28 އޭޕްރީލް 2024 - 15:44 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލު : ފާޑުކިޔުންތަކާއެކު ރައީސް އޮފީހުން ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
28 އޭޕްރީލް 2024 - 15:44 1
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރުމާއެކު ކުރިމަތިވި ފާޑުކިޔުންތަކަށްފަހު, ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ފޯނު ވެއްދުން މަނާ ކަމަށް ރައީސް އޮފީހުން އެންގީ އެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިން ދިއުމުންނެވެ. ނަމަވެސް، ކުރިން އެންގިފައި ނެތުމުން މިއަދު ވަނީ ފޯނު ވެއްދުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން އޭރު ބުންޏެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން ބުނީ އެ އޮފީހުގެ ސަލާމަތީ އާއްމު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ. ނަމަވެސް ނޫސްވެރިންނަށް މިއަދުވެސް ހާއްސަ ހުއްދައެއް ދިން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ ގޮތަށް ފޯނު ވެއްދޭނެ ކަމަށެވެ.
އަދި ނޫސްވެރިންގެ ފޯނު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވެއްދޭގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.
ހަލީލު މިހެން ވިދާޅުވިއިރު، ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދޭނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއަދުގެ ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، "އެ މައްސަލަ އިތުރަށް ތަކުރާރު ނުވާނެ ގޮތަކަށް އެރޭންޖްމަންޓު ކުރިއަށް ގެންދިއުމަށްޓަކާ އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން،" މިފަދައިންނެވެ.
މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އާންމު ގިނަ ބަޔަކު ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެގޮތުން މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށާއި މިއީ ޑިމޮކްރަސީއާ ބީރަށްޓެހި ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment