30 އޭޕްރީލް 2024 - 10:44 0
ހަސަން މުހައްމަދު
ލާމު ގަމުން ދޫކޮށްފައިވާ ބިންތަކެއް ހުސްކޮށް: ބިލުގައި ބުނަނީ ފަސް އަހަރު ތެރޭގައި ގޯތި ލިބުނު މީހާ އެތަނުގައި ދިރިއުޅެން ފަށަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް
30 އޭޕްރީލް 2024 - 10:44 0
އާންމު ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ބިން ދައުލަތަށް އަނބުރާ ނެގޭނެ ފަސޭހަ އުސޫލުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިމުގެ ބިލުގައި ހިމަނައިފި އެވެ.
ދިރިއުޅެން ދޫކުރާ ބަންޑާރަ ބިން ދައުލަތަށް ނެގޭނެ ހަތަރު އުސޫލެއް އެ ބިލުގައި އޮތީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ކަންބޮޑުވާ އުސޫލަކީ، ގޯތި ދޫކޮށްފައިވާ ފަރާތުން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފެށުމެވެ.
ގޯތި ދޫކުރާތާ ފަސް އަހަރުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިނުއުޅޭ ނަމަ ގޯތި ނެގޭނެ މާއްދާއެއް މިހާރު އަމަލު ކުރަމުންދާ ބިމާ ބެހޭ ގާނޫނުގައި ވެސް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ މާއްދާގައި، ގޯތި ދޫކުރި މީހާ އެ ގޯއްޗެއްގައި ދިރިއުޅެން މަޖުބޫރެއް ނުކުރެ އެވެ.
ސަރުކާރުން ހުށަހެޅި އާ ބިމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ފަށަންޖެހެނީ ސީދާ އެ ގޯތި ދޫކުރި މީހާ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ނެތް އުސޫލަކަށް ދެން ހިމަނާފައި އޮތީ، އެ ގޯއްޗެއް ލިބިގަނެފައި ވަނީ އޮޅުވާލައިގެން ކަމަށްވާ ނަމަ އަނބުރާ ނެގޭނެ އުސޫލެވެ.
ސަރުކާރުން ހުށަހަޅާފައި އޮތް ބިމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރައްވަމުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށައިފި ނަމަ އަނބުރާ ދައުލަތަށް ގޯތި ނެގޭނެ އުސޫލަށް ބައެއް މެންބަރުން ވަނީ ފާޑުކިޔައިފަ އެވެ.
އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ގޯތި ދޫކުރި ނަމަވެސް އެ ތަނުގައި އިމާރާތެއް އެޅުމުގެ މަގު ނުދައްކައި އަދި އެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމްނުކޮށް، ފަސް އަހަރު ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށާ ނަމަ އެ ގޯއްޗެއް އަތުލުން އިންސާފުވެރި ނޫން ކަމަށެވެ.
"މިއަދު ރައްޔިތުންގެ ގޯތި ނަގަން އަޅުގަނޑުމެން ބިލެއް ފާސްކުރާއިރުގައި އެ ގޯތީގައި ރައްޔިތުން ދިރިނޫޅެނީ ކީއްވެތޯ ވެސް އަޅުގަނޑުމެންނަށް ސާފުކޮށް އިނގެން އެބަޖެހޭ. އެއީ ރައްޔިތުންގެ މައްސަލައެއް ނޫން. އެ ހިދުމަތާއި އެ ފުރުސަތާއ، އެ ތަނަވަސް ކަމާއި އެ ބޭންކު ލޯނާއި އެ ހުރިހާ އެއްޗެއް ހަމަކޮށްދީފައި ދެން އެތާ ރައްޔިތު މީހާ ނެތީމާ ބުނަންޖެހެނީ ފަސް އަހަރު ދުވަހު ނޫޅެންޏާ ގެ ނެގޭނޭ،" ޣަފޫރު ވިދާޅުވި އެވެ.
Comment