Advertisement

އަލިފުށި ހޮސްޕިޓަލް މަޝްރޫއާ ގުޅޭ ގޮތުން ވަޒީރު ދޮގުހަދާ ކަމުގެ ތުހުމަތެއް

30 އޭޕްރީލް 2024 - 11:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންނަށް ޖަވާބުދެއްވަނީ: ހަލީލު ވިދާޅުވީ އަލިފުށީގައި ހޮސްޕިޓަލެއް އަޅަން ޗައިނާ ކުންފުންޏަކުން ސާވެ ކުރިކަން ނޭނގޭ ކަމަށް --- ފޮޓޯ: މަޖިލީހުގެ އިދާރާ


އަލިފުށި ހޮސްޕިޓަލް މަޝްރޫއާ ގުޅޭ ގޮތުން ވަޒީރު ދޮގުހަދާ ކަމުގެ ތުހުމަތެއް

30 އޭޕްރީލް 2024 - 11:11 0

ކުރީ ސަރުކާރުން ރ. އަލިފުށީގައި އަޅަން ނިންމި ހޮސްޕިޓަލްގެ މަޝްރޫއާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ދޮގު ހަދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ތުހުމަތުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މިނިސްޓަރު ހަލީލާ ސުވާލުކުރައްވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހަތަރު ހޮސްޕިޓަލްގެ ތެރޭގައި އަލިފުށި ހޮސްޕިޓަލް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އަލިފުށި ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ކަން މެމްބަރު ފާހަގަކުރެއްވި އެވެ. އެއާ ގުޅުވާ ކުރެއްވި ސުވާލުގައި މެމްބަރު އެއްސެވީ އެމްޓީސީސީން އަލިފުށީގައި ކުރަމުން އައި މަސައްކަތްތައް ހުއްޓިފައި ވާއިރު ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރެއްވީ ކީއްވެތޯ އާއޮ އެ މަސައްކަތް ކިހާ ދުވަހެއްގެ ތެރޭގައި ފެށޭނެތޯ އެވެ.

"ޗައިނާ ބޭފުޅުން އެތަނަށް ވަޑައިގެން ސާވޭ ކުރައްވައި ފޮޓޯތަކާ އެއްޗިހި ދައުރުވެފައި ހުރީ، މިނިސްޓްރީގައި ސޮއިވެސް ކޮށްފައި އޮތް ކަމެއް ވަޒީޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ވިދާޅުވުން އެއީ، ނޭނގި އޮތް ކަމަށް ވަންޏާ އެއީ މައުލޫމާތުގެ ކޮށިކަން، އެނގިވަަޑައިގެން ހުރެ ގަސްދުގައި ވިދާޅުވި ކަމަށް ވަންޏާ އެއީ ކަނޑައެޅިގެން އޮޅުވައިލި އޮޅުވަައިލުމެއް،" މެމްބަރު ވިދާޅުވި އެވެ.

ޖަވާބުގައި ހެލްތު މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށެވެ. އެކަމަކު ކުރިން ޗައިނާގެ ކުންފުންޏަކުން އެ ރަށުގައި ސާވޭ ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އޭގެ ފަހުން މުހައްމަދު ރަޝީދު ކުރެއްވި ދެވަނަ ސުވާލުގައި އެއްސެވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލްގެ މަޝްރޫއަށް ފަންޑުކުރަނީ ކޮންފަރާތަކުންތޯ އެވެ. މިނިސްޓަރު ވިދާޅުވީ ދެ ފަންޑިން ސޯސްއަކުން އެ މަޝްރޫއަށް ފައިސާ ހޯދަން މަސައްކަތްކުރަމުން އަންނަކަމަށާއި އެއް ސޯސްއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށެވެ.

މެމްބަރު ވިދާޅުވީ ކުޑަހުވަދޫ ހޮސްޕިޓަލާއި ގއ. ވިލިނގިލި ހޮސްޕިޓަލާއި ހއ. ދިއްދޫ ހޮސްޕިޓަލް އަކީ އަލިފުށި ހޮސްޕިޓަލާ އެކު އެއް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަޝްރޫއުތައް ކަމަށެވެ.

އޭނާ އެ ވިދާޅުވި ގޮތަށް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ހޮސްޕިޓަލްތަކުގެ މަޝްރޫއު ހިންގަން މެއި 30، 2022 ގައި ހެލްތު މިނިސްޓްރީން ކުންފުންޏަކާ ހަވާލުކުރި އެވެ.