Advertisement

މަރުވި މީހާ ހާލުބޮޑުވިއިރު އެމްބިއުލާންސްގަ އޮކްސިޖަން ނެތް މައްސަލައެއް

28 އޭޕްރީލް 2024 - 13:47 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެމްބިއުލާންސެއް: އެ މީހާ މަރުވީ ސީ އެމްބިއުލާންސްގައި އުފުލަނިކޮށް -- ފޮޓޯ: އަދަދު


މަރުވި މީހާ ހާލުބޮޑުވިއިރު އެމްބިއުލާންސްގަ އޮކްސިޖަން ނެތް މައްސަލައެއް

28 އޭޕްރީލް 2024 - 13:47 0

ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ހާލުދެރަވެގެން މާލެ ގެނައުމަށް ރޭ އެ އަތޮޅު ތިމަރަފުށީ ސިއްހީ މަރުކަޒަށް ފޮނުވި ބަލި މީހާގެ ހާލު ބޮޑުވިއިރު، އެމްބިއުލާންސްގައި އޮކްސިޖަން ނެތް ކަމަށް އާއިލާއިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން ތިމަރަފުށީގައި ނިޔާވީ އެ އަތޮޅު ކިނބިދޫ، ހިތައްފިނިވާގޭ، އަޒީޒާ އިބްރާހީމް، 74 އެވެ.

މިކަމާ ގުޅޭ މައުލޫމާތު "އަދަދު" އަށް ދެމުން އަޒީޒާގެ އާއިލާއިން ބުނީ އޭނާއަކީ ނޭވާލުމުގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އަދި ހާލުބޮޑުވެގެން އަޒީޒާ މާލެ ގެންދަން ވޭމަންޑޫ ހޮސްޕިޓަލުން ރިފާ ކުރީ އެ ހޮސްޕިޓަލުގައި ތިން ދުވަހު ފަރުވާދިނުމަށް ފަހުގައި ކަމަށް އާއިލާއިން ބުނެ އެވެ.

މާލެ ގެންދިޔުމަށް ސީ އެމްބިއުލާންސްގައި އަޒީޒާ ތިމަރަފުއްޓަށް ގެންދިޔައީ ވެސް އޮކްސިޖަން ގުޅައިގެނެވެ. އޭނާގެ ހާލު ބޮޑަށް ދެރަވީ އެމްބިއުލާންސްގައި އެއާޕޯޓަށް ގެންދިޔަ މަގުމަތީގަ އެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭރު ގުޅާފައި ހުރި އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވުމާއެކު ބަލި މީހާ ވަރަށް ބޮޑަށް ތެޅެންފެށި އެވެ. އަދި އޭރު އެމްބިއުލާންސްގައި ހުރީ އޮކްސިޖަންގެ ހުސް ފުޅިއެއް ކަމަށް އާއިލާއިން ބުނެ އެވެ.

"އެއާޕޯޓާ ވަރަށް ކައިރި ވެފަ ހުއްޓާ އޮކްސިޖަންފުޅި ހުސްވެގެން ބަލި މީހާ ތެޅެންފެށީ. ދެން އެމްބިއުލާންސްގަ ހުރި ފުޅީގަ ވެސް އޮކްސިޖަން ނެތީމާ އަނބުރާ ތިމަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ،" އަޒީޒާގެ އާއިލާއިން ބުނެ އެވެ.

އަޒީޒާ މަރުވީ ތިމަރަފުށި ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުންނެވެ.

އިހުމާލުގެ ސަބަބުން ފަރުވާ ލަސްވެގެން އަތޮޅު ތެރެއިން މާލެ ގެންނަ ގިނަ ބަޔަކު މީގެ ކުރިން ވެސް މަރުވެފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހު ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވެގެން އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ވެސް މަރުވި އެވެ.