2 މޭ 2024 - 07:34 0
ސާއިފް ޝިޔާދު
2 މޭ 2024 - 07:34 0
މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑު، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުއެއް ގޮތަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ދައުރުވި ވާހަކަތަކާ ގުޅިގެން އެ ރަށް އޮންނާނީ މާލޭ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަން އޮންލައިން އިއްޔެ ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދު ވަނީ އެ ކުންފުނީގެ ދަށުން އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ގޮތަށް ކުޑަގިރި ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އިތުރު ތަފްސީލެއް އޭނާ ހިއްސާ ނުކުރެ އެވެ.
ޝިއުނާ ހާލިދުގެ އެ އިންޓަވިއުއާ ގުޅިގެން ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ "ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި،" ކަމަށެވެ.
"މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ," ހީނާ ވިދާޅުވި އެވެ.
މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރި ހުޅުވީ ފެބްރުއަރީ 11, 2023 ގަ އެވެ.
ކުޑަގިރީގެ ފާހާނާ ބަރިތަކާއި، ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައި ވެއެވެ. މި ތަންތަން ބޭނުންކުރުމަށް އެއްވެސް ފީއެއް ނުނަަގަ އެވެ.
ކުޑަގިރި މަނޭޖުކުރަމުން ދަނީ އެޗްޑީސީއިންނެވެ. ނަމަވެސް އަދަދު ނުހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް މެނޭޖުކުރުން އެމްއައިޓީޑީސީ އަށް ދިނުމަށް އެޗްޑީސީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން އެޗްޑީސީން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment