Advertisement

ގުރައިދޫގައި ފެންބޮޑުވެ 50 އަށްވުރެ ގިނަ ގެއަށް ފެންވަދެ، ބައެއް ގެތަކުން މީހުން ބަދަލުކޮށްފި

30 އޭޕްރީލް 2024 - 13:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވުން -- ފޮޓޯ: އެންޑީއެމްއޭ


ގުރައިދޫގައި ފެންބޮޑުވެ 50 އަށްވުރެ ގިނަ ގެއަށް ފެންވަދެ، ބައެއް ގެތަކުން މީހުން ބަދަލުކޮށްފި

30 އޭޕްރީލް 2024 - 13:11 0

ކ. ގުރައިދޫއަށް ރޭ ބޯކޮށް ވާރޭވެހި 50 އަށްވުރެ ގިނަ ގެއަށް ފެން ވަދެ، ގިނަ ގެތަކުން މީހުން ބަދަލުކޮށްފި އެވެ.

ގުރައިދޫ ކައުންސިލުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ވާރޭވެހި ވަރަށް ބޮޑަށް ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި ވަރަށް ގިނަ ގެތަކުން މީހުން ގެސްޓްހައުސްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ގުރައިދޫއަށް ވާރޭވެހި ފެންބޮޑުވެގެން ގެއްލުންތަކެއް ވެފައިވާއިރު، މިފަހަރު ލިބުނު ގެއްލުން މިދިޔަ ޑިސެމްބަރަށްވުރެ ބޮޑުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ގެތަކަށް ލިބުނު ގެއްލުންތައް އަޅުގަނޑުމެން މިދަނީ އެއްކުރަމުން. ބެލެވޭ ގޮތުގައި 50 އަށްވުރެ ގިނަ ގެއަށް ފެން ވަނީ ވަދެފައި. ސީދާ އަދަދު އެނގޭނީ މައުލޫމާތު އެއްކުރެވުނީމަ،" އޮފިޝަލް ވިދާޅުވި އެވެ.

ގުރައިދޫގައި ފެންބޮޑުވި ގެތަކުން ރޭ ވެސް ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދިޔަކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވީ މިއަދު ބާކީ ގެތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) ގެ މީޑިއާ އޮފިޝަލް އަލީ އާސިރު "އަދަދު" އަށް ވިދާޅުވީ ކައުންސިލާ ގުޅިގެން ރަށަށް ލިބުނު ގެއްލުން ހޯދަމުން އަންނަ ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ފ. ނިލަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ރެކޯޑުތަކުން ދައްކާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ މިދިޔަ 24 ގަޑިއިރު ނިލަންދޫއަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހދ. މަކުނުދޫއަށް 45.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، ނ. މާފަރަށް 45.2 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

"މިއަދާއި މިރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ. މާދަމާ ރާއްޖޭގެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ،" މެޓް އޮފީހުން ބުނެ އެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހެނދުނު 10:30 އިން ހަވީރު 16:30 އަށް ހުދު ސަމާލު ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް 12:45 އިން ހަވީރު 17:00 އަށް ރީނދޫ ސަމާލު ވަނީ ނެރެފަ އެވެ.

އައްޑޫ ސިޓީއަށް މިދިޔަ ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ސ. ފޭދޫގެ ގެތަކަށް ވެސް ވަނީ ފެން ވަދެ ގެއްލުންތަކެއް ވެފަ އެވެ. އަދި ބައެއް ގެތަކުން މީހުން ވެސް ބަދަލުކުރި އެވެ.