލައިންގައި އިތުރަށް ވަނީ "އާންމު މަސް" ކަނޑައެޅުމުގައި އެވަރެޖު ހިސާބު ކުރާއިރު ޑިމާންޑު ބޮޑެތި މަސްތައް އުނިކުރުމަށާއި އާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށާއި މާޗު މަހުގައި އަލަށް ބިލުކުރާ ކަސްޓަމަރުންނަށް ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށެވެ.
މި ނިންމުމާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން ޔުޓިލިޓީ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބައްދައިދެނީ ސަރުކާރުންނެވެ.
ސަރުކާރުން ކުރިން މި ނިންމުން ދިފާއުކުރަމުން ބުނީ ޑިސްކައުންޓު ދޭން ބުނީ މާޗު މަހުގައި އަންނަ ބިލުން ކަމަށެވެ. ނަމަވެސް މާޗުގައި، އެއީ ރޯދަ މަހުގެ ތެރޭގައި، އައި ބައެއް ބިލުތަކަށް ރީޑިން ނަގާފައި ހުރީ ފެބްރުއަރީގެ ދުވަސްތައް ހިމެނޭހެންނެވެ. މިހެންކަމުން މާޗުގެ ގިނަ ދުވަސްތަކަށް ޑިސްކައުންޓު ނުލިބޭ ކަމަށް ސޯޝަލް މީޑިއާގައި އާންމުން ކޮށްފައި ހުރި ޕޯސްޓުތަކުން ފާހަގަވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment