Advertisement

ކޮވިޑް ވެކްސިނުގައި، ފުރާނަ ގެއްލޭ ފަދަ ނުރައްކަލެއް؟ ކޯޓް ކޭސްތަކާއި އެސްޓްރެޒެނެކާގެ އިއުތިރާފް!

2 މޭ 2024 - 11:59 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެސްޓްރެޒެނެކާ ވެކްސިން، ކޮވިޑް-19 އަށް އެސްޓްރެޒެނެކާއިން އުފެއްދި ވެކްސިނުން މީހުން މަރުވި ކަމަށް ތުހުމަތުކޮށް، ގިނަ މައްސަލަތަކެއް ޔޫކޭގެ ކޯޓްތަކަށް ވަނީ ހުށަހަޅާފައި.


ކޮވިޑް ވެކްސިނުގައި، ފުރާނަ ގެއްލޭ ފަދަ ނުރައްކަލެއް؟ ކޯޓް ކޭސްތަކާއި އެސްޓްރެޒެނެކާގެ އިއުތިރާފް!

2 މޭ 2024 - 11:59 0

ކޮވިޑް-19 އިން ދިފާއުވާން އެންމެ ފުރަތަމަ ވެކްސިން އުފެއްދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓްރެޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިނުން، ނުރައްކާތެރި ސައިޑް އިފެކްޓެއް ކުރިމަތިވާ ކަމަށް ފުރަތަ ފަހަރަށް އިއުތިރާފް ވެފަ އެވެ. އިނގިރޭސިވިލާތުގެ ހައިކޯޓްގައި އެ ކުންފުންޏާ ދެކޮޅަށް ކޮށްފައިވާ ދައުވާ ތަކަކާ ގުޅިގެން ހުށަހެޅި ކަރުދާހެއްގައި އެކަމަށް އިއުތިރާފްވި ކަން އިނގިރޭސި ނޫސްތަކުގައި ރިޕޯޓްކުރީ އޭޕްރިލް 28 ގަ އެވެ.

އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގަައި އެސްޓްރެެޒެނެކާ ވެކްސިނުން، މީހުންގެ ދިރިއުޅުން ބަރުބާދުވާ ވަރުގެ ސައިޑް އިފެކްޓްތައް ކުރިމަތިވި ކަމަށް، ގެއްލުން ލިބުނު އާއިލާތަކުގެ ލޯޔަރުން ދައުވާ ކުރެ އެވެ.

އެފަދަ ފުރަތަމަ ދައުވާ އުފުލީ އެ ނޫހުން ބުނި ގޮތުގައި ދެކުދިންގެ ބައްޕައެއް ކަމަށްވާ ޖެމީ ސްކޮޓެވެ. އޭނާއަކީ 2021 ވަނަ އަހަރުގެ އޭޕްރިލްމަހު ކޮވިޑް ވެކްސިން ޖެހުމަށް ފަހު ގަނޑު ލޭކޮޅެއް އުފެދި، ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބިފައިވާ މީހެކެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ ދިރިއުޅުމަށް މަސައްކަތެއް ނުކުރެވޭ ވަރުގެ ނުކުޅެދުންތެރިކަމެއް ކުރިމަތިވެފަ އެވެ. ޓެލެގްރާފް ނޫހުން ބުނި ގޮތުގައި ސްކޮޓް މަރުވެދާނެ ކަމަށް ބުނެ އޭނާގެ އަންހެނުންނަށް ހޮސްޕިޓަލުން ތިން ފަހަރު ގުޅި އެވެ.

ސްކޮޓް ހުށަހެޅި މައްސަލާގައި އެސްޓްރެޒެނެކާއިން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅި ގާނޫނީ ކަރުދާހެއްގައި އެސްޓްރެޒެނެކާއިން އިއުތިރާފްވެފައިވާ ގޮތުގައި ކޮވިޑް ވެކްސިނުން "ޓީޓީއެސް" ކުރިމަތިވެދާނެ އެވެ.

ޓީޓީއެސް ( ތުރޮމްބޯސިސް ވިތު ތުރޮމްބޮކައިޓޮޕީނިއާ ސިންޑްރޯމް)


ޓީޓީއެސް އަކީ މީހުންގެ ލޭނާރުތަކުގައި ގަނޑު ލޭކޮޅެއް އުފެދުމާއި ލޭގެ ޕްލެޓެލެޓް ދަށްވާ ހާލަތަކަށް ދީފައިވާ ނަމެކެވެ.

އެ މައްސަލަ ކުރިމަތިވެ، މަރުވި މީހުންގެ އާއިލާތަކާއި އެ މައްސަލައިގެ ސަަބަބުން ގެއްލުންވީ މީހުން ހިމެނޭ ގޮތުން 51 މީހަކު ވަނީ އެސްޓްރެޒެނެކާއާ ދެކޮޅަށް އިނގިރޭސިވިލާތުގެ ހައިކޯޓުގައި ދައުވާ އުފުލައިފަ އެވެ. ގެއްލުމުގެ ބަދަލުހޯދަން އެ އެންމެން ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ އެކުންފުނިން ދޭން ޖެހޭ ބަދަލުގެ އަގު 100 މިލިޔަން ޕައުންޑަށް އަރާނެ އެވެ.

ވެކްސިނުން ޓީޓީއެސް ކުރިމަތިވާ ކަމަށް އެެސްޓްރެޒެނެކާއިން ވީ އިއުތިރާފަކީ ސްކޮޓްގެ ދައުވާއަށް ލިބުނު ގާނޫނީ ދިފާއެކެވެ. އެއާ އެކު ކޯޓުގައި ގާނޫނީ ގޮތުން ވަރުގަަދަ ކުރިމަތިލުންތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ.

ޓެލެގްރާފް ރިޕޯޓްގައިވާ ގޮތުން ސްކޮޓްގެ ދައުވާއަށް ޖަވާބުދާރީވަމުން އެސްޓްރެޒެނެކާއިން ކުރިން ބުނީ "ވެކްސިނުން ޖެނެރިކް ލެވެލްގައި ޓީޓީއެސް ކުރިމަތިވާ ކަމަށް ގަބޫލުނުކުރާ" ކަމަށެވެ.

އެކަމަކު އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅި ގާނޫނީ ލިއުމެއްގައި އެކުންފުނިން އެއްބަސްވެފައިވާ ގޮތުގައި އެކުންފުނީގެ ވެކްސިނުން ޓީޓީއެސް ކުރިމަތިވާ ކަަމަށެވެ. އެހެން ނަަމަވެސް އެއީ ވަރަށް މަދުން ވާ ކަމެއް ކަަމަށް ވެސް އެ ލިއުމުގައި ބުންޏެވެ. އެހެން ނަމަވެސް ގެއްލުން ލިބުނު މީހުން ކުރި ދައުވާގައި ދިފާއެއްގެ ގޮތުގައި އެ ލިއުމުގައި ބުނީ ވެކްސިން ނުދީ ހުންނަ ހާލަތުގައި ވެސް ޓީޓީއެސް ކުރިމަތިވާ ކަމަށެވެ.

ޓީޓީއެސްގައި ވާގޮތް

ވެކްސިން ދޭ ބައެއް މީހުންނަށް ކުރިމަތިވާ އާއް ސިއްހީ މައްސަލައެއްގެ ގޮތުގައި "ވެކްސިން އިންޑިއުސްޑް އިމިއުން ތުރޮމްބޮކައިޓޮޕީނިއާ (ވީއައިޓީޓީއެސް) ސައިންސް ވެރިން ދެނެގަތީ 2021 ވަނަ އަހަރުގެ މާޗް މަހު އެވެ. އެއީ ކޮވިޑްގެ ވެކްސިން ދޭން ހަމަ ފެށިތަނާ އެވެ.

އެސްޓްރެޒެނެކާއާ ދެކޮޅަށް ދައުވާކުރި މީހުންގެ ވަކީލުން ބުނާ ގޮތުގައި ވީއައިޓީޓީއެސް އަކީ ޓީޓީއެސްގެ ސަބްސެޓެކެވެ. އެހެން ނަމަވެސް އެސްޓްރެޒެނެކާ އިން އެ ޓާމް ބަލައެއް ނުގަނެ އެވެ.

ޓީޓީއެސްގައި ވާ ގޮތަކީ ސިކުނޑި ފަދަ ގުނަވަންތަކުގެ އެތެރޭގައިވާ ނާރުތަކުގައި ގަނޑުލޭކޮޅުކޮޅު އުފެދުމެވެ.

ޓީޓީއެސްގެ އަލާމާތްތައް

  • މެދުނުކެނޑި ބޮލުގައި ރިއްސުން
  • ލޯފުސްވުން
  • ނޭވާ ކުރުވުން
  • ފައި ދުޅަވުން
  • މެދުނުކެނޑި ބަނޑުގައި ރިއްސުން
  • ހަންގަނޑުގައި ފަސޭހައިން ކޫރުން އެޅުން ނުވަތަ ރަތްވުން

އެސްޓްރެޒެނެކާއާ ދެކޮޅަށް ފުރަތަމަ ދައުވާ އުފުލި ޖެމީ ސްކޮޓްގެ އަންހެނުން ކޭޓް ސްކޮޓް ދަ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ވީއައިޓީޓީއެސް އަކީ އޮތް މައްސަލައެއްކަން މެޑިކަލް ދާއިރާއިން ވަނީ މާކުރިއްސުރެ އެއްބަސްވެފަ އެވެ. އެވާހަކައާ މީގެ ކުރިން ދެކޮޅު ހެދި ހަމަ އެކަނި ބަޔަކީ އެސްޓްރެޒެނެކާ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.