Advertisement

ހުލާސާކޮށް އިއްޔެ: ރައީސް ވިދާޅުވި ގޮތަށް ފެނާއި ކަރަންޓުގެ ޑިސްކައުންޓެއް ނުދިން!

28 އޭޕްރީލް 2024 - 07:19 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ރައީސް ވިދާޅުވި ގޮތަށް ފެނާއި ކަރަންޓުގެ ޑިސްކައުންޓެއް ނުދިން!

28 އޭޕްރީލް 2024 - 07:19 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެނަށް ސްޓެލްކޯ އަދި އެމްޑަބްލިޔޫއެސްއީން ޑިސްކައުންޓެއް ނުދިން ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އާންމު މަސްތަކަށް ވުރެ ގިނައިން ރޯދަ މަހު ކަރަންޓާއި ފެން ބިލު ބޮޑުވާތީ, އެކަމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު ލުއި ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓާއި ފެން ބިލު ކެޕް ކުރަން އެންގެވި އެވެ. ނަމަވެސް ރޯދަ މަހު ބޭނުން ކުރި ފެނާއި ކަރަންޓުގެ ބިލުތައް މިހާރު އަންނަމުން ދާއިރު އޭގައި ޑިސްކައުންޓެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައި ރޯދަ މަހު ކަރަންޓާއި ފެން ބިލު ބޮޑުވާތީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"ރަމަޟާން މަހު އާންމުކޮށް ކަރަންޓް ބިލާއި ފެން ބިލް ވަރަށް ބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ" މާޗް 4، ގައި ބޭއްވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ޔުޓިލިޓީ ކުންފުނިތަކުގެ ބަސް ތަފާތު ވެއްޖެ އެވެ. އެ ކުންފުނިތަކުން ބުނީ ޑިސްކައުންޓު ދޭން ނިންމީ ރޯދަ މަހު ފޮނުވި ބިލުތަކަށް އެކަނި ކަމަށެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ޕީކު އެދިޔައީ ރޯދަމަހާއި ރޯދަމަހުގެ ކުރީގަ އޮންނަ މަހަށް. އެ މަހުގެ ބިލު ބޮޑުވެގެން ދާނީ, މި ދުވަސްވަރު އެ ޕީކެއް ނުއެއް ފެނޭ. އެހެންކަމުން އެ ބޮޑު ބިލަށް ޑިސްކައުންޓް މިހާރު ދެވިފައި އިނީ. ދެން އަންނަ ބިލަކަށް އިތުރަކަށް ޑިސްކައުންޓެއް ނުދޭނެ،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓުގެ ގޮތުގައި 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދިނުމުގެ ކޮންސެޕްޓަކީ ރޯދަ މަސް ތެރޭގައި ފެން ބިލު ބޮޑުވުމުން މާލީ ގޮތުން އަންނަ ބުރަ ކުޑަކޮށް ދިނުން ކަމަށެވެ.

"ރޯދަ މަހުގެ ބިލު ކިޔާ ބިލެއް ނުދާނެ. ދާނީ މާޗް މަހުގެ ބިލު ނޫނީ އޭޕްރީލް މަހުގެ ބިލު. މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން ނިންމީ [ޑިސްކައުންޓު ދޭން ޖެހޭނީ] ރޯދަ މަހު ދާ ބިލު ކަމަށް،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭ 35,906 މީހުންނަށް ޖުމްލަ 14.2 މިލިއަން ރުފިޔާގެ ޑިސްކައުންޓު މި ރޯދަ މަހު ދީފައިވާ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު